ފަލަސްޠީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ އެތަކެއް މިލިޔަން މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ކުރަމުންދާ މަސައްކަތްތަކަށް އަނިޔާވެރި ޔަހޫދީ އިސްރާޢީލުން ހުރަސް އަޅަމުންދާތީ، މިޞްރުން ފާޑުކިޔައިފިއެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ހައްދުފަހަނަ އަޅާފައިވާ އަނިޔާވެރި ފައުޖުތަކުން ވަނީ ޣައްޒާ ވަށައިގެން ބަންދުކޮށް، އެ ސަހަރުގައި ދިރިއުޅޭ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އެތަކެއް ޖަރީމާތަކެއް ހިންގަން ފަށާފައެވެ.
އެ އަނިޔާވެރިކަމުގެ ޝިކާރައަކަށްވެ، ޣައްޒާގައި ހާލުގައި ޖެހިފައިވާ އެތަކެއް މިލިޔަން މުސްލިމުންނަށް އިންސާނީ އެހީތެރިކަން ވަނީ ބޭނުންވެފައެވެ. ޤައުމުތަކުންނާއި ޖަމާޢަތްތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެހީގެ ސާމާނު ފޮނުވަން މަސައްކަތް ކުރި ނަމަވެސް، ރަފަޙް ހުރަސް މެދުވެރިކޮށް އެ ތަކެތި ޣައްޒާއަށް އެތެރެ ކުރަން ޔަހޫދީ ފައުޖުތަކުން ދަނީ ހުރަސް އަޅަމުންނެވެ. މިޞްރުގައި ރަފަޙް ހުރަސް ކައިރީގައި އެތަކެއް ސަތޭކަ ލޮރީއެއް ތާށިވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
މިކަމާ ގުޅިގެން އެހީގެ ސާމާނު ބަރު ކޮށްފައިވާ ލޮރީތައް ޣައްޒާއަށް އެތެރެވާން ޔަހޫދީ ފައުޖުތަކުން ހުރަސް އަޅަމުންދާ ކަމުގައި މިޞްރުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ޣައްޒާގެ ފުރަބަންދު އިތުރަށް ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެއްޗާއި، ފެނާއި، ބޭސްފަރުވާއަށް ބޭނުންވާ ސާމާނުގެ އިތުރުން ތެޔޮ އެތެރެކުރަން ޔަހޫދީން ހުރަސް އަޅަމުންދާއިރު، ޣައްޒާގައި ދިރިއުޅޭ 2.3 މިލިޔަނެއްހާ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުން ދަނީ އެމެރިކާގެ ވާގިވެރިކަމާއި އެހީތެރިކަމާ އެކުގައި ކަން ފާހަގަ ކޮށްލަން ޖެހެއެވެ.
އޮކްޓޫބަރު 27 ވަނަ ދުވަހު އަނިޔާވެރި ޔަހޫދީ ފައުޖުތަކުން ވަނީ، ޣައްޒާއިން މުވާސަލާތީ ޚިދުމަތްތައް ވެސް ކަނޑައިލާފައެވެ. އަދި، ޔަހޫދީ ފައުޖުތަކުން މިހާރު ވަނީ އަސްކަރީ ޓޭންކުފަހަރުގައި އެއްގަމު މަގުން ޣައްޒާއަށް އަރާފައެވެ. އެއްގަމު މަގުން ހިންގަމުންދާ މި އޮޕަރޭޝަނުގެ މައިގަނޑު މަޤުޞަދަކީ، ވީހާވެސް ގިނަ ޢަދަދެއްގެ މުސްލިމުން ގަތުލު ކުރުމެވެ. ޝަހީދު ކޮށްލުމެވެ. ކުށެއް ނެތް އަންހެނުންނާއި ކުޑަކުދިންގެ ލޭއޮހޮރުވައިލުމެވެ.
ޔަހޫދީންގެ ޢުދުވާންތައް އަމާޒުކުރަމުންދާ ޣައްޒާއިން ފޯނާއި އިންޓަރނެޓުގެ ޚިދުމަތް ކަނޑައިލާފައި ވަނީ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމު ސިއްރު ކުރުމުގެ ބޭނުމުގައެވެ. އަދި، ޣައްޒާގައި ހިންގަމުންދާ ލޭއޮހޮރުވުންތަކުގެ މަޢުލޫމާތާއި މަންޒަރުތައް ދުނިޔެއަށް ހާމަ ކުރުމަށް ހުރަސް އެޅުމުގެ ބޭނުމުގައެވެ.
ފަލަސްޠީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ އެތަކެއް މިލިޔަން މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ބުނީ، މުވާސަލާތީ ޚިދުމަތްތައް ކަނޑައިލުމާ އެކު، އެ ޖަމުޢިއްޔާތަކުގެ މުވައްޒަފުންގެ ހާލަތު އެނގޭނެ ގޮތެއް ނެތް ކަމުގައެވެ. އެ ކަމާ މެދު ކަންބޮޑުވުން ފާޅު ކޮށްފައިވާ ޖަމުޢިއްޔާތަކުގެ ތެރޭގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ – ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ) ވެސް ހިމެނެއެވެ.
ހައްދުފަނައަޅާފައިވާ ޔަހޫދީންގެ ލާއިންސާނީ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ މުސްލިމުންގެ ޢަދަދު ވަނީ 7,703 އަށް އަރާފައެވެ. އޭގެ ތެރޭގައި 3,000 ކުޑަކުދިން ހިމެނެއެވެ. އަދި، 17,400 އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލާފައިވާއިރު، އޭގެ ތެރޭގައި 2,000 ކުޑަކުދިންނާއި 1,400 އަންހެނުން ހިމެނެއެވެ. އަދި، ޣައްޒާގެ މުސްލިމުން ދިރިއުޅޭ ޢިމާރާތްތަކުގެ 45 އިންސައްތަ ވަނީ ސުންނާފަތި ކޮށްލާފައެވެ.
އަނިޔާވެރި ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.


