ދިވެހި ސަރުކާރު ބަދަލު ކުރަން އިންޑިއާއިން ސިފައިން ފޮނުވަން އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީއަށް ނިސްބަތްވާ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރެއް ކަމަށްވާ ސުބްރަމާނިއަން ސްވާމީ ގޮވާލައިފިއެވެ.
އެގޮތުން "ހައި ލެވެލް ކޮމިޓީ" އެއް އުފައްދައި އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ވަނީ ބާއްވައިފައެވެ.
އެ ބައްދަލުވުމުގައި އަންނަ މާޗު މަހުގެ 15 ދުވަހުގެ ކުރިން، ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ރައީސް ޑރ. މުއިއްޒު ވަނީ އިންޑިއާ އަށް ހުށަހަޅުއްވައިފައެވެ.
އެކަމަށް އިޝާރަތްކޮށް ސުބްރަމާނިއަން ކުރި ޓްވީޓެއްގައި ބުނީ ރައީސް ޑރ. މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު އިންޑިއާގެ ބޮޑުވަޒީރަށް މާރިޗް 15 ގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް މުހުލަތެއް ދީފައިވާ ކަމަށެވެ. އަދި މި މުހުލަތުގެ ތެރޭގައި އިންޑިއާ ސިފައިން ނުފައިބައިފިނަމަ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރުވެސް ދީފައިވާ ކަމަށް އޭނާގެ ޓްވީޓްގައި ބުނެފައި ވެއެވެ.
"ރާއްޖެއިން އިންޑިއާގެ މޫނު މައްޗަށް އުކި ކިސަޑު ސާފު ކުރާނީބާ؟. ނޫނީ ރާޖީވް ގާންދީ ހެދި ގޮތަށް ހަނގުރާމަ މަތީ މަތިންދާބޯޓުތަކާއި، އިންޑިއާ ކަނޑުގެ ސިފައިންނާއި، އިންޑިއާގެ އެއްގަމު ސިފައިން ފޮނުވައިގެން މުއިއްޒުގެ ސަރުކާރު ބަދަލު ކުރާނީތޯ؟". އޭނާ ބުނެފައި ވެއެވެ.
ބީޖޭޕީގެ ސުބްރަމާނިއަން ސްވާމީއަކީ މީގެ ކުރިންވެސް މިފަދަ ޓްވީޓެއް ކޮށްފައިވާ ފަރާތެކެވެ. އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވާ ރާއްޖެ ހިފަންޖެހޭ ކަަމަށް ބުނެފައެވެ.
މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ދުބާއީގައި ބޭއްވި ކޮޕް ސަމިޓްގެ ހަވާސާގެ ތެރެއިން ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަށް ފަހު ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ.
މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމެވެ. އިންތިހާބީ ރައީސް އިއުލާން ކުރެއްވި 100 ދުވަހުގެ ޕްލޭންގައި ވެސް އިންޑިއާ ސިފައިން ފޮނުވާލުން ހިމެނޭ އިރު، ސަރުކާރުން ވަރަށް ފަހުން ބުނި ގޮތުގައި ރާއްޖޭގައި 88 އިންޑިއާ ސިފައިން އެބަތިއްބެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސް ދިނުމަށް އެދި ދިވެހި ސަރުކާރުން ރަސްމީކޮށް އިންޑިއާ ސަރުކާރުގައި މިހާރު ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ޚިޔާލުތައް:
އަވަހަށް ގެރިއެއް ފޮނުވަ