ޔޫތު އޮންޓްރަޕްރަނަރސް އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި، ފޮޓޯ: ރައީސް އޮފީސް

ބީއެމްއެލްގައި ޑޮލަރު އެބަހުރި، ދޮގު ވާހަކަ ފަތުރާނަމަ އިޤްތިޞާދަށް ބޮޑު ގެއްލުމެއް ލިބިދާނެ: ސީއީއޯ ޝަރީފް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ޑޮލަރު ނެތް ކަމަށް ބުނެ ދޮގު ވާހަކަ ފަތުރާނަމަ، ރާއްޖޭގެ އިޤްތިޞާދަށް ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ލިބުން އެކަށީގެންވާ ކަމަށް އެ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޔޫތު އޮންޓްރަޕްރަނަރސް އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ބީއެމްއެލްއަކީ އިޤްތިޞާދާ ގުޅިލާމެހިފައިވާ ބޭންކަކަށް ވުމުން، ބޭންކާ މެދު ނުރަނގަޅު ތަސައްވުރެއް އުފައްދަން ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތަކުގެ ނޭދެވޭ އަސަރު މުޅި ޤައުމަށް ކުރާނެ ކަމަށެވެ.

ޑޮލަރުގެ ޙާލަތަށް އަލިއަޅުއްވާލައްވަމުން ޝަރީފް ވިދާޅުވީ، 2021 ވަނަ އަހަރު ބޭންކުން މަހެއްގެ މައްޗަށް އެވްރެޖްކޮށް ވިއްކާފައިވަނީ 21 މިލިޔަން ޑޮލަރު ނަމަވެސް، މިއަހަރު ކޮންމެ މަހަކު އެވްރެޖްކޮށް 80 މިލިޔަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކަމުންދާ ކަމަށެވެ. މިއީ ބޭންކުގެ ތާރީޚުގައިވެސް އެންމެ ގިނައިން ޑޮލަރު ވިއްކި މުއްދަތު ކަމަށާއި، ނަމަވެސް ޑޮލަރު ގަންނަން ލިބޭ މިންވަރަށްވުރެ ވިއްކަންޖެހޭ އަދަދު އިތުރުވުމުން އެކަން މެނޭޖްކުރުމުގެ ދަތިތައް ހުންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރަށްރަށުގައި އޭޓީއެމް ބެހެއްޓުމަކީ ބޭކާރު ޚަރަދެއް ކަމަށް ބުނާ ވާހަކަތައް ދޮގުކުރައްވަމުން ޝަރީފް ވިދާޅުވީ، އެއީ ރައްޔިތުން ބޭނުންވެގެން ދޭ ޚިދުމަތެއް ކަމަށާއި އެއީ ބޭންކުގެ ޒިންމާއެއް ކަމަށެވެ. އަދި ބޭންކުގެ މާލީ އެހީތެރިކަމަށް ބަލާއިރު، މިދިޔަ އަހަރު ޖުމްލަ 10 ބިލިޔަން ރުފިޔާގެ ލޯނު ދޫކުރިއިރު، މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އެކަނިވެސް 8 ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށް އިޤްތިޞާދަށް ބޮޑު އެއްބާރުލުމެއް ދީފައިވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ