Saturday, 15 June 2024

"މަސްވެރިންގެ އުދާސްތަކަށް އުންމީދު ލިބިގެންދިޔަ ދަތުރުފުޅު؛ ލަހެއްނުވެ ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް ތުރުކީގެ މާރުކޭޓަށް"

ތުރުކީއަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅަކީ ހިންމަތްތެރި މަސްވެރިންގެ އުދާސްތަކަށް އުންމީދު ލިބިގެންދިޔަ މި ދަތުރުފުޅެއް ކަމަށާއި، ލަހެއްނުވެ ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ތުރުކީގެ މާރުކޭޓުގެ ތަނަވަސްކަމާ އެކީގައި މާކެޓުކުރުމަށް ހުޅުވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަ ކުރެއްވީ ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރޭގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރިޔާސީ ދައުރުގައި އެންމެ ފުރަތަމަ ރަސްމީ ދަތުރެއް ކުރެއްވީ ތުރުކީއަށް ކަމަށާއި، މި ދަތުރުގައި އަޅުގަނޑުގެ އެއް މައުޟޫޢެއް ކަމުގައި ކަނޑައެޅީ ދިވެހި މަސްވެރިކަމަށް ލާބައާއި މަންފާ ހޯދޭނެ ގޮތްތައް ފަހިކުރުން ކަމަށެވެ.

"އަޅުގަނޑުގެ ރިޔާސީ ދައުރުގައި އެންމެ ފުރަތަމަ ރަސްމީ ދަތުރެއް މިކުރީ ތުރުކީއަށް. މި ދަތުރުގައި އަޅުގަނޑުގެ އެއް މައުޟޫޢެއް ކަމުގައި ކަނޑައެޅީ ދިވެހި މަސްވެރިކަމަށް ލާބައާއި މަންފާ ހޯދޭނެ ގޮތްތައް ފަހިކުރުން. ތިޔަ ހިންމަތްތެރި މަސްވެރިންގެ އުދާސްތަކަށް އުންމީދު ލިބިގެންދިޔަ މި ދަތުރުން. އިތުބާރު ލިބުނު. އިރާދަކުރެއްވިއްޔާ، ލަހެއްނުވެ ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ތުރުކީގެ މާރުކޭޓުގެ ތަނަވަސްކަމާ އެކީގައި އެތައް ހުޅުވިގެންދާނެ." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރޭގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ޤާއިމުކުރައްވާ ފިޝަރީޒް ކޮލެޖް ޤާއިމުކުރައްވާނީ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެންކަމަށާއި އެކަމުގެ އިދާރީ މަސައްކަތް ސަރުކާރުގެ ހަފުތާ 14 ގެ ތެރޭގައި ހިނގަމުންދާކަމަށެވެ. މީގެ އިތުރުން މަސްވެރިކަންކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން 1 ފަޅުވެރިޔަކު "ރެސްކިއު ޑައިވަރ" ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ހެދުމަށްޓަކައި ޚާއްޞަ ތަމްރީނު ޕްރޮގްރާމެއްގެ ފުރުޞަތު ފަހިކޮށްދެއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސަރުކާރުގެ މެނިފެސްޓޯގައި މަސްވެރިންނަށް ޚާއްޞަ އިސްކަމެއް ދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ. މިގޮތުން ދިވެހިރާއްޖޭގައި ބާނާ މަހުގެ އުފެއްދުންތަކަށް ބޭރުގެ ބާޒާރުގައި މަތީ އަގު ހޯދުމަށް ކުރައްވާ މަސައްކަތުގެ ދަށުން، ރާއްޖޭގައި ބާނާ މަސް ގަންނާނެ އިތުރު ބާޒާރުތައް ހޯދައި މާކެޓްކޮށް، ޕްރޮމޯޓް ކުރުމަށް ޚާއްޞަ އެޖެންސީއެއް އުފެއްދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި އެޖެންސީގެ ދަށުން ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ޚާއްޞަ ބްރޭންޑެއް ތަޢާރަފުކޮށް އެ ބްރޭންޑް ބޭރު ޤައުމުތަކުގައި އިޝްތިހާރުކޮށް މާކެޓް ކުރެވިގެންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަސްވެރިންގެ ލާބައާއި މަންފާއަށް ސަރުކާރުން މިހާރު ފަށްޓަވާފައިވާ ބައެއް ކަންކަމާއި ކުރިއަށް ރާވާފައިވާ އެކި ކަންކަމުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޚާއްޞަ ހަފުލާގައި ވަނީ ފާއިތުވި އަހަރު މަސްވެރިކަމުގެ ސިނާޢަތުގައި އަދި މަސްވެރިކަމާ ގުޅުންހުރި ކަންކަމުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯއްދަވާފައިވާ ފަރާތްތަކަށާއި މަސްވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ އެކިއެކި ޚިދުމަތްތައް ކުރައްވާފައިވާ 19 ފަރާތަކަށް މަސްވެރިންގެ ދުވަހުގެ ޚާއްޞަ އިނާމުތައް ހަވާލުކޮށްދެއްވާފައެވެ. މި ފަރާތްތަކާ އިނާމުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު