Thursday, 18 April 2024

އިޒްރޭލު ޔަހޫދީންނާއި، މުދާވެސް ރާއްޖެ އެތެރެކުރުން މަނާކުރުމަށް ގޮވާލައިފި

ހައްދުފަހަނަ އަޅާފައިވާ އިޒްރޭލުން ފަލަސްތީނަށް ބޮން އަޅައި މުސްލިމުން ޝަހީދު ކުރަމުންދާތީ، އިޒްރޭލު ރައްޔިތުން ރާއްޖެ އައުން މަނާކޮށް އެ ޤައުމުގައި އުފައްދާ މުދާވެސް ރާއްޖެ އެތެރެ ނުކުރަން މަޖިލީހުގެ ބައެއް މެންބަރުން މިއަދު ގޮވާލައްވައިފިއެވެ.

މެންބަރުން މިހެން ގޮވާ ގޮވައިލީ އިޒްރޭލުން ފަސްލަތީނުގެ ބިންތައް ފޭރިގަނެ އެ ޤައުމުގެ ރައްޔިތުންނަށް ދެމުންދާ އުދުވާނީ ހަމަލާ ކުށްވެރިކޮށް އެކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން އިޒްރޭލުން ދިވެހިރާއްޖެއަށް މުދާ އެތެރެކުރުން މަނާކުރުމާއި ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރުން މަނާ ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރަށް ބަހުސް ކުރައްވަމުންނެވެ.

މި ޤަރާރު ހުށަހަޅުއްވާފައިވަނީ، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިންއެވެ. އޭނާ ހުށަހެޅުއްވި ޤަރާރަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން ބައެއް މެންބަރުން ގޮވާލީ ރާއްޖެއިން އިޒްރޭލާ އެއްވެސް މުއާމަލާތެއް ނުކުރުމަށާއި އެފަދަ މުއާމަލާތެއް ކުރުމަކީ ވެސް މަނާ ކަމެއްގެ ގޮތުގައި ހެދުމަށެވެ.

މި ޤަރާރަށް ބަހުސްކުރަމުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފު ވިދާޅުވީ އިޒްރޭލު ކުށްވެރިކޮށް ބަޔާންތައް ނެރުމުގެ އިތުރުން ދެން ކުރެވެން އޮތް ކަންކަން ބަލައި އެކަންކަން ކުރަންޖެހޭ ކަމަށާއި، އިޒްރޭލުގެ ޕާސްޕޯޓު ބޭން ކުރުމާއި އެގައުމުގެ މުދާ ރާއްޖެ އެތެރެ ކުރުން ހުއްޓާލަންޖެހޭ ކަމަށެވެ.

ރާއްޖެއަށް ޓޫރިސްޓުންގެ ގޮތުގައި އިޒްރޭލު މީހުން އައުން މަނާކުރުމަކީ ދިވެހިން ރުޅިއައިސްފައި ތިބިކަން އެނގިގެން އިޒްރޭލު ސަރުކާރުން އެކަން މަނާކުރުމުގެ ކުރިން ރާއްޖޭން އަޅަން ޖެހޭނެ ފިޔަވަޅެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވިއެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އެތެރެވިޔަ ނުދިނުމަށާއި އެ ޤައުމުގެ ޕާސްޕޯޓު ރާއްޖެއިން ބޭން ކުރަން ގޮވައިލައި ގިނަ ދިވެހިން ތަކުރާރުކޮށް ސޯޝަލް މީޑިއާގައި ވެސް އަންނަނީ ގޮވާލަމުންނެވެ.

ދިވެހި ސަރުކާރުން އިޒުރޭލު މީހުން ރާއްޖެއެތެރެވުން ހުއްޓުވަން ނުނިންމި ނަމަވެސް، އިޒްރޭލާ ދެކޮޅު ހަރަކާތްތައް ރާއްޖޭގައި ވަރުގަދަ ވަމުން އަންނާތީ އެ ގައުމުގެ ރައްޔިތުން މި ދަނޑިވަޅުގައި ރާއްޖެ ދަތުރު ނުކުރަން އިޒްރޭލުގެ ފޮރިން މިނިސްޓްރީން މިދިޔަ ހަފްތާގައި ވަނީ އަންގާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *