ޣައްޒާގައި އެމްބިޔުލާންސްގެ ޚިދުމަތް ހުއްޓުމަކަށް

ހައްދުފަހަނަ އަޅާފައިވާ އަނިޔާވެރި ޔަހޫދީ ޓެރަރިސްޓުން ދެމުންދާ ޙަމަލާތަކުގެ ސަބަބުން ޣައްޒާގައި އެމްބިޔުލާންސްގެ ޚިދުމަތް މުޅިން މެދުކެނޑިއްޖެއެވެ.

އަލްއަޤްޞާ މާޓީސް ހޮސްޕިޓަލުގެ ސްޕޯކްސްޕާސަން ޚަލީލް އަލް ދަރްޤާން ވިދާޅުވީ، ބައިނަލްއަޤްވާމީ ޤާނޫނުތައް މަނާކުރާ ހަތިޔާރުގެ ބޭނުންކޮށް އެތައް ބަޔަކަށް ދެމުންދާ އަނިޔާވެރި ޢަމަލުތައް ކުށްވެރިކުރާ ކަމަށެވެ.

"ހޮސްޕިޓަލްތަކަށް މީހުން އުފުލާ މިހަދަނީ އާންމު ރައްޔިތުންގެ ކާރުތަކުގަ. އަދި އެހެން ގޮތް ގޮތުން." ޚަލީލް އަލް ދަރްޤާން ވިދާޅުވިއެވެ.

ޔަހޫދީ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން ޝަހީދުވެފައިވާ އެތައް ބަޔަކާއި، އަނިޔާލިބިފައިވާ އެތައް ބަޔަކު ހޮސްޕިޓަލްތަކަށް އަންނަމުންދާ ކަމަށެވެ. މިކަމުގެ ސަބަބުން ޚިދުމަތްތައް އޮތީ ހުއްޓުމަކަށް އައިސްފައިކަމަށް އޭނާ ވިދާޅުވިއެވެ.

އަނިޔާ ލިބިގެން އަންނަ ގިނަ ފަރާތްތަކެއް ކުއްލި ފަރުވާ ދޭން ޖެހޭ ކަމަށާއި، އަދި ޙާލަތު ނުރައްކާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޣައްޒާގެ ދެކުނުގައި ޙަރަކާތްތެރިވަމުންދާ ފަލަސްޠީނުގެ ރެޑްކުރެސެންޓުން ހާމަކުރައްވާފައިވާ ގޮތުގައި ހައްދުން ނެއްޓޭވަރަށް އަޅަމުންދާ ބޮންތަކުގެ ސަބަބުން މުވާސަލާތީ ޚިދުމަތް މެދުކެނޑި އެމްބިޔުލާންސްގެ ޚިދުމަތް ފޯރުކޮށްދިނުން ވަނީ މެދުކެނޑިފައެވެ.

އިޒުރޭލުގެ ޗީފް އޮފް ސްޓާފް ހާޒީ ހަލެވި ވެސް ބުނެފައިވަނީ އެއްގަމު މަގުން ޣައްޒާއަށް އަރައިގެން ހިންގަން އުޅޭ އޮޕަރޭޝަން ކާމިޔާބު ނުވެދާނެ ކަމަށެވެ.

އަލް ޖަޒީރާގެ ނޫސްވެރިން ބުނީ، މިހާރު ކުރަމުންދާ ހަނގުރާމައިގައި ޣައްޒާއަށް ދެމުންދާ މިސައިލާއި އާޓިލަރީ ބަޑީގެ ހަމަލަތައް ޔަހޫދީ ފައުޖުތަކުން އިތުރު ކޮށްފައިވާ ކަމުގައެވެ. ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ އަލިފާން ރޯވެ، އަނދަމުންދާ ޢިމާރާތްތައް ކަމަށާއި، މެދުކެނޑުމެއް ނެތި އިވެމުން ދަނީ ބޮންތަކާއި މިސައިލްތައް ގޮވާ އަޑު ކަމުގައި ވެސް އެ ނޫހުގެ ރިޕޯޓަރުން ބުނެއެވެ.

އިސްރާއީލުން އެއްގަމު މަގުން ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތަކުން ބުނެފައިވަނީ ގޮތުގައި އިސްރާއީލުން އެސަރަހައްދުގައި ހަރަކާތްތެރިވަނީ އަސްކަރީ 100 ވަރަކަށް ވެހިކަލުގައެވެ. އޭގެ ތެރޭގައި ކެޓަޕިކާ ޑީ9 ބުލްޑޮޒާ ވެސް ހިމެނޭ ކަމަށާއ،ި މި އުޅަނދުތައް ޖެނިންއަށް ވައްދާފައިވާއިރު، އެމީހުން ތައްޔާރުވަމުން އަންނަނީ ހަމާސްއަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ކަމަށެވެ.

މީގެ އިތުރުން އިސްރާއީލްގެ ނިރުބަވެރި ސިފައިންގެ ފައުޖުތަކުން ވަނީ ޖެނިންގެ ގިނަ އިމާރާތްތަކެއް ހިފައި، ދުރު ރާސްތާ ބަޑި ޖަހާ ސްނައިޕަރުން އިމާރާތްތަކުގައި ބައިތިއްބާފައެވެ. އަދި އެސަރަހައްދުގެ ބައެއް ތަންތަނަށް އަންނަނީ ބޮން އަޅަމުން ކަމަށް ޚަބަރު ލިބެއެވެ.

އެއްގަމު މަގުން ޔަހޫދީ ފައުޖުތަކުން ޣައްޒާއަށް އަރައިފިނަމަ، ޣައްޒާގައި ޝަހީދުވަމުންދާ މުސްލިމުންގެ ޢަދަދު އެތަކެއް ގުނައަކަށް އިތުރުވެގެން ދާނެ ކަމުގައި އ.ދއިން ބުނެއެވެ. އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އެމެރިކާގެ އެހީތެރިކަމާ އެކު ޔަހޫދީ ފައުޖުތަކުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް ފަލަސްޠީނުގެ 7,326 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި 3,000 ޅަކުދިންނާއި ކުޑަކުދިން ހިމެނެއެވެ. އަދި، 17,400 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އޭގެ ތެރޭގައި 2,000 ކުޑަކުދިންނާއި 1,400 އަންހެނުން ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު