އިންވެސްޓްމަންޓް ފޯރަމަށް ބޮޑު ތަރުޙީބެއް ލިބުނު ކަމަށާއި، މަޝްރޫއުތައް ޙަޤީޤަތަކަށް ހެދުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ރައީސް ޑރ. މުއިއްޒާ އެކު, ޗައިނާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ”މިހާރު“ ނޫހަށް ދެެއްވި އިންޓަވިއުއެއްގައެވެ.
މިނިސްޓަރު ވިދާޅުވީ, އޭނާ ވެސް އަދި ރައީސަކީ ވެސް ޗައިނާއާ ގާތް ގުޅުން ބޮޑު ބޭފުޅުންތަކަކަށް ވާތީއާ އެކު, ޗައިނާގެ ސަރުކާރާއި އެ ގައުމުގެ ބޮޑެތި އިންވެސްޓަރުންގެ އިތުބާރު ރައީސް ޑރ. މުއިއްޒާއި ދިވެހި ސަރުކާރަށް ވަރަށް ބޮޑު ކަމަށެވެ.
ޗައިނާގެ ޓޫރިސްޓުން ރާއްޖެ އަށް އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަން ފުޖިއާން ޕްރޮވިންސްގެ ގަވަރުނަރު ވިދާޅުވިކަމަށް ސައީދު ފާހަގަކުރެއްވިއެވެ.
”ޗައިނާ އިން މި ދައްކަނީ ދުނިޔެ އަށް ނަމޫނާއެއް. އެހެން ފައިދާއެއް ނުނަގައި ކުދި ގައުމުތަކާ އެކު ވެސް ބޮޑެތި, ބިޔަ މަޝްރޫއުތަކަށް ކޯ އެކްޒިސްޓް ވެވިދާނެކަން.“ މިނިސްޓަރ ވިދާޅުވިއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އިންވެސްޓްމަންޓް ފޯރަމް ބާއްވަން ރައީސް ޑރ. މުއިއްޒު ކޮންމެހެން ވެސް ބޭނުންފުޅުވީ ކަމަށާއި، ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ މިހާ ކުރު މުއްދަތުގެ ތެރޭގައި އެހާ ކާމިޔާބު އިންސްޓްމަންޓެއް ފޯރަމެއް ބޭއްވުނީ ސައީދު ވިދާޅުވި ގޮތުގައި ޗައިނާގެ ސަރުކާރާއި ފުޖިއާން ޕްރޮވިންސްގެ އިސްވެރިންނާއި ބޮޑެތި އިންވެސްޓަރުންގެ އިތުބާރު ބޮޑުކަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ޗައިނާއަށް ކުރައްވާ ދަތުފުޅުގައި އެ ގައުމުގެ ރއީސް ޝީ ޖިންޕިންއާ މިއަދު ބައްދަލުކުރައްވައި ދެ ގައުމުގެ ރަސްމީ ވާހަކަތައް ބާއްވަވާނެއެވެ. އަދި ބައެއް އެއްބަސްވުންތަކުގައި ވެސް ދެ ސަރުކާރުން ވާހަކަތައް ބާއްވާނެއެވެ.


