ޣައްޒާގައި ހިނގަމުންދާ ލާއިންސާނީ ޖަރީމަތައް ހުއްޓުވައި، ޔަހޫދީންނަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ރާއްޖެއިން އދ.ގައި ރާއްޖެއިން ގޮވާލައިފިއެވެ.
ރާއްޖޭގެ ފަރާތުން މިކަމަށް ގޮވާލާފައިވަނީ، ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީ އަސްކަރިއްޔާއިން ހިންގާ އަނިޔާވަރި ޢަމަލުތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ޙައްލު ހޯދުމަށް ކުރިއަށް ގެންދިޔަ އދ ގެ ޢާންމު މަޖިލީހުގެ 10 ވަނަ ކުއްލި ބައްދަލުވުމުގައެވެ.
ޣައްޒާގެ ރައްޔިތުން މިއަދު ތަހައްމަލުކުރަމުންދާ އަނިޔާތަކަކީ ޔަހޫދީން މީގެ އެތައް އަހަރެއް ކުރިން ފެށިގެން ފަލަސްޠީނަށް ކުރިމަތިކުރަން ފެށި ލޭއޮހޮރުވުމާ ފިއްތުންތަކުގެ ނަތީޖާއެއްކަމުގައި ސިފަކުރައްވަމުން، އަނިޔާތަކުގެ ޝިކާރައަކަށްވެފައިވާ ޣައްޒާގެ 2 މިލިއަނަށް ވުރެގިނަ ރައްޔިތުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންކަން ފާހަގަކުރައްވައި އެކަމާމެދު ރާއްޖޭން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އދ.އަށް ކަނޑައަޅަފައި ހުންނަވާދާއިމީ މަންދޫބު ތިލްމީޛާ ޙުސައިން ވަނީ، ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން ގެއްލެމުންދާ މަޢުސޫމު ފުރާނަތަކަކީ ހަމައެކަނި ހަނގުރާމައެއްގެ ސަބަބުން ލިބެމުންދާ ގެއްލުމެއްކަމުގައި ދެކި، އެކަން ހުއްޓުމަކަށް ގެނައުމަށް ނުކުޅެދޭ ކޮންމެ މުޖުތަމަޢެއްގެ ތެދުވެރިކަމާ ނަޒާހާތްތެރިކަމާމެދުވެސް ސުވާލުއުފައްދަވާފައެވެ. ހަމައެހެންމެ މިޢަމަލުތައް ބަލައިގަތުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ހަމަތަކާއި އުޞޫލުތަކާ މުޅިން ޚިލާފުކަމެއްކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ސިއްޙީ ފަރުވާދޭ އެކި މަރުކަޒުތަކަށާއި، ޖަބަލިއާ ރެފިއުޖީ ކޭމްޕް ފަދަ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކާއި، އަޅުކަންކުރާ ތަންތަނުގެ އިތުރުން އިންސާނިއްޔަތަށް މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ޔަހޫދީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށް އދ.އަށް ކަނޑައަޅަފައި ހުންނަވާދާއިމީ މަންދޫބު ތިލްމީޛާ ޙުސައިން ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން އެކަމަނާ ވަނީ ހަލަބޮލި ސިޔާސީ މަޞްރަހެއްގެ ތެރޭގައި ހަމަޖެހުމާއި އިންސާފު ޤާއިމުކުރުމަށް އ.ދ. ގެ ޢާންމު މަޖިލީހުން ހިތްވަރާއެކު މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ. ހަމައެއާއެކު، ޣައްޒާގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާއާ ދެކޮޅަށް އ.ދ. ގެ ސަލާމަތީ މަޖިލީހުން ފިޔަވަޅު އެޅުމަށްވެސް އެކަމަނާ ގޮވާލައްވާފައިވެއެވެ.
ދިވެހިރާއްޖެއިން ވަނީ ޣައްޒާއަށް ޔަހޫދީން ދެމުންގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނެސް، ޣައްޒާއަށް އިންސާނީ އެހީ މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ގޮވާލާ އ.ދ. ގެ ޢާންމު މަޖިލީހުން އޮކްޓޫބަރު 27 ގައި ފާސްކޮށްފައިވާ ޤަރާރަށް ތާޢީދުކޮށް މި ޤަރާރު ކޯ-ސްޕޮންސަރވެސް ކޮށްފައެވެ.
އޮކްޓޫބަރު 7 އިން ފެށިގެން، ޣައްޒާގެ ކުށެއް ނެތް މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު 8,796 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި 3,500 އަށްވުރެ ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. 2,000 އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ. އަދި، 460 އަށްވުރެ ގިނަ އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ. ޔަހޫދީ ފައުޖުން ހިންގަމުންދާ ގަތުލުއާންމުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 20,200 އަރައެވެ. ޣައްޒާގެ މުސްލިމުން ދިރިއުޅޭ ގެދޮރުގެ 45 އިންސައްތަ މިހާރު ވަނީ ސުންނާފަތި ކޮށްލާފައެވެ.
ހައްދުފަހަނަ އަޅާފައިވާ އަނިޔާވެރި ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.