ޒައިނިސްޓް ޔަހޫދީ އިޒުރޭލުގެ ވެރިކަމަށް ދެން ހަމަޖެހުމެއް ނާންނާނެ ކަމަށާއި، އެތެރެއާއި ބޭރުން ދެން އެބައި މީހުންނަށް އަންނާނީ ފިއްތުއްތައް ކަމަށް އިރާނުގެ އިންޓެލިޖެންސް މިނިސްޓަރ އިސްމާޢީލް ޚަތިބު ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވެފައިވަނީ، ޒައިނިސްޓުންނަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ދެން ކުރިމަތިވަމުންދާނެ ކަމަށާއި، އެތެރެއާއި ބޭރުން އަންނަ ސިޔާސީ އަދި އިޖްތިމާޢީ ގޮންޖެހުންތައް ޒައިނިސްޓް ވެރިކަމަށް ތަޙައްމަލު ކުރަން ދަތިވާނެ ކަމަށެވެ.
"ދުވަހެއް ދުވަހަކަށް އެބައި މީހުން ދާނީ ބައިބައިވަމުން، އިޖްތިމާޢީ ގޮތުންނާއި ސިޔާސީ ގޮތުންވެސް، އެކަން ދާނީ ދެން އިތުރުވަމުން". އިރާނުގެ އިންޓެލިޖެންސް މިނިސްޓަރ ވިދާޅުވިއެވެ.
"އަޤްޞާ ތޫފާން އޮޕަރޭޝަން" އަންގައިދިނީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ހަތިޔާރު ހުރިކަން ކަމަށާއި، މީގެ ކުރިން އަނިޔާކުރި މީހުންނަށް އެފަދަ ކުއްލި ސިހުމެއް ލިބުނުކަން އެއީ ވަރަށް ބޮޑު މެސެޖެއް ކަމުގައި އޭނާ ވިދާޅުވިއެވެ.
އިސްރާއީލްގެ އަނިޔާވެރި ދައުލަތް ބައިބައިވެއްޖެ ކަމަށާއި އެކަން ދެން ދާނީ އިތުރަށް ފުޅާވަމުން ކަމަށާއި، ލިބިގެން ދިޔަ ގެއްލުންތަކާ ހެދި އެބައިމީހުން ނިކަމެތިވަމުންދާ މަންޒަރުގެ ކޮޅުމަތި ފެންނަން ފަށައިފިކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޔަހޫދީން ޣައްޒާ އަށް އެކި ގޮތްގޮތަށް ހަމަލާ ދެމުންދާތާ އެތައް އަހަރެއްވެއްޖެއެވެ. މިފަހަކުން ހަނގުރާމަ މިހާ ވަރުގަދަވެގެން ދިޔައީ ހަމާސް އިން އިސްރާއިލަށް ނުރައްކާތެރި ކުއްލި ހަމަލާތަކެއް ދިން ފަހުންނެވެ. އޮކްޓޯބަރު ހަތް ވަނަ ދުވަހު މި ހަމަލާތައް ފެށިގެން މިހާރު ބޮޑު ހަނގުރާމައަކަށް ބަދަލުވެދާނެ ކަމުގެ ބިރުއޮތްއިރު، ޔަހޫދީން ދަނީ ޣައްޒާއަށް ހުއްޓުމެއް ނެތި ބޮން އަޅަމުންނެވެ.
ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓް އިޒުރޭލުގެ ޔަހޫދީ ފައުޖުދަތަކުން ރޭވެސް ފަލަސްޠީނުގެ 50 މީހުން ޝަހީދުކޮށްލައިފިއެވެ. އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާޢީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ މުސްލިމުންގެ ޢަދަދު މިހާރު ވަނީ 4،000 އިން މައްޗަށް އަރާފައެވެ. އޭގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ. ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ.
ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރަމުންދާ ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ