ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ހައިކޮމިޝަނަރު ވޮލްކަރ ޓާރކްއާ މިއަދު ބައްދަލުކުރައްވައި، ޣައްޒާއަށް މިހާރުން މިހާރަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވެފައިވާ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އިންސާނީ ޙައްޤުތައް ނެގެހެއްޓުމުގެ ޤައުމީ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުގެ އެންމެހާ އިދާރާތަކާއި ރަސްމީ އޮފީސްތައް ހިމެނޭހެން މަސައްކަތް ކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަމުގައި ވިދާޅުވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި، ބައިނަލްއަޤްވާމީ މުއާހަދާތަކަށް އަމަލުކުރުމުގައި އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހާއި އަދި އެ މަޖިލީހާ ގުޅިފައިވާ ނިޒާމުތަކަށް އެއްބާރުލުން ދީގެން ދިވެހިރާއްޖެއިން ބިނާކުރަނިވި މަސައްކަތްތަކެއް ކުރާނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.
ރައީސް އޮފީހުން ވިދާޅުވެފައިވާ ގޮތުގައި، މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ހައިކޮމިޝަނަރ ވަނީ ދެފަރާތުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވައި، ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމަށާއި، ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއި، އިންސާނީ ޙައްޤުތައް ކުރިއެރުވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ޚާއްޞަ ގޮތެއްގައި، ފަލަސްޠީނުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމާއި ޣައްޒާއަށް މިހާރުން މިހާރަށް ބޭނުންޖެހިފައިވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭކަން ޔަޤީންކުރުމުގެ މުހިންމު މަޢުޟޫއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލިއަޅުއްވާލައްވާފައިވެއެވެ.
ރައީސް އޮފީހުން ވިދާޅުވެފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސްވިޒަރލެންޑްގެ ޖެނީވާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ، "ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު "ހިއުމަން ރައިޓްސް 75″ ފާހަގަކުރުމަށްޓަކައި މި ޑިސެމްބަރު މަހުގެ 11 އިން 12 އަށް ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.


