އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން ގެންދަނީ ގަތުލުއާންމެއް ކަމާއި އެއީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ބުނެ ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހެޅި މައްސަލާގައި ނަސްލު ނައްތާލުމުގެ އަމާޒުގައި އިޒްރޭލުން ހިންގަމުންދާ ހުރިހާ އަމަލެއް ހުއްޓުމަށް އެ ކޯޓުން ހުކުމްކޮށްފިއެވެ.
އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހެޅި 84 ސަފުހާގެ އެ މައްސަލައިގައި ބުނެފައި ވަނީ ގަތުލުއާއްމުތައް ހުއްޓުވުމުގެ ބައިނަލްއަގުވާމީ މުއާހަދާއާ ވެސް އިޒްރޭލުން ހިލާފުވެފައިވާ ކަމަށެވެ. ހަމަލާތައް ވަގުތުން ހުއްޓާލައި އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ އޭގެ ތެރެއިން އެއް ކަންތަކެވެ. ދެން އަމުރުކުރި ކަންކަމަކީ؛
- ކޮންވެންޝަންގައި، ނަސްލު ނައްތާލުމުގެ އަމަލުތައް ކަމަށް ބެލެވޭ ހުރިހާ ކަމެއް ހުއްޓާލުން
- ނަސްލު ނައްތާލުމުގެ އެއްވެސް އަމަލެއް އިޒްރޭލުގެ އަސްކަރިއްޔާއިން ނުހިންގުން
- ނަސްލު ނައްތާލުމުގެ އަމަލުތަކަށް މަގު ފަހިވާ އާންމު ހުރިހާ އަމަލެއް ހުއްޓާލުން
- ޣައްޒާގެ ނިކަމެތި ހާލަތުން އަރައިގަތުމަށް ކުރަންޖެހޭ ކަންކަމަށް އިޒްރޭލުން ވަގުތުން ފިޔަވަޅު އެޅުން
- ނަސްލު ނައްތާލުމުގެ އަމަލުތަކުގެ ހެކި ގެއްލިދާނެ އެއްވެސް ކަމެއް އިޒްރޭލުން ނުކުރުން
- މި ކަންކަމަށް އަމަލުކުރުމަށް އިޒްރޭލުން އެޅި ފިޔަވަޅުތަކާ ބެހޭ ރިޕޯޓެއް މިއަދުން ފެށިގެން މަސް ދުވަސް ތެރޭ ކޯޓަށް ހުށަހެޅުން.
ދެކުނު އެފްރިކާ އިން އިޒްރޭލާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ވަގުތީ އަމުރު ނެރުއްވަމުން ފަނޑިޔާރު ޖޯން ޑޮނޮޚުވޭ ވަނީ އިޒްރޭލުން މިއަދުން ފެށިގެން މަސް ދުވަސް ތެރޭގައި، އަމުރާ ގުޅޭ ގޮތުން އަމަލުކުރި ގޮތުގެ ރިޕޯޓެއް ކޯޓަށް ހުށަހެޅުމަށް ވެސް އަމުރުކުރައްވައިފައެވެ.
އެގޮތުން ދެކުނު އެފްރިކާއިން ބޭނުންވަނީ ހަނގުރާމަ މެދުކަނޑާލަން އައިސީޖޭއިން އެންގުމެވެ. ނަމަވެސް, ހަނގުރާމަ މެދުކަނޑާލަން މިއަދުގެ އަމުރުކޮށްފައި ނުވެއެވެ.
މިއަދުގެ އަމުރު ތަންފީޒުކުރުން އިޒްރޭލުގެ މައްޗަށް މަޖުބޫރު ކުރުމަށް ހަމާސްގެ އިސް އޮފިޝަލަކު ވަނީ ގޮވާލާފައެވެ. އަދި, މިއީ އިޒްރޭލުން ހިންގާ ހަނގުރާމައިގެ ޖަރީމާތައް މުޅި ދުނިޔެއަށް ހާމަވެ އެ ގައުމު އެކަހެރިވެގެންދާނެ ކަމެއްގެ ގޮތުގައި ހަމާސްގެ އިސް އޮފިޝަލް ސިފަކުރެއްވިއެވެ.
ޔޫކްރެއިންގެ އަސްކަރީ އޮޕަރޭޝަންތައް ވަގުތުން މެދުކަނޑާލުމަށް އައިސީޖޭން 2022 ގައި ރަޝިއާއަށް އެންގި އެވެ. ނަމަވެސް އެ އެންގުމަށް ރަޝިއާއިން އަމަލެއް ނުކުރެއެވެ.
އައިސީޖޭއިން މިފަދަ އަމުރެއް މިއަދު ނެރުނު ނަމަވެސް މާޒީގެ ސަފުހާތަކަށް ނަޒަރު ހިންގާއިރު އިޒްރޭލުން އެ އަމުރަށް ތަބާވާނެ ކަމަކަށް ނުބެލެވެއެވެ.
އެކަމަކު، އައިސީޖޭގެ ނިންމުންތަކަށް އަމަލުކުރުން މެންބަރު ގައުމުތަކަށް ލާޒިމެވެ. އެކަމަކު އަމުރުތައް ތަންފީޒުކުރުމުގައި ކޯޓަށް މާ ބޮޑު ބާރެއް ނޯވެ އެވެ. ގިނަ ގައުމުތަކުން ކޯޓުގެ އަމުރުތައް ބޮލައިލައި ޖަހަނީއެވެ. ރަޝިއާ އިން ޔުކްރެއިންނަށް ހަމަލާ ދޭން ފެށުމުން ވެސް އެކަން ހުއްޓާލަން ކޯޓުން އަމުރުކުރިއެވެ. އެކަމަކު ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ.
އިޒްރޭލަކީ އދ. ގެ އާންމު ގަރާރަކުން ވުޖޫދުކުރި ގައުމަކަށްވީ ނަމަވެސް އެ ޖަމިއްޔާގެ ބޮޑު އަގުލަބިއްޔަތުން ފާސްކުރާ ގަރާރުތަކަށް ވެސް އެ ގައުމުން އަމަލެއް ނުކުރެ އެވެ.
ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލަ އަށް ގިނަ ގައުމުތަކުން ތާއިދުކޮށްފައި ވާއިރު، ތާއިދު ނުކުރާ ގައުމުތަކުގެ ތެރޭގައި އިޒްރޭލުގެ އެންމެ ބޮޑު ވާގިވެރިޔާ އެމެރިކާ އަދި އިނގިރޭސި ވިލާތް ހިމެނެ އެވެ. އެ މައްސަލަ އަށް ތާއިދުކުރާކަން ހާމަކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އިސްލާމީ 57 ގައުމު ހިމެނޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީސް (އޯއައިސީ) ހިމެނެ އެއެވެ.
ހަނގުރާމަ ހުއްޓައިލުމަށް އެކި ގައުމުތަކުންނާއި ޖަމާއަތްތަކުން ގޮވާލި ގޮވައިލުންތަކަށް އިޒްރޭލުން ދިނީ ބީރު ކަންފަތެކެވެ. އިޒްރޭލުން ބުނީ ހަނގުރާމަ ހުއްޓައިލާނީ ހަމާސްގެ ވަސް އެއްކޮށް ފުހެލުމަށް ފަހު ކަމަށެވެ. އޮކްޓޯބަރު 7، 2023 ގައި ފެށި ހަނގުރާމައިގައި މިހައިތަނަށް ފަލަސްތީނުގެ 26،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެއެވެ.