ކުރިއެކޭ އެއްގޮތަށް ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓަށް ހެދުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެދިވަޑައިގަންނަވައިފިއެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ މިއަދު ޗައިނާގައި ކުރިއަށްދާ "އިންވެސްޓް މޯލްޑިވްސް" ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ކޯވިޑުގެ ކުރިން ޗައިނާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި އެއް ނަންބަރު މާކެޓު ކަމަށާއި އަނެއްކާ ވެސް އެމަގާމު ހޯދުމަށް މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ސިންދަފާތު ކުރުމަށް މި ސަރުކާރުން ނިންމަވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ކުރީގެ މެރިޓައިމް ސިލްކް ރޯޑް ޒަމާނުން ފެށިގެން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ދަމަހައްޓަމުން އަންނަ ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ޗައިނާއަކީ ރާއްޖެއާ އެންމެ ގާތް ރަހުމަތްތެރި ގުޅުމެއް އޮންނަ އެއް ޤައުމުގެ އިތުރުން ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ އިސްނެންގެވުމުގެ މަތިން ކުރިޔަށްގެންދަވާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގައި ރާއްޖެއިން 2014 ވަނަ އަހަރު ބައިވެރިވެ، އޭގެ ނަތީޖާއެއްގެ ގޮތުން ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ރާއްޖެއަށް ފަހިވެގެން ދިޔަކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ މައި އެއަރޕޯޓާއި ވިޔަފާރި ބަނދަރު ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވުރެ ހާމަކުރައްވަމުން، އެ މަޝްރޫޢުތައް ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއާ ގުޅިގެން ކުރިޔަށްގެންދެވޭނެ ގޮތްތައް ހޯއްދެވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޓް އެގްރިމެންޓުގެ މައްޗައް އަލިއަޅުވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުވެގެންދާނެކަމަށާއި، އަދި ޚާއްޞަކޮށް ރާއްޖެއިން މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓްކުރާ މިންވަރު އިތުރުވެގެންދާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އެންމެ އިސްކަމެއް ދީގެން ހާޞިލްކުރަން ބޭނުންފުޅުވާކަމަކީވެސް މަހުގެ ބާވަތްތައް ރާއްޖެއިން އެކްސްޕޯޓް ކުރާ މިންވަރު އިތުރުކުރެވޭނެ ގޮތްތައް ހޯދުންކަމަށެވެ.
ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމަށް ހެދުމަށް މަސައްކަތް ކުރުމަށް ރައީސް އެދިވަޑައިގެންފައިވާއިރު އެ ޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވީ ކޯވިޑާ ގުޅިގެން 2020 ވަނަ އަހަރު އެ ޤައުމުގެ ބޯޑަރު ބަންދު ކުރުމާ ގުޅިގެންނެވެ. ގާތްގަނޑަކަށް ތިން އަހަރު ފަހުން އަލުން އެ ޤައުމުން ރާއްޖެއަށް ފަތުރުވެރިން އަންނަ ފެށީ މިދިޔަ އަހަރުއެވެ.
މިދިޔަ އަހަރު ޗައިނާއިން 187،118 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. މިއީ ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ 10 އިންސައްތައެވެ.