Thursday, 18 April 2024
އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގެ މަންޒަރު, ފޮޓޯ: މުހައްމަދު ހަޒިމް އަލް މަސްރި

ޣައްޒާއިން މުވާސަލާތީ ގުޅުން ކަނޑާލައިފި، ޣައްޒާގެ ވަށައިގެން ފެންނަނީ ރޯވެ އަންދަމުންދާ މަންޒަރު

ޓެރަރިސްޓް ޔަހޫދީ ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާގެ ދަށުން އެ ސަރަހައްދުން މުވާސަލާތީ ޚިދުމަތްތައް ކަނޑައިލާ، ހަމަލަތައް އިތުރު ކޮށްފިއެވެ. ޓެރަރިސްޓް ޔަހޫދީން ވަނީ ޣައްޒާއިން ފޯނާއި އިންޓަރނެޓުގެ ޚިދުމަތްތައް ކަނޑައިލާފައެވެ. ޣައްޒާއިން މުވާސަލާތީ ޚިދުމަތްތައް ކަނޑައިލާފައި މި ވަނީ، އެއްގަމު މަގުން ޣައްޒާއަށް އަރައި، ޤަތުލުއާންމު އިތުރަށް ފުޅާ ކުރަން ތައްޔާރުވުމުގެ ގޮތުން ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަމަލާތައް ވަރުގަދަކޮށްފައި މިވަނީ، އިސްރާއީލުގެ އަނިޔާވެރި ނުލަފާ ނިރުބަވެރިން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކާއި ގަތުލު އާންމު ހުއްޓާލުމަށް ގޮވާލައި އދ.ގެ އާންމު މަޖިލީހުން ގަރާރެއް ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އޮކްޓޫބަރު 27 ވަނަ ދުވަހު އިރު އޮއްސުމާއެކު ޔަހޫދީ ފައުޖުތަކުން ޣައްޒާއަށް ދެމުންދާ ވައިގެ ހަމަލަތަކުގެ ޢަދަދު އިތުރުކޮށްފައިވާއިރު، ޣައްޒާގެ ބަލައިލި ކޮންމެ ދިމާލަކުން މިހާރު ފެންނަމުން ދަނީ ޔަހޫދީ ސިފައިންގެ ފައުޖުތަކުން މިސައިލް ހަމަލަތަކާ ގުޅިގެން ރޯވެ، އަނދަމުންދާ ޢިމާރާތްތައް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކާއި އެ ސަހަރުގައި ހަރަކާތްތެރިވާ ނޫސްވެރިން ބުނެއެވެ.

ޣައްޒާއިން މުވާސަލާތީ ޚިދުމަތް މެދުކަނޑައިލާފައިވާ ކަން ރެޑް ކްރެސެންޓުން ވެސް ކަށަވަރު ކޮށްދެއެވެ. އެ ޖަމުޢިއްޔާއިން ބުނީ، ޣައްޒާގެ ހޮސްޕިޓަލްތަކުގެ އިތުރުން، އެ ސަހަރުގައި ހަރަކާތްތެރިވާ އެ ޖަމުޢިއްޔާގެ ޓީމުތަކާ ގުޅޭނެ ގޮތެއް ނެތް ކަމުގައެވެ.

ޔަހޫދީ ފައުޖުތަކުން ބުނީ ޣައްޒާއަށް ދެމުންދާ ހަމަލަތައް އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމުގައެވެ. އަދި، ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް އިތުރަށް ފުޅާ ކޮށްފައިވާ ކަމުގައެވެ. ޣައްޒާގެ ދެކުނުގައިވާ ސަރަޙައްދުތަކަށް ބަދަލުވާން، ޣައްޒާ ސިޓީގައި ދިރިއުޅޭ ޢާންމު ރައްޔިތުންނަށް އަންގާފައިވާނެ ކަމުގައި ވެސް ޔަހޫދީ އަސްކަރިއްޔާއިން ބުނެއެވެ.

އަލް ޖަޒީރާގެ ނޫސްވެރިން ބުނީ، ޣައްޒާއަށް ދެމުންދާ މިސައިލާއި އާޓިލަރީ ބަޑީގެ ހަމަލަތައް ޔަހޫދީ ފައުޖުތަކުން އިތުރު ކޮށްފައިވާ ކަމުގައެވެ. ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ އަލިފާން ރޯވެ، އަނދަމުންދާ ޢިމާރާތްތައް ކަމަށާއި، މެދުކެނޑުމެއް ނެތި އިވެމުން ދަނީ ބޮންތަކާއި މިސައިލްތައް ގޮވާ އަޑު ކަމުގައި ވެސް އެ ނޫހުގެ ރިޕޯޓަރުން ބުނެއެވެ.

އިސްރާއީލުން އެއްގަމު މަގުން ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތަކުން ބުނެފައިވަނީ ގޮތުގައި އިސްރާއީލުން އެސަރަހައްދުގައި ހަރަކާތްތެރިވަނީ އަސްކަރީ 100 ވަރަކަށް ވެހިކަލުގައެވެ، އޭގެ ތެރޭގައި ކެޓަޕިކާ ޑީ9 ބުލްޑޮޒާ ވެސް ހިމެނޭ ކަމަށާއ،ި މި އުޅަނދުތައް ޖެނިންއަށް ވައްދާފައިވާއިރު، އެމީހުން ތައްޔާރުވަމުން އަންނަނީ ހަމާސްއަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ކަމަށެވެ.

މީގެ އިތުރުން އިސްރާއީލްގެ ނިރުބަވެރި ސިފައިންގެ ފައުޖުތަކުން ވަނީ ޖެނިންގެ ގިނަ އިމާރާތްތަކެއް ހިފައި، ދުރު ރާސްތާ ބަޑި ޖަހާ ސްނައިޕަރުން އިމާރާތްތަކުގައި ބައިތިއްބާފައެވެ. އަދި އެސަރަހައްދުގެ ބައެއް ތަންތަނަށް އަންނަނީ ބޮން އަޅަމުން ކަމަށް ޚަބަރު ލިބެއެވެ.

އެއްގަމު މަގުން ޔަހޫދީ ފައުޖުތަކުން ޣައްޒާއަށް އަރައިފިނަމަ، ޣައްޒާގައި ޝަހީދުވަމުންދާ މުސްލިމުންގެ ޢަދަދު އެތަކެއް ގުނައަކަށް އިތުރުވެގެން ދާނެ ކަމުގައި އ.ދއިން ބުނެއެވެ. އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އެމެރިކާގެ އެހީތެރިކަމާ އެކު ޔަހޫދީ ފައުޖުތަކުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް ފަލަސްޠީނުގެ 7,326 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި 3,000 ޅަކުދިންނާއި ކުޑަކުދިން ހިމެނެއެވެ. އަދި، 17,400 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އޭގެ ތެރޭގައި 2,000 ކުޑަކުދިންނާއި 1,400 އަންހެނުން ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *