ކުރިމަތިލުންތައް ބިރުވެރި ޙާލަތަކަށް ގޮސްފިކަމަށާއި، ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށްޓަކައި ދެމެހެއްޓެނިވި ސިޔާސީ ހައްލެއް ހޯދުމަށް ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާާލުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ގޮވާލައްވައިފިއެވެ.
ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި އައްބާސް، ވިދާޅުވީ އިސްރާއީލާއި ފަލަސްތީން މުޖާހިދުންނާއި ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް ބިރުވެރި ހާލަތަކަށް ގޮސްފައިވާ ކަމަށާއި ބައިނަލްއަގުވާމީ ކޮންފަރެންސަކާއި ދުނިޔޭގެ ބާރުތަކުން ގެރެންޓީ ދޭން ޖެހޭ ކަމަށެވެ.
އައްބާސް ވިދާޅުވީ، ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ޣައްޒާގައި ހަމާސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ އިތުރުން، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ހުރިހާ ތަނަކަށް ވެސް އިސްރާއީލު ސިފައިން ހަމަލާތައް ވަރުގަދަކޮށްފައިވާ ކަން ފާހަގަކުރައްވަމުން ވަޒަންވެރިން ފަލަސްތީނުގެ އަވަށްތަކާ ދެކޮޅަށް ހަމަނުޖެހުންތައް އިތުރުކުރަމުންދާ ކަމަށެވެ.
" މިތިބީ ސުލްހަވެރިކަމާ އެކީގައި، ބައިނަލްއަގްވާމީ ސުލްހައިގެ ކޮންފަރެންސެއްގެ މައްޗަށް ބިނާކޮށް އަދި ބައިނަލްއަގްވާމީ ބެލުމުގެ ދަށުން ޣައްޒާއާއި ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި ފަލަސްތީނުގެ ސިޔާދަތީ ދައުލަތެއް ގާއިމުކުރުމަށް ދުނިޔޭގެ ބާރުތަކުން ހިމާޔަތްކުރާނެ ހައްލެއް ގެނައުމަށް މަޝްވަރާތަކަށް ތައްޔާރަށް،" ރައީސް ޢައްބާސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ، މީގެ ކުރިން، 1993 ވަނަ އަހަރުގެ އޮސްލޯ އެއްބަސްވުމުގެ ފަހުން އިސްރާއީލާއެކު ވެފައިވާ ސުލްހައިގެ ހުރިހާ އެއްބަސްވުންތަކަށާއި އޭގެ ފަހުން އެތައް އަހަރެއް ވަންދެން ވެފައިވާ އެއްބަސްވުންތަކަށް ޕީއޭ އިން ބޯލަނބާފައިވާ ކަމަށާއި ނަމަވެސް އިސްރާއީލުން ފަލަސްތީނަށް ވެރިވެގަތުން ހުއްޓާލުމަށް ވެފައިވާ ވައުދުތަކަށް އިސްރާއީލުން އެއްކިބާވެފައިވާ ކަމަށެވެ. އައްބާސް ވިދާޅުވީ، ބައިނަލްއަގްވާމީ އެއްބަސްވުމެއްގެ މައްޗަށް ބިނާކޮށް، ބަލިކަށިވެފައިވާ ފަލަސްތީނު އޮތޯރިޓީ އަލުން ދިރުވައި، ޒަމާނުއްސުރެ އިންތިޒާރު ކުރަމުން އައި އިސްލާހުތައް ތަންފީޒުކޮށް، 2006 ވަނަ އަހަރު ހަމާސް އިން މޮޅުވެ، ފަހުން ޕީއޭ ޣައްޒާއިން ބޭރުކޮށްލުމުން ސަސްޕެންޑްކުރި ރިޔާސީ އަދި ބަރުލަމާނީ އިންތިހާބު ބާއްވާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.
އައްބާސް ވިދާޅުވީ، މީގެ ކުރިން 2006 ވަނަ އަހަރު ހަމާސް އިން އިންތިޚާބު ކާމިޔާބުކުރި ފަދައިން ދެން ބާއްވާ އިންތިޚާބެއްވެސް ހަމާސް އަށް ވެސް ކާމިޔާބުވުމުގެ ފުރުސަތު އޮތުމުން އިންތިހާބު ބޭއްވުމުގެ ނުރައްކާ އޮންނާނެތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ހަމާސްއިން ކާމިޔާބު ކުރި ނަމަވެސް އެއީ ޑިމޮކްރެޓިކް އިންތިހާބެއް ކަމަށެވެ. ހަަމައެހެންމެ، 2021 ވަނަ އަހަރުގެ އޭޕްރީލް މަހު އިންތިހާބު ބޭއްވުމަށް ރާވާފައިވާ ކަމަށާއި ނަމަވެސް ޔޫރަޕިއަން ޔޫނިއަންގެ މަންދޫބު ކަނޑައެޅިފައިވާ ތާރީހުގެ ކުރިން ވިދާޅުވީ އިރުމަތީ ގުދުސްގައި ވޯޓުލުމަށް އިސްރާއީލުން އިއުތިރާޒު ކުރާތީ އެކަން ހުއްޓާލަން މަޖުބޫރުވި ކަމަށް އޭނާ ފާހަގަކުރެއްްވިއެވެ.
އިރުމަތީ ގުދުސް އާ ނުލައި އިންތިހާބެއް ނުބޭއްވޭނެ ކަމަށް ބާރު އަޅުއްވާނެ ކަމަށާއި، އިސްރާއީލުން މަނާ ކުރުމުގެ ކުރިން އިރުމަތީ ގުދުސް ހިމެނޭ ގޮތަށް ޕީއޭ އިން މީގެ ކުރިން ތިން ބުރުގެ އިންތިހާބެއް ބޭއްވި ކަމަށް އައްބާސް ވިދާޅުވިއެވެ. އިސްރާއީލުން އަރަބި އިރުމަތީ ގުދުސް ހިފާފައިވަނީ 1967 ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައިގައެވެ. އޭގެ ފަހުން ގުދުސްއަކީ މުޅި އެ ސިޓީގެ ވެރިރަށް ކަމަށް ކަނޑައަޅައިފައިވާ ކަމަށެވެ. އެއީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިނުގަނެވޭ ފިޔަވަޅެއް ކަށް އައްބާސް ވިދާޅުވިއެވެ.
އަައްބާސް ވިދާޅުވީ ޕީއޭ އަދިވެސް އޮތީ މުއައްސަސާއެއްގެ ގޮތުގައި ޣައްޒާގައި ކަމަށާއި އަދިވެސް މުވައްޒަފުންނާއި ޕެންޝަނަރުންނާއި މިސްކީނު އާއިލާތަކަށް މަހަކު 140 މިލިއަން ޑޮލަރުގެ މުސާރަ އާއި ހަރަދުތައް ދޭ ކަމަށެވެ. އަދި ޕީއޭގައި އަދިވެސް ޣައްޒާގައި ތިއްބެވީ ތިން ވަޒީރުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޣައްޒާ ހަނގުރާމައިގައި ދެ މަސް ދުވަހުގެ ހަނގުރާމައިގެ ތެރޭގައި 17،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 46،000 މީހުން ޒަހަމްވެ، ގާތްގަނޑަކަށް 1.9 މިލިއަން މީހުން ގެދޮރު ދޫކޮށްދާން މަޖުބޫރުވެފައިވެފައިވެއެވެ. އޭގެތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން މިހާރު ހިމާޔަތް ހޯދަމުން ދަނީ ޣައްޒާގެ މެދުތެރޭގެ ސަރަހައްދުތަކުގައި ނުވަތަ މިސްރުގެ ބޯޑަރު ކައިރީގައި ވާ ސަރަހައްދުތަކުގައެވެ.
ޣައްޒާ ސުންނާފަތިވެ، އެސިޓީގެ ހޮސްޕިޓަލްތަކާއި، މަދަރުސާތަކާއި، އުމްރާނީ ވަސީލަތްތަކާއި، އެހެނިހެން ޢިމާރާތްތަކާއި، މަގުތަކާއި މިސްކިތްތައް ވަނީ ހަލާކުވެފައެވެ. އެއްވެސް އެއްޗެއް އިސްތިސްނާއެއް ނުވެއެވެ. އައްބާސް ވިދާޅުވީ އިސްރާއީލަށް ފުރިހަމައަށް ތާއީދުކުރާ އެމެރިކާއަކީ އެންކްލޭވްގައި ހިނގަމުންދާ ކަންކަމުގެ ޒިންމާ އުފުލާން ޖެހޭނެ ގައުމެއް ކަމަށެވެ.
ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައިވަނީ، ފަލަސްތީނު އޮތޯރިޓީން ޣައްޒާގެ މައްޗަށް ކުރާ ވެރިކަން އިސްރާއީލުން މިހާރު އޮތް ގޮތަށް ބަލައިނުގަންނާނެ ކަމަށެވެ. ހަނގުރާމައަށް ފަހު ޣައްޒާގައި ސެކިއުރިޓީ ޒޯނެއް ގާއިމުކުރުމަށް އިސްރާއީލުން އެކުލަވާލި ޕްލޭނަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ ދެ ދައުލަތުގެ ހައްލަކަށް ތާއީދުކުރާ ކަމަށާއި، ޣައްޒާ ހިފުމުގެ ފުރުސަތު އިސްރާއީލަށް ނުދޭ ކަމަށާއި، ޣައްޒާގެ ސަލާމަތީ ކޮންޓްރޯލް ހިފެހެއްޓުމަށް ނުވަތަ ޣައްޒާގެ ބިންތައް އަތުލުމަށް އެމެރިކާއިން ތާއީދުކުރާ ކަމަށެވެ. ފަލަސްތީނުން ބޭނުންވަނީ އިރުމަތީ ގުދުސް އަކީ އެމީހުންގެ މުސްތަގުބަލުގެ ދައުލަތުގެ ވެރިރަށް ހެދުމަށެވެ. 2.3 މިލިއަން މީހުން ދިރިއުޅެމުން އަންނަ މި ސްޓްރިޕްގެ ކޮންޓްރޯލް ޕީއޭ އިން ހަވާލުކުރާނެ ކަމަށް އެމެރިކާގެ އޮފިޝަލުންނާ އެކު މަޝްވަރާކުރި ހަނގުރާމައަށް ފަހު އެކުލަވާލި ޕްލޭންގެ ހަރުދަނާ ތަސައްވުރެއް އައްބާސް ނުދެއްވައެވެ.


