Saturday, 22 June 2024

އަނިޔާވެރި އިސްރާޢީލުގެ ޖަރީމާތައް އިންތިހާއަށް؛ ޣައްޒާގެ ރައްޔިތުންނަށް ބަނޑުފުރާނަ މުއްތިކުރެވޭނެ ގޮތެއް ނެތް!

އޮކްޓޫބަރު 7 ވަނަ ދުވަހު ޣައްޒާގެ ފުރަބަންދު ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން، ޣައްޒާއިން ކާބޯތަކެތި ހުސްވެ ބަނޑުފުރާނަ މުއްތިކުރެވޭނެ ގޮތެއް ނެތި ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެހެން ފަށައިފިއެވެ. އަނިޔާވެރި ޔަހޫދީން ވަނީ އެ ސަހަރަށް ޒަރޫރީ ސަމާނު އެތެރެ ކުރުމަށް ހުރަސް އަޅާފައެވެ. ހަމައެހެންމެ، ޣައްޒާއިން ކާބޯތަކެއްޗާއި ސާފުބޯފެނާއި، ޞިއްޙީ ފަރުވާ ދިނުމަށް ބޭނުންވާ ބޭސްފަރުވާގެ ސާމާނު ވަނީ ހުސްވެފައެވެ. ޞިއްޙީ ޚިދުމަތްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެމްބިޔުލާންސްތައް ސުންނާފަތިކޮށްްފިއެވެ. ބޭކަރީތައް ބިމާ ހަމަކޮށްފިއެވެ.

ބޯޑަރު ހުރަސްކުރުމުގައިވެސް ދަނީ ފިއްތުންތައް ކުރިމަތިކުރަމުންނެވެ. ރަފަޙްގައި އޮންނަ ޣައްޒާއާއި މިޞްރު ގުޅޭ ސަރަޙައްދީ ހުރަސް ތެރެއިން ޣައްޒާއަށް ވަރަށް މަދު ޢަދަދެއްގެ އެހީގެ ސާމާނު މިހާރު ދަނީ ވައްދަމުންނެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. ޣައްޒާގައި ދިރިއުޅޭ 2.3 މިލިޔަން މީހުންނަށް ބޭނުންވާ މިންވަރަށް، އަދި އެ މީހުންގެ ބަނޑުފުރާނަ މުއްތިކުރެވޭނެ މިންވަރަށް ކާބޯތަކެތި އެތެރެ ކުރަން ޔަހޫދީން އަދިވެސް ދަނީ ހުރަސް އަޅަމުންނެވެ.

ހައްދުފަހަނަ އަޅާފައިވާ ޖަރީމާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުންގެ އިންސާނީ ހާލަތު ދަށު ދަރަޖައަކަށް ވެއްޓިފައިވާއިރު، ބަނޑުފުރާނަ މުއްތިކުރެވޭނެ ގޮތެއް ހޯދުމަށް ބައެއް މީހުން ވަނީ އެހީގެ ސާމާނު އެތެރެކުރާ އުޅަނދުފަހަރު ލޫޓުވާފައެވެ. މި ހާދިސާ ހިނގާފައި ވަނީ ރަފަޙް ހުރަސްކުރާ ބޯޑަރުގައެވެ. ރިޕޯޓްތައް ބުނާގޮތުން، ޣައްޒާގެ ރައްޔިތުންގެ އަތުގައި އެއްވެސް އެއްޗެއް ނެތެވެ. އެ މީހުންގެ ގެދޮރެއް ނެތެވެ. ކާބޯތަކެތި ހޯދޭނެ ގޮތެއް ނެތެވެ. ބަނޑުފުރާނަ މުއްތިކުރެވޭނެ ގޮތެއް ނެތެވެ. ބޯނެ ފެންފޮދެއްހާ މިންވަރު ވެސް، ބޭހެއް ވެސް ނެތެވެ. އެހީގެ ސާމާނު ބަރުކޮށްގެން ދަތުރު ކުރަމުން ދިޔަ އުޅަނދެއް ހުއްޓުވައި، ކާބޯތަކެތި ހޯދަން މަސައްކަތް ކުރުމަކީ މި ފަދަ ހާލަތެއްގައި ހިނގާފާނެ ކަމެއް ކަން ޤަބޫލު ކުރަން ޖެހެއެވެ.

އެހީގެ ސާމާނު ހިފައިގެން ޣައްޒާއަށް ވަންނަ ބައެއް އުޅަނދުފަހަރު ހުއްޓުވައި، އޭގައި ހުރި ކާބޯތަކެތި އަތުލަމުންދާ ކަމުގައި އ.ދއިން ވެސް ދާދި ފަހުން ވަނީ ބުނެފައެވެ. ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އ.ދގެ އިދާރާގެ އިސްވެރިޔާ ފިލީޕޯ ލަޓްޒަރީނީ ވިދާޅުވީ ޣައްޒާގެ ރައްޔިތުން މިހާރު ތަޙައްމުލު ކުރަމުންދާ ހާލަތަކީ އެ މީހުންނަށް އައު ހާލަތެއް ކަމުގައެވެ. އަދި، މި ފަދަ މިންވަރަކަށް ހައިހޫނުކަމާ އެ މީހުންނަށް މީގެ ކުރިން ދުވަހަކުވެސް ކުރިމަތިލާން ޖެހިފައި ނުވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމުގެ އޮފިޝަލަކު ވިދާޅުވީ، ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން މިހާރު ދަނީ ހައިހޫނު ކަން ތަޙައްމުލު ކުރަމުން ކަމުގައެވެ. އަދި، ދެން ކާބޯއެއްޗެއް ލިބޭނެ ދުވަހެއް، އެ މީހުންނަށް ނޭނގޭ ކަމުގައި އޭނާ ވިދާޅުވިއެވެ. ޔަހޫދީިންގެ މެދުކެނޑުމެއް ނެތް ޢުދުވާނާ ގުޅިގެން ޣައްޒާގެ މެދުތެރެއާއި އުތުރުގެ ސަރަޙައްދުގައި ތިބި ރައްޔިތުންނާ ހަމައަށް ކާބޯތަކެތި ފޯރުކޮށްދެވޭނެ ގޮތެއް ނެތް ކަމުގައި ވެސް އެހީދޭ ޖަމާޢަތްތަކުން ބުނެއެވެ.

7 އޮކްޓޫބަރުން ފެށިގެން ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ފަށާފައިވާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު 19,543 އަށް އަރާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 52,000 އަށް އުފުލިފައިވާއިރު، އެ މީހުންނަށް ފަރުވާދޭނެ ގޮތެއް، އަދި ވަޞީލަތެއް ވެސް ޣައްޒާގައި މި ވަގުތު ނެތެވެ. އަދި، ޔަހޫދީން ސުންނާފަތި ކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި ޝަހީދު ކޮށްލާފައިވާ އިތުރު 7,000 މީހެއްގެ ހަށިގަނޑު ތާށިވެފައިވާ ކަމުގައި ވެސް ޣައްޒާގެ އޮފިޝަލުން ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު