Wednesday, 22 May 2024

އަނެއްކާވެސް ކުޑަކުދިން ގަތުލުކުރަން ފަށަން އަނިޔާވެރި ޔަހޫދީން ވަނީ ނިންމާފައި

ބާރުވެރި މަޤާމުތަކުގައި ތިބި މީހުން (އިސްރާއީލަށް އިޝާރާތްކޮށް)، ޣައްޒާގެ ކުޑަކުދިން ގަތުލުކުރަން ފެށުމަށް އަނެއްކާ ވެސް ނިންމާފައިވާ ކަމަށް އދ. ގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

"[ޣައްޒާގެ] ކުޑަކުދިން ގަތުލުކުރަން ފެށުމަށް ބާރުވެރި މަގާމުތަކުގައި ތިބި މީހުން މި ވަނީ އަނެއްކާ ވެސް ނިންމާފައި،" ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުން ދިޔަ ލާއިންސާނީ އުދުވާންތައް އަލުން ފެށުމާއެކު އ.ދގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

ހުކުރު ދުވަހު އަނެއްކާވެސް އުދުވާން ފަށާފައިވާއިރު، ޣައްޒާގައި ޔަހޫދީން ހިންގި ޖަރީމާތަކުގައި، 178 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 500 އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަތަންޔާހޫގެ އަނިޔާވެރި ސަރުކާރުގެ އިސް ފަރާތްތަކަށް އިޝާރާތް ކުރައްވާ އޭނާ މިހެން ވިދާޅުވެފައިވާއިރު، އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުން ދިޔަ ލާއިންސާނީ އުދުވާނަކީ، އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައެއް ނޫން ކަމާއި، އެއީ، ފަލަސްޠީނުގެ މައުސޫމް ކުޑަކުދިންގެ ލޭއޮހޮރުވައިލަން ހިންގަމުންދާ ގަތުލުއާންމެއް ކަމަށް ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމަޢާތްތަކުން ސިފަކުރެއެވެ.

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ހިންގާ އުދުވާނަކީ، ފަލަސްޠީނުގެ އަންހެނުން ހުވަފަތް ކުރަން ހިންގާ އަސްކަރީ ކެމްޕޭނެކެވެ. ހަމައެހެންމެ، އެއީ ކުޑަކުދިން ޔަތީމު ކުރަން ހިންގަމުންދާ ލާއިންސާނީ ޖަރީމާއެކެެވެ.

ފަލަސްޠީނުގެ ކުށެއް ނެތް ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި އިސްރާއީލުން ހިންގަންފެށި އުދުވާން ހަތް ދުވަހަށް މެދުކަނޑާލާފައި އޮތުމަށްފަހު ޔަހޫދީންގެ ލާއިންސާނީ އުދުވާން އަނެއްކާ ވެސް މި ވަނީ ފަށާފައެވެ. ޑިސެންބަރު 1 ވަނަ ދުވަހު ޣައްޒާ ގަޑިން ހެނދުނު 7 ޖެހުމާ އެކު ޔަހޫދީންގެ ހަމަލަތައް ވަނީ ފަށާފައެވެ. ޣައްޒާގެ މުސްލިމުން ދިރިއުޅޭ ގެދޮރަށް ގޮން އަޅަން ފަށާފައެވެ. ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް ސުންނާފަތި ކުރަން ފަށާފައެވެ.

ފަލަސްޠީނުގެ މިނވަންކަމަށް ޖިހާދުކުރަމުންދާ ޙަމާސް ޖަމާޢަތުގެ މުޖާހިދުންނާއި ޒަޔަނިސްޓު އިސްރާޢީލާ ދެމެދު ނޮވެންބަރު 24 ވަނަ ދުވަހު ހަދާފައިވާ އެއްބަސްވުން ދަންމައިލަން ޔަހޫދީން ވަނީ ދެކޮޅު ހަދާފައެވެ. އެއްބަސްވުން އެކުލަވައިލުމުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރާ ޤަޠަރުން ބުނީ، އެއްބަސްވުމަށް އަލުން ރުޖޫޢަވުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. ދެ ފަރާތާ އެކު މަޝްވަރާ ކުރަމުންދާ ކަމުގައެވެ.

އަލުން ޣައްޒާއަށް ބޮން އަޅަން ޔަހޫދީން ފެށުމާ އެކު، އެއްބަސްވުމަށް ރުޖޫޢަވާން ކުރަމުން ދިޔަ މަޝްވަރާތަކަށް ހިޔަނި އެޅިފައިވެއެވެ. ޔަހޫދީންގެ އުދުވާންތައް އަލުން ފެށުމާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، ހަމަލަތައް މެދުކަނޑައިލަން ގޮވައިލާފައެވެ.

މީޑިޔާ ރިޕޯޓުތައް ބުނާގޮތުން، އުދުވާންތައް އަލުން ފެށުމުގައި ޙަމާސްއިން ޒިންމާ އުފުލަން ޖެހޭނެ ކަމަށް ޔަހޫދީން ދަނީ ބުނަމުންނެވެ. އަދި، ޙަމާސްއިން ކުރިން އެއްބަސްވެފައިވާ ގޮތަށް، އެ ޖަމާޢަތުން ރަހީނު ކޮށްފައިވާ ހުރިހާ އަންހެނުން މިނިވަން ކޮށްފައި ނުވާ ކަމަށާއި، އިސްރާޢީލުގެ ރަށްތަކަށް ރޮކެޓް ހަމަލަތަކެއް ދީފައިވާ ކަމަށް ޔަހޫދީން ތުހުމަތު ކުރެއެވެ.

އެހެންނަަމަވެސް، ޙަމާސްއިން މި ތުހުމަތުތައް ދޮގު ކުރެއެވެ. އެ ޖަމާޢަތުގެ އިސް އޮފިޝަލެއް ކަމުގައިވާ އުސާމާ ޙަމްދާން ވިދާޅުވީ، އެއްބަސްވުމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ޔަހޫދީން ދިޔައީ އެއްބަސްވުން އުވައިލެވޭނެ ގޮތްތައް ހޯދަމުން ކަމުގައެވެ. އަދި، އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ވެސް ހުޅަނގު އައްސޭރިއަށް އަރައި ލާއިންސާނީ ޖަރީމާތައް ހިންގާފައިވާ ކަމަށާއި، ގިނަ ޢަދަދެއްގެ މުސްލިމުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ.

މިޞްރާއި އެމެރިކާއިން ވެސް ދަނީ މިކަމުގައި ޤަޠަރަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ޤައުމުން ހާމަކޮށްފައިވާ ގޮތުގައި، އަލުން ހަމަލަ ބަދަލު ކުރުން ހުއްޓުމަކަށް ގެނައުމަށް ދެ ފަރާތާ އެކު މަޝްވަރާ ކުރަމުންދެއެވެ. ހަމައެހެންމެ، ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަން މުސްލިމުންނަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ ގޮތެއް ހޯދަމުންދާ ކަމުގައެވެ.

7 އޮކްޓޫބަރު އިން ފެށިގެން، ޔަހޫދީން ފެށި ލާއިންސާނީ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 15,000 އަށް އަރަނީއެވެ. އޭގެ ތެރޭގައި 6,000 އެއްހާ ކުޑަކުދިން ހިމެނެއެވެ. ސުންނާފަތި ކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އަދިވެސް 6,000 މީހުންގެ ހަށިގަނޑު ތާށިވެފައިވާ ކަމަށް ބެލެވޭ ކަމުގައި ރިޕޯޓްތައް ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *