Thursday, 20 June 2024

ޣައްޒާއާ ދެކޮޅަށް އުދުވާނު ހިންގާތާ 101 ދުވަސް: ޝަހީދުކޮށްލި މީހުންގެ އަދަދު 24 ހާހުން މައްޗަށް

ހައްދުފަހަނައަޅާފައިވާ ޒަޔަނިސްޓު އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ޣައްޒާއަށް އުދުވާނީ ހަމަލާތައް ދެމުންގެންދާތާ މިއަދަށް 101 ދުވަސް ވެގެންދިޔައިރު، ވޭތިވެދިޔަ ސަތޭކަ ދުވަހުގެ ތެރޭގައި ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު 24،000 އިން މައްޗަށް އަރައިފިއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ 125 މީހުން ޝަހީދު ކޮށްލާފައެވެ. އަދި އިތުރު 265 މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަ ކުރެއެވެ.

ޒަޔަނިސްޓު އިސްރާއީލުގެ ޓެރަރިސްޓު ހަމަލާތަކުގައި ސަތޭކަ ދުވަސްތެރޭ ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު ސައުވީސް ހާހުން މައްޗަށް އާރާފައިވާއިރު، މިހާތަނަށް ޝަހީދުކޮށްލި މީހުންގެ ތެރޭގައި 9،600 ކުޑަކުދިންނާއި، 6،750 އަންހެނުން ހިމެނެއެވެ.

ފަަލަސްޠީނުގެ ބިންތަކަށް ވެރިވެ ގަނެގެން އުޅޭ އިސްރާއީލުގެ ޔަހޫދިން އެއްގަމާއި ވަޔާއި އަދި ކަނޑުމަގުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު މިހާރުވަނީ 60،582 އަށް އަރާފައެވެ. ޒަޚަމްވި މީހުންގެ ތެރޭގައި 8،663 ކުޑަކުދިންނާއި، 6،327 އަންހެނުން ހިމެނެއެވެ.

އަނިޔާވެރި އިސްރާޢީލުން ހިންގާ އުދުވާނުގައި، ގެތަކަށާއި، އާންމުން ދިރިއުޅޭ އިމާރާތްތަކަށް ބޮންއެޅުމުގެ ސަބަބުން ބޮޑެތި ޒަޚަމްތައް ލިބި، އެއްފައި ނުވަތަ ދެފައި ބުރިކޮށްލާފައިވާ ކުޑަކުދިންގެ އަދަދު ހާހަކަށްވުރެ ގިނައެވެ.

ޣައްޒާގައި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގައި ހިމެނޭ 2.3 މިލިއަން މީހުންގެ ތެރެއިން 1.9 މިލިއަން މީހުން މިހާރުވަނީ ގެދޮރުނެތި މަގުމަތިވެފައެވެ. ރެފިއުޖީންގެ ގޮތުގައިވެސް ރައްކާތެރި ކަމާއެކު އުޅެވޭނެފަދަ ޣައްޒާގައި ނެތިފައެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި، ބޭހާއި ޟަރޫރީ އެހެންވެސް ސާމާނު ފޯރުކޮށްދިނުމަށް އދއާއި، އެހީދޭ ޖަމާއަތްތަކުން މަސައްކަތް ކުރަމުން ގެންދާއިރު، އަނިޔާވެރި އިސްރާއީލުން ގެންދަނީ އިންސާނި އެހީ ފޯރުކޮށްދިނުމަށްވެސް ހުރަސްއަޅަމުންނެވެ.

ޣައްޒާގެ ސަރަޙައްދުތަކުން މުވާސަލާތީ ޚިދުމަތްތަކާއި އިންޓަނެޓުގެ ޚިދުމަތް ކަނޑައިލާފައި އޮންނަތާ ތިން ދުވަސްވީއެވެ. އެ ޚިދުމަތްތަކާ ނުލައި ޔަހޫދީންގެ ޢުދުވާންތަކުގައި ޒަޚަމުވެފައިވާ މީހުން ސަލާމަތް ކޮށްގެން ހަސްފަތާލުތަކަށް ފަރުވާދޭން ގެންދަން އެމްބިޔުލާންސްތަކާއި ޞިއްޙީ ޚިދުމަތްތެރިންނަށް ވަނީ އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

ޣައްޒާއަށް އެތެރެކުރާ އިންސާނީ އެހީގެ މިންވަރު އިތުރުކުރަން އދގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރި ނަމަވެސް ޒަޔަނިސްޓު އިސްރާއީލުން އެ ގަރާރަށް ކިޔަމަނެއް ނުވެއެވެ.

ހަމަލާތަކުގެ ސަބަބުން ގެދޮރުނެތި މަގުމަތިވެ ރަށްދޫކޮށް އެކި ހިސާބުތަކަށް ގޮސްފައިވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ޣައްޒާގެ މުޅި އާބާދީގެ 2.2 މިލިއަން މީހުންނާއި ކުޑަކުދިން ބަނޑުހައިހޫނުކަން ތަހައްމަލް ކުރަމުންދާ ކަމަށް އދއިން ބުނެއެވެ.

ޔަހޫދީންގެ ޤަތުލުޢާންމު ހުއްޓައިލަން މުޅި ދުނިޔެއިން އެއް އަޑަކުން ގޮވަމުން ދިޔަ ނަމަވެސް ޔަހޫދީންނަށް އެ އަޑު އިވޭ ކަމަކަށް ނުވެއެވެ. އަދި ޢުދުވާންތައް ހުއްޓައިލަން ދަނީ ފާޅުގައި ދެކޮޅު ހަދަމުންނެވެ. ޔަހޫދީންގެ މި ޢުދުވާނަކީ އެމެރިކާގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމާ އެކު ހިންގަމުންދާ ޤަތުލުޢާންމެކެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރަށް ޔަހޫދީ ފައުޖުން އަޅަމުންދާ ބޮންތަކަކީ އެމެރިކާއިން ފޯރުކޮށްދީފައިވާ ހަތިޔާރުތަކެވެ.

މުސްލިމުންގެ ދިފާޢުގައި ޔަހޫދީންނާ ދެކޮޅަށް ތެދުވެފައިވާ އެއް ޖަމާޢަތަކީ ލުބްނާނުގައި ހަރަކާތްތެރިވާ ޙިޒްބުاللهއެވެ. އެ ޖަމާޢަތުން ދަނީ މެދުކެނޑުމެއް ނެތި ޔަހޫދީންގެ ރަށްތަކަށް ޙަމަލާ ދެމުންނެވެ. އަދި، ލުބުނާނުގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް ޔަހޫދީންގެ ރަށްތަކަށް އަރަން ވެސް ޙިޒްބުاللهގެ ހަނގުރާމަވެރިން ދަނީ މަސައްކަތް ކުރަމުންނެވެ. ޔަހޫދީން ބުނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް އެ ޤައުމަށް އަރަން މަސައްކަތް ކުރި ޙިޒްބުاللهގެ ހަތަރު މެންބަރުން ޝަހީދު ކޮށްލާފައިވާނެ ކަމުގައެވެ.

ޙިޒްބުاللهގެ އިތުރުން ޔަމަނުގެ ޙޫޘީ ޖަމާޢަތުން ވެސް ވަނީ ޔަހޫދީންގެ ރަށްތަކަށް ޙަމަލާ ދީފައެވެ. އަދި ރަތް ކަނޑުން ޔަހޫދީންގެ ރަށްތަކަށް ދަތުރުކުރާ ޔަހޫދީންނާ ގުޅުން އޮންނަ އާގުބޯޓުފަހަރަށް ވެސް އެ ޖަމާޢަތުން ވަނީ ޙަމަލާ ދީފައެވެ. ޔަހޫދީންގެ ދިފާޢުގައި އެމެރިކާއިން ވަނީ ޔަމަނަށް ބޮން އަޅައިފައެވެ.

އިސްރާއީލުން ޣައްޒާގައި ހިންގާ އުދުވާނުތަކާ ދެކޮޅަށް އަޑުއުފުލުމަށާއި، ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލުމަށާއި، ފަލަސްތީނު ރައްޔިތުންނާ އެކުގައި ތިބިކަން ހާމަކޮށް އިއްޔެއާއި މިއަދުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މުޒާހަރާތަކާއި، އެއްވުންތަކާއި ހިނގާލުންތައް ބާއްވަމުން އެބަގެންދެއެވެ.

GettyImages-1735040638.jpg

އިސްރާޢީލާ ދެކޮޅަށް ބާއްވަމުންދާ މި އެއްވުންތަކުގައި ހާހުން، ލައްކައިން، މިލިއަނުން މީހުން ބައިވެރިވަމުން ގެންދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު