ރާއްޖޭގައި އިތުރު ޑޮމެސްޓިކު 15 އެއަރޕޯޓު އެޅުމަށް ނިންމާފައިވާކަން ސަރުކާރުން ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރީ ޗައިނާގައި ކުރިއަށްގެންދިޔަ އިންވެސްޓް މޯލްޑިވްސް ފޯރަމްގައެވެ.
ރާއްޖޭގައި މިވަގުތުވެސް އިންވެސްޓުކުރާ ޗައިނާގެ ކުންފުނިތަކާއި ޗައިނާގައި އިންވެސްޓުކުރާ އެޤައުމުގެ އިންވެސްޓަރުން ހިމެނޭހެން ބޮޑެތި އިންވެސްޓަރުން ބައިވެރިވި މި ފޯރަމްގައި ވަނީ ރާއްޖޭގައި އިންވެސްޓުކުރެވޭނެ ދާއިރާތައް ހާމަކޮށްފައެވެ. އެގޮތުން 11 މަޝްރޫޢޫއަކަށް އިންވެސްޓަރުން ހޯދުމުގެ ޝަޢުގުވެރިކަން ރާއްޖެއިން ވަނީ ފާޅުކޮށްފައެވެ.
ރައީސް މުއިއްޒު އިއްޔެ އިފްތިތާޙް ކޮށްދެއްވި ފޯރަމްގައި ހުޅުވައިލި މަޝްރޫޢުތަކުގެ ތެރޭގައި:
- ޕޯޓް ތިލަފުއްޓަށް ބަދަލު ކުރުން
- ރަސްމާލެ ތަރައްގީ ކުރުން
- އިހަވަންދިއްޕޮޅު އިންޓެގްރޭޓެޑް ޕްރޮޖެކްޓް
- ތިނަދޫ-ކާޑެއްދޫ ލިންކް
- އައްޑޫ ހިތަދު އާއި ހުޅުމީދޫ ލިންކް ރޯޑް
- އިޔާދަ ކުރަނިވި ހަކަތަ ޕްރޮޖެކްޓް
- ކުނި މެނޭޖް ކުރުމުގެ ޕްރޮޖެކްޓް
- ވީއައިއޭ ތަރައްގީ ކުރުން
- 15 އެއާޕޯޓެއް ތަރައްގީ ކުރުން
- އެސްއީޒެޑް ފުޅާކުރުމުގެ ޕްރޮޖެކްޓްތައް
- މަގު ހެދުމުގެ މަޝްރޫއުތައް
މި ފޯރަމްގައި ވަނީ ކޮންމެ މަޝްްރޫޢެއްގެ ޕްރެޒެންޓޭޝަނެއް ދެއްވައި، ކަމާ ގުޅުން ހުރި ހަތަރު ވަޒީރަކު މަޢުލޫމާތު ޙިއްސާކުރައްވާފައެވެ. ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތޮލިބު ވިދާޅުވީ މައިގަނޑު އެ ޕްރޮކްޓްތަކުގެ އިތުރުން މަގުތައް ހެދުން ފަދަ ޕްރޮޖެކްޓްތަކަށް ވެސް ހުށަހެޅޭނެ ކަމަށާއި، އެ މަޝްރޫއުތައް ކުރިއަށް ގެންދަން ހުށަހަޅާ ބިޒްނަސް މޮޑެލްތަކަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާނެ ކަމަށެވެ.
މި ފޯރަމްގައި ވަނީ ރާއްޖޭގައި އިތުރު 15 ޑޮމެސްޓިކް އެއަރޕޯޓު އެޅުމަށް ސަރުކާރުން ނިންމާ އިންވެސްޓަރުން ހޯދުމަށް ޝަޢުގުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް އެއަރޕޯޓު އަޅާ ސަރަޙައްދުތައް ފާހަގަކޮށްފައެއް ނުވެއެވެ. ރާއްޖޭގައި މިވަގުތުވެސް 16 ޑޮމެސްޓިކް އެއަރޕޯޓެއް އަންނަނީ ހިންގަމުންނެވެ.
ސަރުކާރުން ދާދިފަހުން ވަނީ ފ. ނިލަންދޫގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ނިންމަވާ، އެއަރޕޯޓް ހެދުމަށް ބިން ހިއްކުމަށް ބޭނުންވާ ސަރވޭއާއި އީއައިއޭ ހެދުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރައްވާފައެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން މިހާރު ބޭނުންކުރާ ޑޮމެސްޓިކް އެއަރޕޯޓުތައް އިތުރަށް ތަރައްޤީކުރުމުގެ އިތުރުން، އަހަރަކު 25 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުން ހިމެނެއެވެ.
ހަމައެހެންމެ، ޤައުމީ އެއަރލައިންގެ އުދުހުންތައް ފުޅާކުރުމުގެ ގޮތުން ވައިޑްބޮޑީ އެއަރކްރާފްޓު ބޭޏުންކޮށްގެން ރާއްޖެއިން ބޭރަށް ޚިދުމަތް ފުޅާކުރުމަށްވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ބިޔަ މަޝްރޫޢުތަކަކަށް ޗައިނާގެ ކުންފުނިތަކުގެ އެހީ ހޯދަން މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ވަނީ ހުޅުވާލާފައެެވެ.


