ދެ ޤައުމެއްގެ ދެމެދު ގުޅުން ގޯސްވެއްޖެ ނަމަ ވިސްނައިދީ ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ މަހަރާޝްތުރާގައި އިއްޔެ ބޭއްވި ޓައުން ހޯލް ބައްދަލުވުމެއްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ އެއްވެސް ޤައުމަކުން އަބަދު އިންޑިއާ އަށް ތާއީދު ކުރާނެ ކަމުގެ ޔަގީންކަން ނޯންނާނެ ކަމަށެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާކަން ފާހަގަކޮށް، ޤައުމުތަކާ އެކު އޮންނަ ގުޅުމަށް އަސަރުކުރާ ހާލަތުގައި އިންޑިއާގެ އިންޓަރެސްޓް ހިމާޔަތް ކުރަނީ ކިހިނެއްތޯ ސުވާލުކުރުމުން، އޭގެ ޖަވާބުގައި ޖައިޝަންކަރު ވިދާޅުވީ، "ނެއިބާހުޑް ފަސްޓް ޕޮލިސީ" ގެ ދަށުން އަވަށްޓެރި ޤައުމުތަކުއެކު، ސިޔާސީ އެކި ލޮޅުންތަކާ ގުޅިގެން ވެސް އިންޑިއާ އިން މަސައްކަތް ކުރަމުން ދިޔައީ އެ ޤައުމުގެ މަސްލަހަތު ވެސް ހިމާޔަތްކޮށް، ގުޅުން ވަރުގަދަ ކުރުމަށް ކަމަށެވެ.
އެހެންނަމަވެސް، ކޮންމެ ޤައުމެއްގެ ވެސް ސިޔާސީ އެކި ކަންކަމުގެ ތެރޭގައި އަބަދު އިންޑިއާ އަށް އޮންނަ ތާއީދު އެ ގޮތުގައި އޮންނާނެ ކަމުގެ ޔަގީންކަން ނޯންނާނެ ކަން ފާހަގަކުރައްވަމުން ޖައިޝަންކަރު ވިދާޅުވީ، މިދިޔަ 10 އަހަރުގެ މަސައްކަތުން ޚާރިޖީ ގުޅުންތަކުގެ ތެރެއިން ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި ޤައުމުތަކާ އެކު ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމަށެވެ.
ދެ ގައުމެއްގެ ދެމެދު ގުޅުން ގޯސްވެއްޖެ ނަމަ ދެން އޮންނާނީ އެ ގައުމަކަށް ވިސްނައިދީގެން މައްސަލަ ހައްލު ކުރަން މަސައްކަތް ކުރުމެވެ. މިމޭރުމުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، އިންޑިއާއާއެކު ގުޅުން ބޭއްވުމުގެ މުހިންމުކަން މީހުން މިހާރު ދަންނަ ކަމަށާއި އެ ޤައުމުގެ ސިޔާސީ ކަންތައްތަކާއެކު އެ ޤައުމެއްގެ މީހުން އިންޑިއާއާ މެދު ދެކޭ ގޮތް ވެސް ބަދަލު ނުވާ ކަމަށެވެ.



ކިޔުންތެރިންގެ ޚިޔާލުތައް:
ކޮންމެ ކަމަކައްވެސް ދީން ކަލޭމެން ނަގާނެ.. މިހާރު ދީން އޮޅޭ ހިސާބައް މިހަރުކަށި ޖާހިލުންގެ ސަބަބުން ހިންގައްޖެ… ޢަން ހެނަކު ފެންނައިރަައް ބޮލައްއަރަންޖެހޭތަ..