އުރުދުންގައި ހުންނަ އަސްކަރީ ބޭހަކަށް އީރާނުން ދިން ޑްރޯން އަދި މިސައިލް ޙަމަލާއެއްގައި އެމެރިކާގެ ދެ ސިފައިން މަރުވެ، އެކަކު ގެއްލިފައިވާކަން ކަށަވަރުވުމާ ގުޅިގެން، ބަދަލުހިފުމުގެ ގޮތުން އެމެރިކާގެ އަސްކަރިއްޔާއިން ހޮނިހިރު ދުވަހު އީރާނަށް އައު ވައިގެ ޙަމަލާތަކެއްވަނީ ދީފަ.

އެމެރިކާ ސިފައިންގެ މަރުގެ ބަދަލުގައި އީރާނަށް ވަރުގަދަ ޙަމަލާތަކެއް!

އުރުދުންގައި ހުންނަ އެމެރިކާގެ އަޝްކަރީ ބޭހަކަށް ދިން ޙަމަލާއެއްގައި އެމެރިކާ ސިފައިންގެ ދެ މީހަކު މަރުވެ، އެކަކު ގެއްލި، އަދި ހަތަރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުމާ ގުޅިގެން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑަށް "އަވަސް އަދަބެއް ދިނުމުގެ ގޮތުން" އާދިއްތަ ދުވަހު އީރާނަށް އައު ވައިގެ ޙަމަލާތަކެއް ދީފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންގެވުމަށް މި ވައިގެ ޙަމަލާތައް ދޭން ފަށާފައިވަނީ  ޖީ.އެމ.ްޓީން ގަޑިން 22:00 ގައި ކަމަށެވެ.

"މި ޙަމަލާތަކަކީ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރަށް ނުރައްކާކުރުމަށް އީރާނަށް އޮތް ޤާބިލުކަން އިތުރަށް ބަލިކަށިކޮށްލުމަށާއި،  އުރުދުންގައި ތިބި އެމެރިކާ ސިފައިންނަށް ޙަމަލާދިން އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ފައުޖުތަކަށް  އަދަބުދިނުމަށް ދެވުނު ޙަމަލާތަކެއް،"  ބަޔާނުގައި ބުނެފައިވެއެވެ.

ހަނގުރާމަ ފެށުމުގެ ކުރިން، ދުނިޔެއަށް ބޭނުންވާ ސާފުނުކުރާ ތެލުގެ ގާތްގަނޑަކަށް 20 އިންސައްތަ ސަޕްލައި ކުރަނީ މި ކަނޑުގެ ސަރަޙައްދުންނެވެ. ނަމަވެސް، ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން ތެހެރާނަށް ދިން ޙަމަލާތަކާއެކު ހަނގުރާމަ ފެށުމުން، އީރާނުން ވަނީ މި ކަނޑުއޮޅި އުޅަނދުފަހަރަށް އަމަލީގޮތުން ބަންދުކޮށްފައެވެ.

އާދައިގެ މަތިން އީރާނުން ވެސް ވަނީ އެ ސަރަޙައްދުގައި ތިބި އެމެރިކާގެ މަދަދުގާރުންނަށް ރައްދު ޙަމަލާދީފައެވެ. އެގޮތުން އާދިއްތަ ދުވަހުގެ ހެނދުނުގެ ކުރީކޮޅު އިރްބީލް ކައިރީގައި ހުންނަ ކުރުދިސްތާން ފްރީޑަމް ޕާޓީގެ ބޭހަކަށް ޑްރޯން ޙަމަލާއެއް ދީފައިވާއިރު، ފަތިސްވުމުގެ ކުރިން ކުވައިތުގައި ހުންނަ އެމެރިކާގެ ދެ ބޭހަކަށް " ޖާނުން ފިދާވާ ޑްރޯންތަކުން ޙަމަލާދީފައިވެއެވެ.

އީރާނުގެ ދައުލަތުގެ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ ލަޝްކަރުން ވަނީ ކުވައިތުގައި ހުންނަ އެމެރިކާ ސިފައިންގެ ހަތިޔާރު ގުދަނެއް ކަމަށްވާ 'ކޭމްޕް އުދައިރީ' އަށާއި، 'ޢަލީ އަލް ސާލިމް އެއާ ބޭސް' ގައި ހުރި ޕޭޓްރިއަޓް ރާޑަރު ސިސްޓަމަށާއި ވައިގެ މޮނިޓަރިންގ ރާޑަރަށް އަމާޒުކޮށް  ޑްރޯން ބޭނުންކޮށްގެން ބޮޑެތި ޙަމަލާތަކެއް ދީފައެވެ.

އައު ޙަމަލާތައް އިރާނަށް، މިދިނީ، ހުކުރު ދުވަހު އުރުދުންގެ ބޭހަކަށް ދިން ޑްރޯން އަދި މިސައިލް ޙަމަލާއެއްގައި، ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް އީރާނުގެ ސީދާ ޙަމަލާއަކުން އެމެރިކާ ސިފައިން މަރުވިކަން އެމެރިކާ އަސްކަރިއްޔާއިން އިޢުލާންކުރި ފަހުންނެވެ. މަރުވި މީހުންގެ އައިޑެންޓިޓީ ހާމަކޮށްފައެއް ނުވެއެވެ. އަދި ސެންޓްރަލް ކޮމާންޑުން މި މަރުތަކާ ބެހޭ އިތުރު ތަފްޞީލެއް ދީފައެއް ނުވެއެވެ.

ހަނގުރާމަ ފެށުނު ފަހުން އެމެރިކާ ސިފައިންގެ 16 މީހަކު މަރުވެ، 430 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

މީގެ ކުރިން ރިޕޯޓްކޮށްފައިވާ އެމެރިކާ ސިފައިންގެ މަރަކީ މި މަހުގެ ކުރީކޮޅު ޢަރަބި ކަނޑަށް ވެއްޓުނު ހެލިކޮޕްޓަރެއްގެ ޕައިލެޓެއްގެ މަރެވެ. ހަނގުރާމައިގެ ކުރީކޮޅު ކުވައިތުގެ ކޮމާންޑް ސެންޓަރަކަށް އީރާނުން ދިން ޑްރޯން ޙަމަލާއެއްގައި ހަ ސިފައިން މަރުވިއެވެ. ސައުދީ އަރަބިއްޔާގެ ބޭހަކަށް ދިން ޙަމަލާއެއްގައި އެކަކު މަރުވިއިރު، ޢިރާޤުގައި ތެޔޮ އަޅާ މަތިންދާބޯޓެއް ވެއްޓި ހަ މީހަކު މަރުވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ