ޣައްޒާގެ ދެކުނުން އޮންނަ ޚާން ޔޫނުސް އަށް ހަމަލާދޭން އުޅުނު އިސްރާއީލްގެ ހަތިޔާރުއެޅި ސިފައިންނަށް ހަމަލާދީ ޓޭންކަކާއި ދެ ބުލްޑޯޒަރު ނައްތާލާފައިވާ ކަމަށް ހަމާސްއިން ހާމަކޮށްފިއެވެ.
ހަމާސްއިންގެ އަސްކަރިއްޔާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޓޭންކަކާއި ބުލްޑޯޒަރު ނައްތާލާފައި ވަނީ ބޯޑަރު ހުރަސްކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް ކަމަށާއި، މިއާއިއެކު އިސްރާއީލްގެ ހަތިޔާރު އެޅި ސިފައިން އެ ސަރަހައްދުން ފިލާފައިވާ ކަމަށެވެ.
ހަމާސްގެ މި ހަމަލާގެ ސަބަބުން އެކަކު މަރުވެ ތިން މީހުން ވަނީ ޒަހަމްވެފައިވާ ކަމަށް އިސްރާއީލް އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވެފައިވެއެވެ.
މި މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކަކީ އިސްރާއީލްގެ އަނިޔާވެރިކަމުން ފަލަސްތީނުގެ ރައްޔިތުން ދިފާއުކުރުމަށް ހަމާސް ޖަމާއަތުން ފެށި "އަގްސާ ފްލަޑް" ފެށުމުންނެވެ.
މިި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލާއި ހަމާސް ޖަމާއަތާ ދެމެދު ބަދަލުކުރަން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާގެ އާއްމުން ދިރިއުޅޭ ތަންތަނާއި ހޮސްޕިޓަލްތަކާއި މިސްކިތްތަކާއި ކިޔަވައިދޭ ތަންތަން ވަނީ ސުންނާފަތިކޮށްލާފައެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް އައިއިރު، ފަލަސްތީނުގެ 5،089 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި، 14،000 އަށް މީހުން ވަނީ ޒަހަމްވެފައެވެ. މި ހަމަލާތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ޝަހީދުވެފައެވެ. މިހާތަނަށް އައިއިރު 2،000 އަށްވުރެ ކުދިން ޝަހީދުވި ވަނީ ޝަހީދުވެފައެވެ.