މަދީނާގެ ހުޅަނގު އުތުރުން އެންމެ 30 ކިލޯމީޓަރު ދުރުގައި، ސައުދީ އަރަބިއްޔާގެ އެންމެ ހައިރާންކުރުވަނިވި އެއް ފަތުރުވެރި މަންޒިލް ކަމަށްވާ "ވާދީއޭ ޖިން" އޮވެއެވެ. ދިވެހިން މިތަނަށް ކިޔާ އުޅެނީ ޖިންނި ވާދީއެވެ. މިއީ އެތައް އަހަރެއްގެ ކުށްހީތަކާއި، ދީނީ ފޯކްލޯރާއި، އަދި ސައިންސީ ބަހުސްތަކެއް އުފެދިފައިވާ، އަމިއްލައަށް ކާރުތަކާއި ބަސްތަކާއި އުޅަނދުތައް ދަތުރުކުރާހެން ހީވާ ވާދީއެކެވެ.
"ވާދީ އަލް-ބައިޟާ" ގެ ނަމުންވެސް މަޝްހޫރު މި އެކަހެރި ވާދީއަކީ ހިލަ ފަރުބަދަތަކުން ވަށާލެވިފައިވާ، މީހުން ދިރިނޫޅޭ ހިތްގައިމު ސަރަހައްދެކެވެ. ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ މީހުން، މުސްތަހީލު ކަމެއްގެ ގޮތުގައި ސިފަކުރެވޭ މި ކަންތައް ތަޖުރިބާކުރުމަށް މި މަގުތަކަށް މަޑުކުރެއެވެ. އެއީ އިންޖީނު ނިއްވާލައި، ނިއުޓްރަލްގައި ބަހައްޓާފައި ހުންނަ އުޅަނދުތައް، އެއްވެސް ޑްރައިވަރެއްގެ އެހީއާ ނުލައި އަމިއްލައަށް ދަތުރުކުރަން ފަށާތީއެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުގައި ކާރުތަކުގެ ދުވެލި ގަޑިއަކު 120 ކިލޯމީޓަރަށް އަރާއިރު، މަގުމައްޗަށް އޮއްސާލާ ފެންވެސް ދަތުރުކުރަނީ އުސްމިނާ ދިމާލަށެވެ. މި އާދަޔާ ހިލާފު ކަންތައްތަކުގެ ސަބަބުން މިތަނަށް "ވާދީއޭ ޖިން" ގެ ނަން ދެވިފައިވާއިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މީގެ ފަހަތުގައިވަނީ ރޫހާނީ ބާރުތަކެކެވެ.
މި ވާދީގެ މަގުބޫލުކަން އިސްލާމީ ތާރީޚާވެސް ގުޅިފައިވެއެވެ. ކީރިތި ގުރުއާނުގައި ޖިންނީންގެ ވާހަކަ އެތައް ފަހަރަކު ބަޔާންކުރައްވާފައިވާއިރު، އެއީ އިންސާނުންނާ އެކު ދިރިއުޅޭ، ދުމެއް ނެތް އަލިފާނުން އުފައްދަވާފައިވާ، ލޮލަށް ނުފެންނަ މަޚްލޫގުންތަކެއްގެ ގޮތުގައި ސިފަކުރައްވާފައިވެއެވެ. ގަރުނުތަކެއް ފާއިތުވެގެން ދިޔައިރު، ޖިންނީންނާއި މި ވާދީއާ ގުޅުވައިގެން ދެކެވޭ ވާހަކަތައް ވަނީ އެ ސަރަހައްދުގެ މީހުންގެ ގަބޫލުކުރުންތަކުގައި ވަރުގަދައަށް ބަދަލުވެފައެވެ.
މަޝްހޫރު އެއް ރިވާޔަތެއްގައިވާ ގޮތުން، ރަސޫލާ (ޞޢވ) ރޭގަނޑެއްގައި ގެއްލިވަޑައިގަތުމުން، އެކަލޭގެފާނުގެ އަސްހާބު ބޭކަލުން ފަރުބަދަތަކާއި ވާދީތަކުގެ ތެރޭގައި އެކަލޭގެފާނު ހޯއްދެވިއެވެ. ހަދީޘްގައިވާ ގޮތުން، ފަހުން ރަސޫލާ (ޞޢވ) ބަޔާންކޮށްދެއްވި ގޮތުގައި އެކަލޭގެފާނު ވަޑައިގަތީ ޖިންނީންގެ ޖަމާއަތަކަށް ގުރުއާން ކިޔަވައިދެއްވުމަށެވެ.
އެހެން ވާހަކައެއްގައި ބުނާގޮތުން، މި ވާދީގެ ތެރެއިން ދަތުރުކުރި ޔަހޫދީއަކު، މުއުޖިޒާތެއް ދެއްކެވުމަށް ރަސޫލާ (ޞޢވ) އަށް ގޮންޖެހިއެވެ. ރަސޫލާ (ޞޢވ) ގަހަކަށް ގޮވާލެއްވުމުން އެ ގަސް އެކަލޭގެފާނާ ދިމާލަށް ހިނގާފައި އައި ކަމަށާއި، އެކަމުގެ ސަބަބުން އެ މީހާ އިސްލާމްވި ކަމަށް ބުނެވެއެވެ.
މި ސިއްރުތަކުގެ އިތުރަށް، އިރުއޮއްސުމަށްފަހު އެ ސަރަހައްދުން ފޭބުމަށް އިންޒާރުދޭ އާދަޔާ ހިލާފު އަޑުތައް އިވޭ ކަމަށްވެސް އެ ސަރަހައްދުގެ މީހުން ބުނެއުޅެއެވެ.
ނަމަވެސް، ސައިންސްވެރިން މިކަމަށް ދެނީ ތަފާތު މާނައެކެވެ. ގިނަ މާހިރުން ގަބޫލުކުރާ ގޮތުގައި ވާދީއޭ ޖިން އަކީ "ގްރެވިޓީ ހިލް" އެއްގެ މިސާލެކެވެ. މިއީ ވަށައިގެންވާ މަންޒަރުތަކުގެ ސަބަބުން ލޮލަށް ފެންނަ ކުށްހީއެކެވެ ނުވަތަ އިނގިރޭސި ލަފުޒަކުން ބުނާނަމަ އޮޕްޓިކަލް އިލޫޝަންއެކެވެ. މިފަދަ ތަންތަނުގައި، އަސްލު ތިރިއަށް އޮންނަ ބިންގަނޑު، ވަށައިގެންވާ ފަރުބަދަތަކުގެ ބައްޓަމުގެ ސަބަބުން ހީވަނީ މައްޗަށް އޮންނަ އުސްމިނެއް ހެންނެވެ. އެހެންކަމުން، އެއްޗެހި ތިރިއަށް ފުރޮޅެމުންދާއިރު ލޮލަށް ފެންނަނީ އުސްމިނަށް އަރާހެންނެވެ.
ބައެއް މީހުން ދެކޭގޮތުގައި މެގްނެޓިކް ބާރުތަކެއްގެ ސަބަބުން އުޅަނދުތަކަށް އަސަރުކުރަނީއެވެ. އެހެންނަމަވެސް، ސައިންސީ ގޮތުން އެންމެ ބޮޑަށް ބަލައިގަނެވޭ ތިއަރީއަކީ މިއީ ލޮލަށް ފެންނަ ކުށްހީއެއް ކަމަށް ބުނާ ވާހަކައެވެ.
މިއީ ރޫހާނީ މުހިންމުކަމެއް އޮތް ތަނެއްގެ ގޮތުގައި ދެކުނަސް، ނުވަތަ ގުދުރަތީ ހައިރާންކުރުވަނިވި ކަމެއްގެ ގޮތުގައި ދެކުނަސް، ވާދީއޭ ޖިން އަކީ އަދިވެސް ހައްޖާޖީންނާއި، ފަތުރުވެރިންނާއި، އަދި ދަތުރުވެރިންގެ ޝައުގުވެރިކަން ދަމައިގަންނަ ތަނެކެވެ. ދީނީ ތާރީޚާއި، ހިތްގައިމު މަންޒަރުތަކާއި، އަދި ހައްލުނުކުރެވޭ ސިއްރުތަކުގެ ސަބަބުން، މިއީ މުގައްދަސް މަދީނާ ސިޓީގެ ކައިރީގައިވާ އެންމެ ފާހަގަކޮށްލެވޭ އެއް މަންޒިލްގެ ގޮތުގައި ވަނީ މަޝްހޫރުވެފައެވެ.
މައުލޫމާތުގެ މަސްދަރު: ޒަމްޒަމް ބްލޮގު.ކޮމް


