ފަލަސްޠީނުގެ ޣައްޒާއަށް އެއްގަމު މަގުން ވަދެ ގަންނަން މަސައްކަތް ކުރާ ހައްދުފަހަނަ އަޅާފައިވާ އިޒުރޭލުގެ ސިފައިންގެ ފައުންޖު ތަކުން "ގްރައުންޑް އޮޕަރޭޝަން" އެއް ހިންގާކަމަށް ބުނަން ޖެހިލުންވެއްޖެހިއްޖެއެވެ.
މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން އަނިޔާވެރި ޔަހޫދީންނަށް އަދިވެސް އެއްގަމު މަގުން ޣައްޒާއަށް ވަދެގަތުމުގައި ބިރުވެރިކަމެއް ކުރިމަތިވެފައިވާކަމަށާއި، އެބައިމީހުންނަށް އެކަން ކުރެވޭނެ ކަމާމެދު ސުވާލު އުފެދިފައިވާ ކަމަށެވެ.
އެހެނީ ޣައްޒާ ޙިމާޔަތްކުރުމުގައި ހަމާސްގެ ސިފައިން ރުކުރުވާލާފައިވަނީ ވަރުގަދައަށް ކަމަށް އެބައިމީހުންނަށް ޤަބޫލުކުރެވެއެވެ. އަދި އެއްގަމު މަގުން ޣައްޒާއަށް އަރައިގަތުމަށް ދިމާކޮށްފިނަމަ އެބައިމީހުންގެ ތެރެއިން އެތައް ބަޔަކު މަރުވެގެން ހިނގައިދާނެ ކަމުގެ ބިރަށްޓަކައި އިޒުރޭލުގެ ފައުޖުތައް ޣައްޒާއަށް ވަދެގަތުމަށް ފަސްޖެހެއެވެ.
ހަމައެހެންމެ އެބައިމީހުންނަށް މިކަން ކާމިޔާބު ނުވެއްޖެނަމަ، ވަަރަށް ބޮޑު ލަދެއްގައި ބެދި ދެން ކުރިއަށް ގެންދާ އޮޕަރޭޝަންތަަކަށްވެސް ވަރަށް ބޮޑު ހިޔަންނެއް އެޅިދާނެ ކަމަށްޓަކައި އިޒުރޭލުގެ ސަފުތަކުގެ ތެރޭގައި ވަނީ ޝައްކާއި ވަހުމު އުފެދިފައެވެ.
އިޒުރޭލުގެ ސިފައިންގެ އެޑްވައިޒަރެއްގެ ގޮތުގައި އައްޔަންކޮށްފައިވާ އެމެރިކާގެ މިލިޓަރީގެ ލެފްޓިނެންޓް ޖެނެރަލް ޖޭމްސް ގްލީންވެސް ވަނީ އެއްގަމު މަގުން ހިންގާ އޮޕަރޭޝަން ކާމިޔާބު ނުވެދާނެ ކަމަށްޓަކައި، މައިދާން ދޫކޮށް އަނބުރާ އެމެރިކާއަށް ގޮސްފައެވެ. އޭނާ ބުނެފައިވަނީ، ގްރައުންޑް އޮޕަރޭޝަން ހިންގުމަކީ ވަރަށް ރިސްކް ބޮޑު ކަމެއްގެ ކަމުގައެވެ.
އިޒުރޭލުގެ ޗީފް އޮފް ސްޓާފް ހާޒީ ހަލެވި ވެސް ބުނެފައިވަނީ އެއްގަމު މަގުން ޣައްޒާއަށް އަރައިގެން ހިންގަން އުޅޭ އޮޕަރޭޝަން ކާމިޔާބު ނުވެދާނެ ކަމަށެވެ.
އަލް ޖަޒީރާގެ ނޫސްވެރިން ބުނީ، މިހާރު ކުރަމުންދާ ހަނގުރާމައިގައި ޣައްޒާއަށް ދެމުންދާ މިސައިލާއި އާޓިލަރީ ބަޑީގެ ހަމަލަތައް ޔަހޫދީ ފައުޖުތަކުން އިތުރު ކޮށްފައިވާ ކަމުގައެވެ. ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ އަލިފާން ރޯވެ، އަނދަމުންދާ ޢިމާރާތްތައް ކަމަށާއި، މެދުކެނޑުމެއް ނެތި އިވެމުން ދަނީ ބޮންތަކާއި މިސައިލްތައް ގޮވާ އަޑު ކަމުގައި ވެސް އެ ނޫހުގެ ރިޕޯޓަރުން ބުނެއެވެ.
އިސްރާއީލުން އެއްގަމު މަގުން ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ރިޕޯޓްތަކުން ބުނެފައިވަނީ ގޮތުގައި އިސްރާއީލުން އެސަރަހައްދުގައި ހަރަކާތްތެރިވަނީ އަސްކަރީ 100 ވަރަކަށް ވެހިކަލުގައެވެ. އޭގެ ތެރޭގައި ކެޓަޕިކާ ޑީ9 ބުލްޑޮޒާ ވެސް ހިމެނޭ ކަމަށާއ،ި މި އުޅަނދުތައް ޖެނިންއަށް ވައްދާފައިވާއިރު، އެމީހުން ތައްޔާރުވަމުން އަންނަނީ ހަމާސްއަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ކަމަށެވެ.
މީގެ އިތުރުން އިސްރާއީލްގެ ނިރުބަވެރި ސިފައިންގެ ފައުޖުތަކުން ވަނީ ޖެނިންގެ ގިނަ އިމާރާތްތަކެއް ހިފައި، ދުރު ރާސްތާ ބަޑި ޖަހާ ސްނައިޕަރުން އިމާރާތްތަކުގައި ބައިތިއްބާފައެވެ. އަދި އެސަރަހައްދުގެ ބައެއް ތަންތަނަށް އަންނަނީ ބޮން އަޅަމުން ކަމަށް ޚަބަރު ލިބެއެވެ.
އެއްގަމު މަގުން ޔަހޫދީ ފައުޖުތަކުން ޣައްޒާއަށް އަރައިފިނަމަ، ޣައްޒާގައި ޝަހީދުވަމުންދާ މުސްލިމުންގެ ޢަދަދު އެތަކެއް ގުނައަކަށް އިތުރުވެގެން ދާނެ ކަމުގައި އ.ދއިން ބުނެއެވެ. އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އެމެރިކާގެ އެހީތެރިކަމާ އެކު ޔަހޫދީ ފައުޖުތަކުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް ފަލަސްޠީނުގެ 7,326 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި 3,000 ޅަކުދިންނާއި ކުޑަކުދިން ހިމެނެއެވެ. އަދި، 17,400 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އޭގެ ތެރޭގައި 2,000 ކުޑަކުދިންނާއި 1,400 އަންހެނުން ހިމެނެއެވެ.


