އިޒްރޭލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ބައި މިލިއަން ރުފިޔާ، ރާއްޖޭގެ ދެ ފަންޑަކަށް މިއަދު ހަދިޔާކޮށްފިއެވެ.
އެމްޕީއެލް އާއި އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ފައިސާގެ މި އެހީ ހަވާލުކޮށްފައިވަނީ މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އިން ހިންގާ 'ފަލަސްތީން ރިލީފް ފަންޑް’އަށާއި، އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ހިންގާ 'ޣައްޒާ އެމަޖެންސީ ރިލީފް ފަންޑަށެވެ.
އެމްޕީއެލްއިން މިއަދު ވިދާޅުވީ، އެ ދެ ފަނޑަށް ޖުމްލަ 565،000ރ. ހަދިޔާކުރި ކަމަށެވެ.
އެމްޕީއެލް އާއި މި ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ފައިސާ ހަދިޔާކުރީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނީގެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި ވިދާޅުވެފައިވަނީ ފަލަސްތީނަށް އެހީވުމުގެ ގޮތުން އެމްޕީއެލްގެ އެކި ސަރަހައްދުތަކުގައި ފަންޑް ފޮށިތައް ބަހައްޓަން ވެސް ވަނީ ނިންމާފައި ފަލަސްތީނުގެ ރައްޔިތުންނަށް އިތުރު އެހީ ހޯދުމަށް ރާއްޖޭގައި ހިންގާ އެކި ހަރަކާތްތަކަށް އެ ކުންފުންޏާއި ކުންފުނީގެ މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމުގައެވެ.
މި މަހު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުގެ ސިފައިން މެދުކެނޑުމެއް ނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 8،300 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި، 3،000އަށް ވުރެ ގިނަ ކުޑަކުދިންނާއި 2،000އަށް ވުރެ ގިނަ އަންހެނުން ހިމެނެއެވެ.


