3 ނޮވެންބަރު 2024

ނޯތު ކޮރެއާއިން ފަލަސްޠީނަށް އަސްކަރީ އެހީތެރިކަން ދޭން ތައްޔާރުވަނީ

ނޯތު ކޮރެއާއިން ފަލަސްޠީނުގެ މުޖާހިދުންނަށް އަސްކަރީ އެހީތެރިކަން ދޭން ތައްޔާރުވެއްޖެކަމަށް ވޯލް ސްޓްރީޓް ޖާނަލް އާ ޙަވާލާދީ މީޑިޔާތަކުގައި ރިޕޯޓްކޮށްފިއެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން ބުނެފައިވަނީ، ނޯތު ކޮރެއާގެ ލީޑަރ ކިމް ޖޮންގ ޔުން މިކަމަށް އަމުރުކޮށް، ވެދެވެން އޮތް އެހީތެރިކަމެއް ބެލުމަށް، އެ ޤައުމުގެ ނެޝަނަލް އިންޓެލިޖެންސްއަށް އަންގާފައިވާކަމަށް އިތުބާރު ހުރި މަސްދަރުތަކުން މަޢުލޫމާތު ލިބޭ ކަމަށެވެ.

އެ ޤައުމުގެ ނެޝަނަލް އިންޓެލިޖެންސްއާ ޙަވާލާދީ ބުނެފައިވަނީ މިހާރު ބަލަމުންދަނީ އަސްކަރީ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކަކީ ކޮބައިތޯއާއި، މެދުއިރުމަތި ހުރަސްކޮށް ހަތިޔާރު ޝިޕްމަންޓެއް ފޮނުވޭނެ އެންމެ ފަސޭހަ މަގުތައް ދެނެގަތުމުގެ މަސައްކަތް ކަމަށެވެ.

އޮކްޓޫބަރު 7 އިން ފެށިގެން، ޣައްޒާގެ ކުށެއް ނެތް މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު 8,796 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި 3,500 އަށްވުރެ ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. 2,000 އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ. އަދި، 460 އަށްވުރެ ގިނަ އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ. ޔަހޫދީ ފައުޖުން ހިންގަމުންދާ ގަތުލުއާންމުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 20,200 އަރައެވެ. ޣައްޒާގެ މުސްލިމުން ދިރިއުޅޭ ގެދޮރުގެ 45 އިންސައްތަ މިހާރު ވަނީ ސުންނާފަތި ކޮށްލާފައެވެ.

ހައްދުފަހަނަ އަޅާފައިވާ އަނިޔާވެރި ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު