23 އެޕްރީލް 2025

ޔަހޫދީ ވަޒަންވެރިން ހިންގާ އުދުވާންތައް ހުއްޓައިލަން، އިޒުރޭލަށް ވާގިވެރިވާ ބައިޑަން ގޮވާލައިފި

ފަލަސްޠީނުގެ ބިންތަކުގައި ވަޒަންވެރި ކޮށްފައިވާ ހައްދުފަހަނައަޅާފައިވާ ޔަހޫދީން ކުށެއް ނެތް މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓައިލަން އެމެރިކާގެ ރައީސް ޖޯ ބައިޑަން ގޮވައިލައްވައިފިއެވެ.

އަނިޔާވެެރި ޔަހޫދީ ވަޒަންވެރިން މުސްލިމުންނާ ދެކޮޅަށް ހަމަލަ ދެމުންދާއިރު، ގިނަ ޢަދަދެއްގެ ކުށެއް ނެތް މުސްލިމުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. ޔާހޫދީން ގެންދަނީ، ފަލަސްޠީނުގެ މުސްލިމުންނަށް ހަމަލަދިނުމުގެ އިތުރުން، އެ މީހުންގެ ގެދޮރާއި މުދަލުގައި ޔަހޫދީ ވަޒަންވެރިން ހުޅުޖަހައި، ގެއްލުންތައް ދަނީ ދެމުންނެެވެ. ފަލަސްޠީނުގެ މުސްލިމުންނަށް އެ މީހުންގެ ވަޒަނާއި ގެދޮރު ދޫކޮށް ދާން މަޖުބޫރު ކުރުވަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޔަހޫދީ އަސްކަރިއްޔާއަށް ހިތްވަރު ދެމުން ގެންދާ ބައިޑަން ވިދާޅުވީ، ޔަހޫދީ ވަޒަންވެރިން ހިންގާ އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓައިލަން ޖެހޭ ކަމުގައެވެ. މި ފަދަ އަމަލުތަކަކީ 'އަލިފާންގަނޑަކަށް ތެޔޮ އެޅުން' ފަދަ ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ.

ބައިޑަން މިހެން ގޮވައިލައްވާފައިވީ ނަމަވެސް، ޔަހޫދީ އަސްކަރިއްޔާއިން ޣައްޒާގެ 2.3 މިލިޔަން މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އޭނާ ގެންދަވަނީ ހިތްވަރު ދެއްވަމުންނެވެ. އަދި، އަސްކަރީ ގޮތުންނާއި މާލީ ގޮތުން ޔަހޫދީންނަށް އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 6,546 އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި ކުޑަކުދިންނެވެ. ޝަހީދު ކޮށްލާފައިވާ ކުޑަކުދިންގެ ޢަދަދު 2,360 އަށް އަރައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 17,400 އަށްވުރެ އިތުރުވެފައެވެ.

ޔަހޫދީ ވަޒަންވެރިންގެ ހަމަލަތައް ހުއްޓައިލަން ގޮވައިލެއްވި ނަމަވެސް، އެ ކަން ހުއްޓުވަން ޒަޔަނިސްޓު އިސްރާޢީލަށް ބާރު އަޅުއްވާނެ ކަން، ނުވަތަ އެ ކަމާ ގުޅިގެން އަޅުއްވާނެ ފިޔަވަޅުތަކެއް ވެސް ބައިޑަން ހާމަ ކުރައްވާފައެއް ނުވެއެވެ. ފާހަގަ ކޮށްލަން ޖެހޭ އަނެއް ކަމަކީ، ޔަހޫދީ ވަޒަންވެރިން ފަލަސްޠީނުގެ ޢާންމުންނަށް ހަމަލަދެނީ، ޔަހޫދީ އަސްކަރިއްޔާގެ ހިމާޔަތުގެ ދަށުގައި ތިބެގެން ކަމެވެ.

ޔަހޫދީ ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު އިތުރަށް ވަރުގަދަ ކުރުމަށް އެއްގަމު މަގުން ޣައްޒާއަށް އެރުމަށް އެ މީހުން ދަނީ ތައްޔާރުވަމުންނެވެ. ޣައްޒާ ކައިރިއަށް 300,000 އަށްވުރެ ގިނަ ސިފައިންގެ ލަޝްކަރަކާއި އަސްކަރީ ޓޭންކުފަހަރު ފަދަ ބަރުހަތިޔާރު ވަނީ ޖަމާކޮށްފައެވެ. މި ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބައިޑަން ވިދާޅުވީ، އެ ކަން ހުއްޓުވަން އެމެރިކާއިން އަމަލީ ގޮތުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެ ކަމުގައެވެ. އަދި، އެއްގަމު މަގުން އޮޕަރޭޝަނެއް ނުފަށާނެ ކަމުގެ ޔަގީންކަން އިސްރާޢީލުން ހޯއްދަވާފައި ނުވާނެ ކަމުގައެވެ.

ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު