Thursday, 20 June 2024

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނީޒް ކޮމިއުނިސްޓް ޕާޓީ މިއުޒިއަމަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާގެ ބެއިޖިންގގައި ހުންނަ ޗައިނީޒް ކޮމިއުނިސްޓް ޕާޓީ މިއުޒިމަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މިޒިޔާރަތުގައި މިއުޒިއަމުގެ ފަރާތުން އެ ދެކަނބަލުންނަށް ޗައިނާގެ ތާރީޚީ މުހިންމު ކަންކަމާއި ސަގާފަތާއި އަދި މިއުޒިއަމާ ބެހޭ ތަޢާރަފެއް އަރުވާފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއުޒިއަމުގެ އެކި ތަންތަން ބައްލަވައިލެއްވިއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި މި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއުޒިއަމަށް ވަޑައިގެން މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވިއެވެ. މިފޮތުގައި ސޮއިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ލިއުއްވި މެސެޖުގައި، މިއުޒިއަމުގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ދިގު ތާރީޚާއި ޕާޓީއަށް އައިސްފައިވާ މުހިންމު ކުރިއެރުންތައް ވަރަށް ތަފްސީލުކޮށް ފެންނަން ހުރިކަން ފާހަގަކުރެއްވިއެވެ. އަދި ތާރީޚުގެ މި މުހިންމު ދުވަސްތައް ރައްކާތެރިކަމާއެކު ފެންނަން ހުންނާނެގޮތަށް ހެދުމަށް ކޮށްފައިވާ މަސައްކަތަކީ ތަޢުރީފު ޙައްޤު މަސައްކަތްތަކެއްކަން އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު