ޔަހޫދީ ފައުޖުން އެއްގަމު މަގުން ޣައްޒާއަށް އަރައި، ލާއިންސާނީ ޢުދުވާން އިތުރަށް ފުޅާ ކުރަން ފަށައިފި

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ޔަހޫދީ ފައުޖުން އެއްގަމު މަގުން ޣައްޒާއަށް އަރައި ހިންގަމުންދާ ލާއިންސާނީ ޢުދުވާން އިތުރަށް ފުޅާ ކުރަން ފަށައިފިއެވެ. އަނިޔާވެރިން ބަރުހަތިޔާރާ އެކު އެންމެ ފުރަަތަމަ އަރާފައި ވަނީ ޣައްޒާގެ އުތުރުގައިވާ ސަރަޙައްދުތަކަށެވެ. އެ ސަރަޙައްދު ސުންނާފަތި ކޮށް، މިހާރު ޔަހޫދީ ފައުޖުން ދަނީ ޣައްޒާާގެ މެދުތެރޭގައިވާ ރަށްތަކަށް އެއްގަމު މަގުން އެރުމަށްޓަކައި،  އަސްކަރީ ޓޭންކުފަހަރާއި ބަރުހަތިޔާރާއެކު ދަތުރުކުރަމުންނެވެ.

ޔަހޫދީ ފައުޖުން އާޓިލަރީ ބަޑިއާއި އަސްކަރީ ޓޭންކުފަހަރު ބޭނުންކޮށްގެން އަލް-ބުރެއިޖަށް މިހާރު ވެސް ޙަމަލަދޭން ފަށާފައިވާ ކަމުގައި އެ ރަށުގެ ރައްޔިތުން ބުނެއެވެ. މީގެ ކުރިން ވެސް އަލް-ބުރެއިޖަށް އަރަން ޔަހޫދީ ފައުޖުން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް، ޙަމާސްގެ މުޖާހިދުން ވަނީ އެ މީހުންނާ ކުރިމަތިލާފައެވެ.

ޣައްޒާގެ އުތުރުގައިވާ ރަށްތަކުގައި ވެސް ޔަހޫދީ ފައުޖުން ރަޙުމު ކުޑަ ޢުދުވާންތަކެއް ހިންގަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސާއި ރަފަޙަށް ވެސް ޔަހޫދީ ފައުޖުގެ އަސްކަރީ މަތިންދާބޯޓުތަކުން ދަނީ މެދުކެނޑުމެއް ނެތި ބޮން އަޅަމުންނެވެ. މި ޢުދުވާނާ ގުޅިގެން، އެހެން ސަރަޙައްދުތަކަށް ވެސް ވަނީ ހަމަނުޖެހުންތައް ފެތުރިފައެވެ.

ހަމައެހެންމެ، ހުޅަނގު އައްސޭރިއަށް އަރައި ވެސް ޔަހޫދީ ފައުޖުން ގެންދަނީ ޢުދުވާންތައް ހިންގަމުންނެވެ. ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދުލްއަޤްޞާއަށް ފަލަސްޠީނުގެ އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނަށް ޔަހޫދީ ސިފައިން ދަނީ ހުރަސް އަޅަމުންނެވެ. އެ ކަން ހުއްޓުވަން ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ފަހު ގިނަ ޢަދަދެއްގެ ބަަޔަކު މަސްޖިދުލްއަޤްޞާ ކައިރިއަށް އެއްވެފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ޔަހޫދީ ފައުޖުން ވަނީ އެ މީހުންނާ ކުރިމަތިލައި، ކަރުނަ ގޭސް ބޭނުން ކޮށްގެން އެ މީހުންނަށް ޙަމަލަ ދީފައެވެ.

7 އޮކްޓޫބަރު އިން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 20,000 އަށްވުރެ މައްޗަށް އުފުލިފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 52,000 އަށް އުފުލިފައިވާއިރު، ޣައްޒާގެ 2.3 މިލިޔަން މީހުންގެ އާބާދީއަށް ހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވާ ކަމުގައި އދގެ އިދާރާތަކުން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ