ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުގެ ދަށުން އައްޔަންކުރަންޖެހޭ "ޗީފް ސްޓެޓިސްޓީޝަން" ގެ މަޤާމުގެ ދައުރު ހަމަވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
މި މަޤާމުގައި މިހާރު ހުންނެވީ ތަފާސްހިސާބުގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޢާއިޝަތު ޙަސަނެވެ. އޭނާއަކީ އިކޮނޮމެޓްރިކްސްއިން މާސްޓާސް ޑިގްރީ އަދި އިކޮނޮމިކްސް އެންޑް މެނޭޖްމަންޓްއިން ބެޗެލާސް ޑިގްރީ ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.
ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު އެ އޮފީހުގެ ރިސެޕްޝަނުންނާއި، ރަސްމީ ވެބްސައިޓް (https://presidency.gov.mv) އިން ޑައުންލޯޑް ކުރެވޭނެއެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މި ހިނގާ ޖުލައި މަހުގެ 28 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ. ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށެވެ.
ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނަކީ ރާއްޖޭގައި ތަފާސްހިސާބާބެހޭ ޤައުމީ ނިޒާމެއް ޤާއިމުކޮށް، ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެ މަޢުލޫމާތު ޢާންމުކުރުމާއި ބޭނުންކުރުމުގެ އުޞޫލުތައް ކަނޑައަޅާ ޤާނޫނެވެ. މި ޤާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިންގާނީ މާލީ ވަޒީރުގެ ލަފާގެ މަތިން ޗީފް ސްޓެޓިސްޓީޝަނެވެ. އަދި ބިއުރޯއާ ގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރެވެ.
މީގެ އިތުރުން، ތަފާސްހިސާބާގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް ލަފާދޭ 10 މެންބަރުންގެ މައްޗަށް އެކުލެވޭ "ސްޓެޓިސްޓިކަލް ކައުންސިލެއް" ވެސް ޤާނޫނުގެ ދަށުން އޮވެއެވެ. މި މަޤާމަށް ކަނޑައަޅުއްވަނީ މަޤާމަށް ހުޅުވާލުމުން ކުރިމަތިލާ ބޭފުޅުންގެ ތެރެއިންނެވެ. މިމަޤާމަށް ބޭފުޅަކު އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ޤައުމުގެ އިޤްތިޞާދީ، އިޖްތިމާޢީ އަދި ތިމާވެށީގެ ޙާލަތު އަންގައިދޭ މުހިންމު ތަފާސްހިސާބު ޤައުމީ ފެންވަރުގައި އެއްކޮށް، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އިތުބާރުހުރި ގޮތެއްގައި، އެއްހަމައެއްގައި ފޯރުކޮށްދިނުމެވެ.


