Wednesday, 22 May 2024

"މިއީ ޣައްޒާގެ ކުޑަކުދިންނާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމައެއް ކަން ދުނިޔެއިން ޤަބޫލު ކުރާނީ ކޮން ދުވަހަކުން؟"

ޔަހޫދީ ފައުޖުތަކުން އެމެރިކާގެ އެހީތެރިކަމާއެކު ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމުގައި ކޮންމެ ފަސް މިނެޓެއްގެ ތެރޭގައި މައުސޫމު ކުޑަކުއްޖަކު ޝަހީދުކުރަމުންދާ ކަމަށާއި، މިއީ ޣައްޒާގެ ކުޑަކުދިންނާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމައެއް ކަން ދުނިޔެއިން ޤަބޫލު ކުރާނީ ކޮން ދުވަހަކުންތޯ ވިދާޅުވެ އ.ދއަށް ފަލަސްޠީނުން ކަނޑައަޅާފައި ހުންނަވާ ސަފީރު ރިޔާޟު މަންޞޫރު ސުވާލެއް އަމާޒުކުރައްވައިފިއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ ވަނީ އ.ދގެ ސަލާމަތީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީން ފެށި ލާއިންސާނީ އުދުވާނުގައި މިހާތަނަށް ޝަހީދު ކޮށްލާފައިވާ ކުޑަކުދިންގެ ޢަދަދު 3,500 އަށްވުރެ މައްޗަށް އުފުލިފައިވާއިރު، މިއީ 2019 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މަރުވެފައިވާ ކުޑަކުދިންގެ ޢަދަދަށް ވުރެ އިތުރު ޢަދަދެކެވެ.

"ޔަހޫދީ ފައުޖުތަކުގެ ލާއިންސާނީ އުދުވާނުގައި ކޮންމެ ފަސް މިނެޓަކުން ޣައްޒާގެ ކުށެއް ނެތް ކުޑަކުއްޖެއް އެ ދަނީ ޝަހީދު ކޮށްލަމުން. މިއީ ޣައްޒާގެ ކުޑަކުދިންނާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމައެއް ކަން ދުނިޔެއިން ޤަބޫލު ކުރާނީ ކޮން ދުވަހަކުން؟ އެއީ އަޅުގަނޑުމެންގެ ޅަދަރީން،" މަންޞޫރު ވިދާޅުވިއެވެ.

"ޣައްޒާއަކީ މި ވަގުތު ދުނިޔެ މަތީގައި ލައްވާފައި އޮތް ނަރަކައެއް. ކޮންމެ މިނެޓަކީ، އެތަކެއް ބަޔެއްގެ ފުރާނަ ގެއްލިގެންދާ މިނެޓެއް،" މަންޞޫރު ވިދާޅުވިއެވެ. ޣައްޒާގައި ޔަހޫދީ ފައުޖުތަކުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ހުއްޓުމެއް ގެނައުމާ ގުޅޭ ގޮތުން އ.ދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވާފައި ވަނީ އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ)ގެ ހުށަހެޅުމެއްގެ ދަށުންނެވެ.

ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ވާހަކަފުޅު ދައްކަވަމުން އ.ދގެ ކުޑަކުދިންނާ ބެހޭ ފަންޑު (ޔުނިސެފް)ގެ އެގްޒެކެޓިވް ޑިރެކްޓަރ ކެތެރިން ރެސެލް ވަނީ މަންޞޫރުގެ ބަސްފުޅުތައް ތަކުރާރު ކުރައްވާފައެވެ. "ޔަހޫދީންގެ އުދުވާނުގެ އަގު ގުނޭނީ ކުޑަކުދިންގެ ފުރާނައިން ކަން ގަބޫލު ކުރަން ޖެހޭ. ޝަހީދު ކޮށްލާފައިވާ ކުދިންނާއި، މުޅި އުމުރަށް ދިރިއުޅުން ބަރުބާދުވެފައިވާ ކުޑަކުދިންގެ ފުރާނައިން،" ރަސެލް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މަންޞޫރު ވަނީ ޔަހޫދީންގެ ލާއިންސާނީ އުދުވާންތައް ހުއްޓުވަން ދުނިޔެއަށް ގޮވައިލައްވާފައެވެ. "ޣައްޒާގައި ދިރިއުޅޭ 2.3 މިލިޔަނެއްހާ މުސްލިމުން ކޮންމެ ދުވަހަކު އެ ދަނީ މަރާ ހަނގުރާމަ ކުރަމުންވެ. އަޅުގަނޑުމެން ސަލާމަތް ކުރޭ. ސުންނާފަތި ކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައި ވެސް 2,000 އަށްވުރެ ގިނަ މީހުން އެބަތިބި. އެ މީހުން ހޯދައި ސަލާމަތް ކުރަން ފުރުޞަތު ހޯދައިދީ،" މަންޞޫރު ގޮވައިލެއްވިއެވެ.

ފަލަސްޠީނުގެ ޣައްޒާގެ ކުށެއް ނެތް މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު 8,525 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި 3,500 އަށްވުރެ ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. 2,000 އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ. އަދި، 460 އަށްވުރެ ގިނަ އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ. ޢައްޒާގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 20,200 އަރާއިރު އޭގެ ތެރޭގައި 2,000 އަށްވުރެ ގިނަ ކުޑަކުދިންނާއި 1,400 އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ. ޣައްޒާގެ މުސްލިމުން ދިރިއުޅޭ ގެދޮރުގެ 45 އިންސައްތަ މިހާރު ވަނީ ސުންނާފަތި ކޮށްލާފައެވެ.

ހައްދުފަނަ އަޅާފައިވާ އަނިޔާވެރި ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *