އިދިކޮޅު އެންމެ ބޮޑު ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުޤުވެރިކަން އެބަހުރި ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އަދަދު ނޫހުގެ "އެތެރެފުށް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، ނައިބު ރައީސްކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު ވެސް ޤައުމަށް ގެންނަން ބޭނުންފުޅުވި ބަދަލުތަކަކާއި ޤައުމާމެދު ކުރެއްވި އުއްމީދުތަކެއް ހުރި ކަމަށެވެ. އަދި އެ ކަންކަން ޙާޞިލުކުރުމަށްޓަކައި އޭރުން ފަށައިގެން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ވެސް ޤައުމާ ދޭތެރޭގައި ދެކޭ އުއްމީދުތަކެއް އެބަހުރި. އެހެންވީމާ މި ޝައުޤުވެރިކަމަކީ، މިއަދު އަޅުގަނޑު ނެތޭ ބުންޏަސް އެ ޤަބޫލުކުރާނެ ބަޔަކު ވެސް ނުތިބޭނެ. އެ ޝައުޤުވެރިކަން އެބައޮތް، އެ އުއްމީދު އެބައޮތް، އެ މަސައްކަތް އެގޮތަށް އެބަ ކުރެވޭ،" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކުރެވޭނެ ކޮންމެ ގޮތަކަށް ޕާޓީން އިޖާބަދޭން ޖެހެއެވެ. އެގޮތުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު މުޅި އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްފި ނަމަ، އިންތިޚާބު ކާމިޔާބުވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. އަދި ޕާޓީގެ ފަރާތުން ކޮންމެ ބޭފުޅަކު ނުކުތް ނަމަވެސް، މުޅި ޕާޓީ އެ ބޭފުޅެއްގެ ފަހަތުގައި އޮވެގެން މެނުވީ 2028 ކާމިޔާބުކުރުން ދަތިވާނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.


