Saturday, 22 June 2024

ޚަބީރެއްގެ ހައިޞިއްޔަތުން މުނައްވަރުގެ ޤާނޫނީ ލަފާ ހޯއްދެވުމަށް ބަންޑާރަނައިބު ނިންމަވައިފި

ދިވެހިރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން ހުށަހެޅި މައްސަލާގައި ގެއްލިފައިވާ ކަނޑުގެ ސަރަޙައްދު ހޯދުމަށް ކުރެވެން ހުރި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން ކަނޑުތަކާ ބެހޭ ޤާނޫނީ ދާއިރާގެ ޚަބީރެއްގެ ހައިޞިއްޔަތުން ކުރީގެ ބަންޑާރަނައިބު ޑރ މުޙައްމަދު މުނައްވަރުގެ ޤާނޫނީ ލަފާ ހޯއްދެވުމަށް ބަންޑާރަނައިބު ނިންމަވައިފިއެވެ.

ކަނޑުގެ ސަރަޙައްދުގެ މައްސަލައާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން ކޮށްފައިވާ މަސައްކަތްތައް އެ އޮފީހުން ހާމަކޮށް ބުނެފައިވަނީ ނިމިދިޔަ ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތުން ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީ.އީ.ޒެޑް) ގެ ތެރެއިން ދެކުނު ކަނޑުގެ ޞަރަޙައްދުން ބޮޑުބައެއް ގެއްލޭ ގޮތަށް އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް ނުވަތަ ޓްރައިބިއުނަލް) އިން ނިންމާފައިވާ ނިންމުން ދިރާސާކޮށް ގެއްލިފައިވާ ކަނޑުގެ ސަރަހައްދު ހޯދުމަށް ސަރުކާރުން ވަނީ ދިރާސާތަކެއް ހަދާފައި ވާކަމަށެވެ.

ބަންޑާރަނައިބު ޑރ މުޙައްމަދު މުނައްވަރުގެ ޤާނޫނީ ލަފާ ހޯއްދެވުމަށް ބަންޑާރަނައިބު ނިންމަވައި، އެ މަސައްކަތް ކޮށްދެއްވުމަށް މުނައްވަރު އެއްބަސްވެވަޑައިގެން މިހާރު އެ މަސައްކަތް ފައްޓަވާފައިވާ ކަމަށް އޭޖީ އޮފީހުން ވަނީ މައުލޫމާތު ދީފައެވެ. އޭޖީ އޮފީހުން ހަމަކޮށްފައިވަނީ 1993 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރުގެ ނިޔަލަށް ބަންޑާރަނައިބުކަން ކުރައްވާފައިވާ ޑރ މުޙައްމަދު މުނައްވަރަކީ ދިވެހިރާއްޖޭގައި ޤާނޫނީ ރޮނގުން ފާހަގަކޮށްލެވޭ ބޭފުޅެއްގެ އިތުރުން، ބައިނަލްއަޤްވާމީ ގާނޫނުތަކާއި، ކަނޑުތަކާބެހޭ ޤާނޫނުގެ ދާއިރާއިން ޑޮކްޓަރޭޓް ޑިގްރީ ޙާޞިލްކުރައްވާ، އަދި ޙާއްޞަކޮށް ކުދި ޖަޒީރާ ޤައުމުތަކުގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ދިރާސާތައް ކުރައްވާފައިވާ ޤާނޫނީ މާހިރެއް ކަމަށެވެ.

އެ ދާއިރާއިން ޑރ. މުޙައްމަދު މުނައްވަރު ކުރައްވާފައިވާ މުހިއްމު މަސައްކަތްފުޅުތައްވެސް ހިއްސާކުރައްވާފައިވާއިރު، އޭގެތެރޭގައ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނު އެކުލަވާލެއްވުމާއި، ބައިނަލްއަޤްވާމީ ކަނޑާ ބެހޭ މުއާހަދާ (UNCLOS) އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދާ ގުޅޭ ގޮތުން ގިނަގުނަ ޤާނޫނީ މަސައްކަތްތަކެއް ކުރެއްވުމުގެ އިތުރުން، ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްއާ ގުޅިގެން ދިވެހިރާއްޖެއިން 2010 ވަނަ އަހަރު ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފަށް (CLCS) އަށް ހުށަހެޅި މައްސަލަ ދިވެހިރާއްޖެއިން ހުށަހަޅާފައިވަނީ ޑރ. މުނައްވަރުގެ ބެއްލެވުމުގެ ދަށުންނެވެ.

އިޓްލޮސް ގައި ކުރިޔަށްދިޔަ މައްސަލާގައި ކުރީގެ ސަރުކާރުން ގެންގުޅެފައިވާ ސިޔާސަތާބެހޭ ގޮތުންނާއި، އެ މައްސަލާގައި އޭރުގެ ސަރުކާރުން ޢަމަލުކޮށްފައިވަނީ ދިވެހިރާއްޖޭގެ މަސްލަޙަތު ހިމާޔަތްކުރެވޭ ފަދައަކުން ނޫންކަން ދިވެހި ރައްޔިތުންނަށް ހާމަކޮށްދިނުމުގައި އެންމެ މުޙިއްމު ދައުރެއް އަދާކޮށްދެއްވާފައިވާ އެއް ބޭފުޅަކީވެސް ޑރ މުޙައްމަދު މުނައްވަރުކަން އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

ޑރ މުނައްވަރުގެ އިތުރުން، މި މައްސަލައާ ގުޅިގެން ޤާނޫނީ ލަފާ ހޯދުމަށް އިނގިރޭސިވިލާތުގެ ކިންގްސް ކައުންސެލްއަކާއި، ލޯ އޮފްދަ ސީ އާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރެއް ވަނީ ޢައްޔަނުކޮށްފައިވެއެވެ. މި ދެ ޤާނޫނީ މާހިރުންނަކީވެސް ކަނޑާބެހޭ މުއާހަދާ އާ ގުޅުންހުރި މި ފަދަ މައްސަލަތަކުގައި ފާހަގަކޮށްލެވޭ ތަޢުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ދެބޭފުޅުން ކަން އީޖީ އިން ފާހަގަކުރައްވާފައި ވެއެވެ.

މި މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުން ދިރާސާކުރުމާއި، އެ މައްސަލަ އިޓްލޮސްގައި ކުރިޔަށްދިޔައިރު ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި ހުރި މައްސަލަތައް ދެނެގަތުމާއި މި މައްސަލަ ހިނގަމުންދަނިކޮށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙްގެ ފަރާތްޕުޅުން 22 އޮގަސްޓް 2023 ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއާ ގުޅިގެންނާއި، އެ ބޭފުޅުންގެ ނަޒަރުގައި މި މައްސަލާގައި ދިވެހިރާއްޖެއިން ނެގެން ހުރި ދިފާޢުތަކަކީ ކޮބައިތޯ އަދި އެ ގޮތަށް ޢަމަލުކުރިނަމަ މައްސަލައިގެ ނިންމުމަށް ބަދަލެއް އައުމުގެ ފުރުޞަތު އޮތްތޯ ބެލުންވެސް ހިމެނެއެވެ. އަދި މީގެއިތުރުން މި މައްސަލައިގައި ދެން ޢަމަލުކުރެވިދާނޭ ގޮތްތަކަކީ ކޮބައިތޯ ބަލައި މިކަންކަމާގުޅޭ ޤާނޫނީ ލަފައެއް ހޯދުމަކީ ވެސް އެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މި ކަމަށް ޢައްޔަނުކުރެވިފައިވާ ދެ މާހިރުންގެ މަސައްކަތް ނިންމަވާ ކުރިޔަށް އޮތް ފެބްރުވަރީ މަހުގެ ކުރީކޮޅު އެބޭފުޅުންގެ ޤާނޫނީ ލަފާ ބަންޑާރަނައިބަށް ލިޔުމުން ހުށަހެޅުއްވުމަށް އެ އޮފީހުން ވަނީ ނިންމާފައެވެ. އަދި މި މައްސަލާގައި ޢައްޔަނުކުރެވިފައިވާ ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުގެ މާހިރުން ދެއްވާ ޤާނޫނީ ލަފާގެ މައްޗަށް ބިނާކޮށް، މި މަސައްކަތްކުރުމަށް ބަންޑާރަނައިބު ޢައްޔަނުކުރައްވާފައިވާ ކޮމިޓީއިން ރިޕޯޓެއް ތައްޔާރުކޮށް، އެ ރިޕޯޓް ކުރިޔަށްއޮތް ފެބްރުވަރީ މަހުގެ ތެރޭގައި ބަންޑާރަނައިބަށް ހުށަހެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެ ކޮމިޓީން ތައްޔާރުކުރާ ރިޕޯޓުގެ މައްޗަށް ބިނާކޮށް، މި މައްސަލާގައި ކުރިޔަށްދާންވީ ގޮތް ނިންމެވުމަށް މި މައްސަލަ ކެބިނެޓްއަށް ހުށަހެޅުމަށް ބަންޑާރަނައިބުވަނީ ނިންމަވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި މި މައްސަލަ ކެބިނެޓަށް ހުށަހަޅާ ގޮތެއް ނިންމޭނެ ކަމަށްވެސް އޭޖީ އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.

ބަންޑާރަނައިބު ޢައްޔަނުކުރައްވާފައިވާ ކޮމިޓީގެ ރިޕޯޓްގެ ކޮޕީއެއް ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ އިތުރުން، މި މައްސަލައިގައި ކެބިނެޓުން ގޮތެއް ނިންމެވުމާއެކު މި މައްސަލައިގައި ޢައްޔަނުކުރެވިފައިވާ ޚަބީރުން ދެއްވާފައިވާ ލަފާ ހިމެނޭގޮތުން، މި މައްސަލަ ދިރާސާކުރުމަށް ޢައްޔަނުކުރެވިފައިވާ ކޮމިޓީގެ ރިޕޯޓް އާންމުކުރުމަށް ބަންޑާރަނައިބުވަނީ ނިންމަވާފައެވެ. އަދި ހަމަ އެއާއެކު، ރިޕޯޓް ޢާންމުކުރެވޭއިރު، މިރިޕޯޓުގައި މި މަސައްކަތަށް ޢައްޔަންކޮށްފައިވާ ޤާނޫނީ މާހިރުންނާ ގުޅޭ މަޢުލޫމާތުތަކާއި މި މަސައްކަތަށް ޚަރަދުވި ފައިސާ ފަދަ މަޢުލޫމާތުތައް ހާމަކުރުމަށްވެސް ބަންޑާރަނައިބު ވަނީ ނިންމަވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު