އަންނަ ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑޮނަލްޑް ޓުރަމްޕްއަށް ކާމިޔާބީއަށް އެދޭ ކަމަށާއި އޭނާ އިންތިޚާބުވެއްޖެނަމަ، މިހާރު ދުނިޔޭގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ސުލްހަވެރި ނިމުމުން ގެންނާނެ ކަމެއް ކަމަށް އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.
ބޮރިސް ޖޯންސަން މިހެން ވިދާޅުވެފައިވަނި، އިނގިރޭސިވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ ގާޑިއަން ނޫހަށް ކޮންމެ ހަފްތާއަކު ވެސް އޭނާ ލިޔުއްވަމުން ގެންދާ ކޮލަމްގައެވެ.
އޭނާގެ ކޮލަމުގައި ލިޔުއްވާފައިވާ ގޮތުގައި، ރަޝިއާ އަދި ޔޫކުރޭނުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާރަށްވުރެ ބޮޑަށް ޓްރަމްޕް ޔޫކުރޭނަށް އެހީތެރިކަން ދޭނެ ކަމަށާއި ރަޝިއާގެ މިސައިލް ހަމަލާތަކުގެ ކުރިމަތީގައި ޔޫކުރޭނުގެ ރައްްޔިތުން އެކަނި ދޫކޮށްނުލާނެއެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓުރަމްޕް ވަނީ އޭނާ ދެވަނަ ފަހަރަށް އެމެރިކާގެ ވެރިކަމަށް އިންތިޚާބުކޮށްފިނަމަ، ރަޝިއާ އަދި ޔޫކުރޭނުގެ ހަނގުރާމަ 24 ގަޑިއިރުގެ ތެރޭގައި ހުއްޓުވާނެ ކަމަށްވެސް ވިދާޅުވެފައެވެ. ހަމައެހެންމެ ރަޝިއާ އާއި ވާހަކަދައްކަން ވީ ގޮތް އޭނާ އަށް އެނގިލައްވާ ކަމަށާއި އެމެރިކާ އިން އެ ގައުމުގެ ސުޕަ ޕަވަރ ދަރަޖަ މިހާރު ބޭނުން ކުރަނީ ރަނގަޅަށް ނޫން ކަމަށް ވެސް ރިޔާސީ ރޭހުގެ އެކި އެކި ކެމްޕެއިން ހަރަކާތްތަކުގައި ޓުރަމްޕް ދަނީ ވިދާޅުވަމުންނެވެ.
މިހާތަނަށް ޓްރަމްޕް ފާހަގަވެފައި ވަނީ އެމެރިކާ ސަރުކާރުން ޔޫކުރޭނަށް ދެމުން ގެންދާ އަސްކަރީ އެހީތެރިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ނޭޓޯ އަށް އެމެރިކާ އިން އެކަނި ބޮޑު ހަރަދެއް ކޮންމެ އަހަރަކު ކުރަން ޖެހޭތީ ޓުރަމްޕް ރައީސް ކަމުގައި ހުންނެވި އިރު ވަނީ އެކަމާ ވެސް ނުރުހުން ފާޅުކުރައްވާފައެވެ.


