ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޚާރިޖީ ސިޔާސަތާ އެއްގޮތަށް، ހުރިހާ ގައުމަކާ ވެސް ހަމަހަމަ، ވަކި ކޮޅަކަށް ބުރަނުވާ ރަޙްމަތްތެރި ގުޅުމެއް ބާއްވާނެ ކަމަށާއި ނަމަވެސް ރާއްޖޭގެ އިސްތިގުލާލު ދެމެހެއްޓުމަށްޓަކައި ބިރުދެއްކުމާ ކުރިމަތިލާނީ އިޙްތިރާމާއެކު އެހެންނަމަވެސް ވަރުގަދައަށް ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރު އެޑްމިރަލް ޖޯން އެކުއިލީނޯ އާ ބައްދަލުކުރައްވައި މިއަދު ވަނީ މަޝްވަރާ ކުރައްވާފައެވެ.
ޑިފެންސް މިނިސްޓްރީން ވިދާޅުވި ގޮތުގައި، ޣައްސާނާއި އެކުއިލީނޯ މިއަދު ބައްދަލުކުރައްވައި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރާއްޖެ އާއި އެމެރިކާ އާ ދެމެދު ދިފާއީ ގޮތުން ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރަން މަޝްވަރާ ކުރެއްވިއެވެ.
ޑިފެންސް މިނިސްޓްރީން ވިދާޅުވާ ގޮތުގައި، މި ބައްދަލުވުމުގައި ޣައްސާން ވަނީ، ރައީސް މުއިއްޒުގެ ޚާރިޖީ ސިޔާސަތާ އެއްގޮތަށް، ހުރިހާ ގައުމަކާ ވެސް ހަމަހަމަ، ވަކި ކޮޅަކަށް ބުރަނުވާ ރަހުމަތްތެރި ގުޅުމެއް ބާއްވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް ވިދާޅުވެފައެވެ.
"…ބިރުދެއްކުމާ ކުރިމަތިލާނީ އިޙްތިރާމާއެކު އެކަމަކު ވަރުގަދައަށް ރާއްޖޭގެ އިސްތިޤްލާލު ދެމެހެއްޓުމުގެ ނިޔަތުގައި،" ޑިފެންސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
ޑިފެންސް މިނިސްޓަރު ޣައްސާންގެ އިތުރުން އެކުއިލީނޯ މިއަދު ވަނީ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފް އާ ވެސް ބައްދަލުކުރައްވައިފައެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ދެ ބޭފުޅުން ވަނީ ދެ ގައުމުގެ އިތުރުން ސަރަހައްދީ ސަލަމާތާއި ރައްކާތެރިކަމަށް ގުޅިގެން މަސައްކަތް ކުރެވޭނެ އިތުރު ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ކަމަށެވެ.


