ޔަހޫދީ އިޒުރޭލުގެ ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާންތަކާ ގުޅިގެން އެ ޣައްޒާގައި ވެރިކަން ކުރަމުންދާ ޙަމާސް ޖަމާޢަތުން ޔަހޫދީ އަސްކަރީ ފައުޖުތަކުގެ އަމާޒުތަކަށް ވަރުގަދަ ހަމަލަތަކެއް ދޭން ފަށައިފިއެވެ.
ޙަމާސްގެ މުޖާހިދުން ދަނީ ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ، އެ ތަންތަނުގައި ވަޒަންވެރި ކޮށްފައިވާ ޔަހޫދީން ދިރިއުޅޭ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ޔަހޫދީ ފައުޖުތަކަށް ވެސް ހަމަލަތައް އަމާޒު ކުރަމުންނެވެ.
ޙަމާސް ޖަމާޢަތުގެ އަލް-ޤައްސާމް ބްރިގޭޑްސްއިން ބުނެފައިވަނީ ޔަހޫދީ ސިފައިންގެ އަމާޒުތަކަށް ހަމަލަތައް އަމާޒުކުރަމުންދަނީ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ.
ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ފައުޖުތަކުން ބަރުހަތިޔާރާ އެކު ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކަށް އެއްގަމު މަގުން އަރާފައިވާއިރު، އެ މީހުންނާ ކުރިމަތިލުމަށް ޕަލަސްޓީނިޔަން އިސްލާމިކް ޖިހާދް (ޕީ.އައި.ޖޭ)ން ވެސް ދަނީ ތައްޔާރު ވަމުންނެވެ. އެ ޖަމާޢަތުން ބުނީ ޙަމާސްގެ މުޖާހިދުންނާ އެކު ޔަހޫދީ ފައުޖުތަކާ ހަނގުރާމަ ކުރަން ތައްޔާރަށް އޮތް ކަމުގައެވެ. އެއްގަމު މަގުން ޢައްޒާއަށް ވަން ޔަހޫދީ ފައުޖުތަކުގެ އޮޕަރޭޝަން ނާކާމިޔާބު ކޮށްލާފައިވާ ކަމުގައި ވެސް ޙަމާސް ޖަމާޢަތުން ބުނެއެވެ.
ޔަހޫދީން ވަޒަންވެރި ކޮށްފައިވާ ކިސުފީމަށް ވެސް ޕީ.އައި.ޖޭގެ މުޖާހިދުން ހަމަލަދީފައިިވާއިރު، ފަލަސްޠީނުގެ ބިންތަކުގައި ހަރަކާތްތެރިވަމުންދާ ޔަހޫދީ ފައުޖުތަކާ ދެކޮޅަށް މުޖާހިދުންގެ ޖަމާޢަތްތަކުން ދެމުންދާ ހަމަލަތައް އިތުރުވެފައިވާ ކަން ފާހަގަކޮށް، ޒަޔަނިސްޓު އިސްރާޢީލުގެ އަސްކަރިއްޔާއިން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.
ހަމައެހެންމެ ލުބުނާނާއި އިސްރާޢީލް ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ހަރަކާތްތެރިވަމުންދާ ޔަހޫދީ ފައުޖުތަކަށް ޙިޒްބުالله ޖަމާޢަތުން ވެސް ވަނީ ހަމަލަތަކެއް ދީފައެވެ. ހިޒްބުاللهއަކީ ލުބުނާނުގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތެކެވެ. އެ ޖަމާޢަތުން ބުނީ، ލުބުނާނުގެ ސަރަޙައްދީ ރޮނގު ކައިރީގައި ގާއިމު ކޮށްފައިވާ ޔަހޫދީ ފައުޖުތަކުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލަދީފައިވާނެ ކަމުގައެވެ. އެ ޖަމާޢަތުގެ ހަމަލަތައް އަމާޒު ކޮށްފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ރީޝާ، އަލް-ޖުރުދާ، އަލް-ޢިބާދު އަދި އަލް-މަރަޖު ހިމެނެއެވެ. އެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ޔަހޫދީ ފައުޖުތަކަށް ހަމަލަދޭން ގައިޑެޑް މިސައިލާއި، އާޓިލަރީ ބަޑިއާއި އެހެނިހެން ހަތިޔާރު ބޭނުން ކޮށްފައިވާ ކަމުގައި ވެސް އެ ޖަމާޢަތުން ބުނެއެވެ. އަދި، ހަމަލަތަކުގައި ޔަހޫދީ ފައުޖުތަކުގެ އަސްކަރީ ޓޭންކުފަހަރު ހަލާކު ކޮށްލާފައިވާ ކަމަށާއި، ޔަހޫދީ ސިފައިންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމުގައި ވެސް އެ ޖަމާޢަތުން ބުނެއެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުތަކުން، އެމެރިކާގެ އެހީތެރިކަމާ އެކު، ޢައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު 7,703 އަށް އަރާއިރު، އޭގެ ތެރޭގައި 3,000 ކުޑަކުދިން ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 17,400 އަށް އަރާއިރު، އޭގެ ތެރޭގައި 2,000 އަށްވުރެ ގިނަ ކުޑަކުދިންނާއި، 1,400 އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ.