Saturday, 15 June 2024

ބިރާއި ކެކުޅުމުގެ އަނދިރީގައި ޣައްޒާ؛ ޓެރަރިސްޓް އިސްރާއީލުން އާންމުން ދިރިއުޅޭ ގެތަކަށް ބޮން އެޅުން އިތުރުކޮށްފި

ފަލަސްތީނުގެ ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހުންނަ ވަކިވަކި ގެތަކަށް އަމާޒުކޮށް ޓެރަރިސްޓު އިސްރާއީލް ސިފައިންގެ ފައުޖުތަކުން ދިން ވައިގެ މަގުން ދިން އުދުވާންތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޝަހީދުކޮށްލައިފިއެވެ.

ޔަހޫދީ އިސްރާއީލުން ރޭ ވެސް ޣައްޒާގެ އެކި ހިސާބުތަކަށް ބޮން އަޅައިފައިވާއިރު، ފަލަސްތީނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާގައި ވަކި އަބޫ ޝަމާލާގެ އާއިލީ ގެއަކަށް ދިން ހަމަލާއެއްގައި 18 މީހުން ޝަހީދުވެފައިވާ ކަމަށް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ހަަމައެހެންމެ، ރަފާގައި ހުންނަ ހިޖާޒީ އާއިލާގެ އިތުރު މީހުން ދިރިއުޅޭ އިމާރާތަކަށް ދިން ހަމަލާއެއްގައި ވެސް ނުވަ މީހަކު ޝަހީދުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޔަހޫދީ އަނިޔާވެރި އުދުވާނުގައި ޣައްޒާގެ މެދުތެރޭގެ އަލް-ޒަވައިދާ ސަރަހައްދަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާގައި 18 މީހުން ޝަހީދުވިއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނާއިރު، އަލް ޒައިތޫން އަވަށުގެ ގެއަކަށް ދިން ބޮމުގެ ހަމަލާގައި ހަތް މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށްވެސް މިޑިއާ ރިޕޯޓްތައް ބުނެއެވެ.

އަދި، ޣައްޒާގެ އުތުރުގައި މީހުން ދިރިއުޅޭ އިމާރާތަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ހަ އަހަރުގެ ކުޑަކުއްޖަކާއެކު ތިން މީހަކު ޝަހީދުވެ ނުވަ މީހަކު ވަނީ ޒަހަމްވެފައެވެ.

ޔަހޫދީ އަނިޔާވެރިން ބޮން އެޅުމުގެ ސަބަބުން، ބިމާހަމަވެފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް އެތައް ބަޔަކު ތާށިވެފައި އޮތުމުން ޝަހީދުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. މި މަހު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުގެ ސިފައިން މެދުކެނޑުމެއް ނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 8،300 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި، 3،000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2،000 އަށް ވުރެ ގިނަ އަންހެނުން ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު