Friday, 04 October 2024

ޙަމާސް ޖަމާޢަތުގެ މުޖާހިދުން ޒަޔަނިސްޓު އިސްރާޢީލަށް ވަރުގަދަ ހަމަލަތަކެއް ދީފި

ޙަމާސްއިން ފަލަސްޠީން މިނިވަންކުރުމަށް ކުރަމުންދާ ޖިހާދުގައި، ލުބުނާނުގައި ހަރަކާތްތެރިވާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން ޒަޔަނިސްޓު އިސްރާޢީލުގެ ރަށެއް ކަމުގައިވާ ކިރިޔަތް ޝްމޯނޭއަށް ވަރުގަދަ ހަމަލަތަކެއް ދީފިއެވެ. އެ ރަށަށް 19 ފަހަރެއްގެ މަތިން ރޮކެޓް ހަމަލަތަކެއް ދީފައި ވަނީ ޙަމާސް ޖަމާޢަތުގެ ހަތިޔާރު އެޅި ގޮފި ކަމުގައިވާ ޢިއްޒުއްދީން އަލް-ޤައްސާމް ބްރިގޭޑްސްއިންނެވެ.

ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ ޙަމާސްއިން ކިރިޔަތް ޝްމޯނޭއަށް ދިން ރޮކެޓް ހަމަލަތަކުގައި ޔަހޫދީންގެ ދެ މީހަކު ޒަޚަމު ވެފައިވާ ކަމުގައި އިސްރާޢީލުގެ ޞިއްޙީ ޚިދުމަތްތަކާ ބެހޭ އިދާރާއިން ބުނެއެވެ. މި ހަމަލަތަކާ ގުޅިގެން ބައެއް ޢިމާރާތްތަކުގައި އަލިފާން ރޯވި ކަމުގައި ބައެއް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރޭގައި ކާރެއް ވެސް ހިމެނެއެވެ.

ލުބުނާނުގައި ހަރަކާތްތެރިވާ ޙަމާސްގެ މުޖާހިދުންގެ އިތުރުން ޙިޒްބު މުޖާހިދުން ދެމުންދާ ހަމަލަތަކުގެ ރައްދުގައި ޔަހޫދީ ފައުޖުން ވެސް ދަނީ ލުބުނާނުގެ ރަށްތަކަށް ބޮން އަޅަމުންނެވެ. މި ހަމަލަތަކުގައި 70 މުޖާހިދުން ޝަހީދުވެފައިވާ ކަމުގައި ލުބުނާނުގެ އޮފިޝަލުން ވިދާޅުވެއެވެ. އޭގެ ތެރޭގައި ޙިޒްބު ޖަމާޢަތުގެ 50 މުޖާހިދުން ހިމެނެއެވެ. ޔަހޫދީންގެ ހަމަލަތަކުގައި ޢާންމުންގެ ހަތް މީހުން ވެސް ޝަހީދު ކޮށްލާފައިވެއެވެ. މުޖާހިދުންގެ ހަމަލަތަކުގައި ޔަހޫދީންގެ ނުވަ މީހުން ވަނީ މަރައިލާފައެވެ. އޭގެ ތެރޭގައި ޔަހޫދީ އަސްކަރިއްޔާގެ ޖައްބާރު ސިފައިންގެ އަށް މީހުން ހިމެނެއެވެ.

ހައްދުފަހަނަ އަޅާފައިވާ ޓެރަރަސްޓް ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.

ލުބުނާނުގައި ހަރަކާތްތެރިވާ ޙަމާސް ޖަމާޢަތުގެ ގޮފިން އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ދަނީ ޔަހޫދީންގެ ފައުޖުތަކަށް އަމާޒުކޮށް މި ފަދަ ހަމަލަތައް ދެމުންނެވެ. ލުބުނާންގައި ޙަރަކާތްތެރިވާ ޙަމާސް ޖަމާޢަތުން އިސްރާޢީލަށް ރޮކެޓް ހަމަލަތަކެއް ދީފައި މި ވަނީ އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުތަކުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމާ ގުޅިގެންނެވެ. އެ އުދުވާންތަކުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު ވަނީ 9,061 އަށް އުފުލިފައެވެ. އޭގެ ތެރޭގައި ކުށެއް ނެތް 3,760 ކުޑަކުދިންނާއި 2,326 އަންހެނުންގެ އިތުރުން އުމުރުން ދުވަސްވީ އެތަކެއް ސަތޭކަ ބަޔަކު ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 32,000 އަށް އުފުލިފައެވެ. ޔަހޫދީންގެ މި ގަތުލުއާންމު ހިންގަމުން ދަނީ އެމެރިކާގެ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ޒަޔަނިސްޓު އިސްރާޢީލު!
    މީ ކޮންބައެއްތޯ އެވެ؟
    ކޮންނަސްލަކަށް ކޮން ގައުމަކަށް ނިސްބަތްވާބައެއްތޯމީ؟

  2. ދިވެހި ނޫސްވެރިން ޚަބަރުތައް ލިޔާއިރު އިޒްރާއީލޭ ނުލިޔެ އެފަދަ ކޮންމެތަނެއްގައި ލިޔަންވީ "ފަލަސްތީނުގެ ބިންތައް ފޭރިގެން ތިބި ޒަޔަނިސްޓްން"މިފަދައިންނެވެ. އިޒްރާއީލޭ ކިޔާ ޤައުމެއް އޮތްކަމަށް ގަބޫލުނުކުރަންވީއެވެ. މިވެސް އެވެރިންނާ ދެކޮޅަން ހިންގިދާނެކަމެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު