އަނިޔާވެރިކަމުގައި ހައްދުފަހަނަ އަޅާފައިވާ ޖައްބާރު އިސްރާޢީލުގެ ނިރުބަވެރި ބޮޑުވަޒީރު ނަތަންޔާހޫ

ޖާސޫސީ އިދާރާއަށް ފާޑުކިޔައި، އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން އަނިޔާވެރި ނަތަންޔާހޫ ހޫނުފެނަށް ވެއްޓިއްޖެ

ޔަހޫދީ އިސްރާޢީލުގެ ޖާސޫސީ އިދާރާއަށް ފާޑުކިޔައި، އެކްސްގައި ޝާއިޢު ކުރި ޕޯސްޓަކާ ގުޅިގެން ޒަޔަނިސްޓު އިސްރާޢީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހޫނުފެނަށް ވެއްޓިއްޖެއެވެ.

ޙަމާސް ޖަމާޢަތުން އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީންނަށް ދިން ހަމަލައާ ގުޅޭ ގޮތުން ނަތަންހޫ ބުނީ، އެ ފަދަ ހަމަލައެއް ދޭން އުޅޭ ކަމުގެ މަޢުލޫމާތު ޖާސޫސީ އިދާރާގެ އިސްވެރިން އޭނާއާ ހިއްސާކޮށްފައި ނުވާ ކަމުގައެވެ.

"ޙަމާސްއިން ހަނގުރާމައެއް ފަށަން އުޅޭ ކަމުގެ މަޢުލޫމާތު އެއްވެސް ފުރުޞަތެއްގައި ބޮޑުވަޒީރު ނަތަންޔާހޫއާ ހިއްސާކޮށްފައެއް ނެތް. އެ ކަމާ ގުޅޭ ގޮތުން އިންޒާރު ދީފައެއް ނެތް. ކަން ހިނގާފައި ވަނީ ދިމާ އިދިކޮޅަށް. އަސްކަރިއްޔާއާއި ޖާސޫސީ އިދާރާގެ އިސްވެރިން ބުނަމުން ދިޔައީ ޙަމާސްއިން ހަނގުރާމައެއް ފަށަން ނޫޅޭ ކަމަށް،" އެކްސްގައި ކުރި ޕޯސްޓެއްގައި ނަތަންޔާހޫ ބުންޏެވެ.

އަނިޔާވެރިޔާގެ އަމިއްލަ ޤައުމުގެ ޖާސޫސީ އިދާރާއަށް ފާޑުކިޔައި ޓްވީޓު ކުރުމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެ، ހޫނުފެނަށް ވެއްޓުމާ އެކު ނަތަންޔާހޫ ވަނީ އޭނާ ކުރި ޓްވީޓް ފުހެލައި، އެ ކަމަށް މަޢާފަށް އެދިފައެވެ. ނަތަންޔާހޫގެ ޓްވީޓަށް، އޭނާގެ ކެބިނެޓުގެ ބައެއް މެންބަރުންގެ ތާޢީދު ގެއްލި، ގިނަ ބަޔެއްގެ ނުރުހުމާއި ފާޑުކިޔުންތައް އަމާޒުވިއެވެ.

އޭނާއަކީ މިހާރު ނަތަންޔާހޫގެ ހަނގުރާމައިގެ ކެބިނެޓުގެ މެންބަރެއް ވެސް މެއެވެ. އޭނާ ބުނީ، ޖާސޫސީ އިދާރާއަށް ފާޑުކިޔައި ނަތަންޔާހު ޝާއިޢު ކުރި ޕޯސްޓު ފޮހެން ޖެހޭ ކަމުގައެވެ. އަދި، އެއަށްވުރެ ޒިންމާދާރުވާން ގެންޓްޒް ވަނީ ނަތަންޔާހޫއަށް ގޮވައިލާފައެވެ. އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ޔައިރް ލަޕީދް ބުނީ ހުރަސްކުރަން ނުޖެހޭ 'ރަތް ރޮނގެއް' ނަތަންޔާހޫ ހުރަސް ކޮށްފައިވާ ކަމުގައެވެ.

ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޙަމާސްއިން ޔަހޫދީންނާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގުމަކީ އިސްރާޢީލުގެ ގިނަ އިދާރާތަކެއްގެ ފޭލުވުމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެއެވެ. އަދި، އެ ކަން ގަބޫލުކުރާ ކަމުގައި ޔަހޫދީ އަސްކަރިއްޔާއާއި، ޖާސޫސީ އިދާރާގެ އިތުރުން ޒަޔަނިސްޓު ސަރުކާރުގެ ފިނޭންސް މިނިސްޓަރު ވެސް ވަނީ ބުނެފައެވެ. ނަމަވެސް، އެ ކަމުގެ ޒިންމާ އުފުލަން ނަތަންޔާހޫ ދަނީ ދެކޮޅު ހަދަމުންނެވެ. މިއީ ވެސް އޭނާއަށް ފާޑުކިޔުންތައް އަމާޒުވެފައިވާ އެއް ސަބަބެވެ.

ފަލަސްޠީނުގެ މިނިވަންކަމަަށް ޖިހާދުކުރާ ހަމާސް ޖަމާޢަތުން އޮކްޓޫބަރު 7 ވަނަ ދުވަހު 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި ފަށާފައިވަނީ ޔަހޫދީންނަށް ކުއްލި ސިހުމެއް ގެނުވި އޮޕަރޭޝަނެކެވެ. އެއީ ކާމިޔާބު އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި ޙަމާސްއިން ވަނީ އަނިޔާވެރި ޔަހޫދީންގެ 1,400 އަށްވުރެ ގިނަ މީހުން މަރައިލާފައެވެ. އަދި، 5,400 އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލާފައެވެ. އަދި، އަސީރުންގެ ގޮތުގައި ގެންގޮސްފައިވާ މީހުންގެ ޢަދަދު 200 އަށްވުރެ މައްޗަށް އަރައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު