ރަތް ކަނޑުގައި ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަކޮށްފި

ފަލަސްޠީނުގެ ޣައްޒާއަށް އިސްރާއިލުގެ ޔަހޫދީ އިސްތިޢުމާރީ ފައުޖުން ހިންގަމުންދާ ޢުދުވާން ހުއްޓުވުމަށް ބާރުއެޅުމަށް ޔަމަނުގެ ޙޫޘީން ރަތް ކަނޑުގައި ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

އެގޮތުން ފާއިތުވި ހަފުތާތަކުގެ ތެރޭގައި ޙޫޘީން ވަނީ ރަތް ކަނޑުން ދަތުރުކުރާ ޔަހޫދީންނާ ގުޅުން އޮންނަ އުޅަނދުތަކަށާއި ޔަހޫދީންގެ ރަށްތަކަށް މުދާއުފުލާ އުޅަނދުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ޙަމަލާ ދޭން ފަށައިފައެވެ.

ޔަހޫދީ މަހުޖަނެއްގެ އާގުބޯޓެއް ހިފަހައްޓައި ޔަމަނުގެ ޙުދައިދާގެ ބަނދަރަށް ގެންގޮސްފައި ވާއިރު، ޙޫޘީންގެ ޙަމަލާތަކުގެ ސަބަބުން ޔަހޫދީންނަށް ވަނީ ބޮޑެތި އިޤްތިޞާދީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.

އަނިޔާވެރި ޔަހޫދީންނަށް ލިބެމުންދާ ގެއްލުންތަކުން ސަލާމަތްކުރުމަށް އެމެރިކާއާއި އިނގިރޭސިވިލާތުން ވަނީ ރަތް ކަނޑަށް މަނަވަރުތައް ފޮނުވައި ޙޫޘީންގެ މަޤާމުތަކަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދޭން ފަށައިފައެވެ. ނަމަވެސް ދުނިޔޭގެ އެންމެ ވަރުގަދަ އަސްކަރީ ބާރުތަކަށް ވެސް ޙޫޘީންގެ ޙަމަލާތައް ހުއްޓުވިފައެއް ނުވެއެވެ.

ޙޫޘީ ޖަމާޢަތުން ވަނީ އެ ޖަމާޢަތުގެ ޙަމަލާތައް އިތުރަށް ވަރުގަދަކޮށްފައެވެ/ އެ ގޮތުން ރަތް ކަނޑުން ދަތުރުކުރަމުންދިޔަ ޚަރަފިގުރާ ކުންފުނީގެ ތެޔޮ ޓޭންކަރަކަށް ޙޫޘީން ދިން ޙަމަލާއެއްގައި އެ އުޅަނދުގައި އަލިފާން ރޯވެ ގެއްލުންތަކެއް ވަނީ ލިބިފައެވެ. އޭގެ އިތުރުން ޙޫޘީންގެ ޙަމަލާތަކަށް ފަސްޖެހި އެހެން އުޅަނދުފަހަރުތައް ވަނީ ދަތުރުކުރަމުންދިޔަ މަގު ބަދަލުކޮށްފައެވެ.

ޔަމަނުގެ ޢަދަން ކައިރިން ދަތުރުކުރަމުންދިޔަ ގިނަ ޢަދަދެއްގެ އާގުބޯޓުފަހަރަށް ވެސް ޙަމަލާ ދީފައިވާއިރު، އޭގެ ތެރެއިން އިނގިރޭސިވިލާތުގެ ބޯޓަކަށް އަމާޒުވި ޙަމަލާގެ ސަބަބުން އޭގައި އަލިފާން ރޯވެފައިވާކަން އެ ޤައުމުގެ ރަސްމީ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

ނޮވެންބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ޙޫޘީން ދެމުންދާ ޙަމަލާތަކުގެ ސަބަބުން ރަތް ކަނޑުގެ ބަދަލުގައި ގިނަ އާގުބޯޓުތައް މިހާރު ދަތުރުކުރަނީ ދެކުނު އެފަރިކާ ވަށައިލައިގެންނެވެ. ޙޫޘީންގެ ޙަމަލާތައް ދިގުދެމިގެން ގޮސްފިނަމަ އޭގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު