މަސްދޯނިތަކަށް އަރާފައި ވަނީ އިންޑިއާ ސިފައިން، ކަނޑުން ނަފާ ހޯދުމުގައި ސާބިތުކަމާއެކު ދެމިތިބޭ: ދިފާޢީ ވުޒާރާ

ރާއްޖޭގެ މަސްދޯނިތަކަށް އަރާފައި ވަނީ އިންޑިއާގެ ކޯސްޓްގާޑު ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑް ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމަަކުން ކަން ކަށަވަރު ކަމަށާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފްއިން ކެނޑިނޭޅި މަސައްކަތް ކުރަމުންދާނެ ކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިހެން ވިދާޅުވެފައިވާއިރު، މިދިޔަ ބުދަ ދުވަހު އިންޑިއާގެ ސިފައިން ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދަށް ވަދެ އަސުރުމާ-3، ނިރު-7 އަދި މާހޯރަ-3 ދޯންޏަށް އަރާ ސުވާލުކޮށް ހެދިއެވެ. ދޯނި ފަހަރަށް ސިފައިން އެރިއިރު އެ މީހުންގެ އަތުގައި ހަތިޔާރު ވެސް ހުރި ކަމުގެ މައުލޫމާތު ލިބެއެވެ.

ހަމައެހެންމެ، އިންޑިއާގެ ހަތިޔާރު އެޅި ސިފައިން ދިވެހި މަސް ދޯންޏެއްގައި ހަރަކާތްތެރިވާ މަންޒަރު ދައްކުވައިދޭ ވީޑިއޯތައް މިހާރު ވަނީ ދައުރުވާން ފަށައިފައެވެ.

މި މައްސަލައިގައި، ދިފާއީ ވުޒާރާއިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، ހއ. ދިއްދޫގެ އިރުއުތުރުން 72 ނޯޓިކަލް މޭލު ބޭރުން، ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ތިން ދޯންޏަކަށް ބޭރުގެ އަސްކަރިއްޔާއެއްގެ ބަޔަކު އަރައި ތިބި ކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުމާއެކު ދޯނީގެ ލޮކޭޝަން ކަށަވަރު ކުރުމަށްފަހު، އެ ސަަރަހައްދުގައި އެހެން އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުންދިޔަ ކޯސްޓްގާޑުގެ އުޅަނދެއް ކަމަށްވާ "ޝަހީދު އަލީ" ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމުރުފުޅަށް އަސްރުމާ-3 ދޯނީގެ ސަލާމަތާއި ރައްކާތެރިކަން ކަށަަވަރު ކުރި ކަމަށެވެ.

އަދި އެ ސަރަހައްދުގައި ހަރަކާތެރިވަމުންދިޔަ އަނެއް ދެ ދޯންޏަށްވެސް ސިފައިން އަރާފައިވާ ކަމުގެ މައުލޫމާތު ލިބުނު ކަމަށްވެސް ދިފާއީ ވުޒާރާއިން ވިދާޅުވިއެވެ.

"އަދި ރާއްޖޭގެ މަސްދޯނިތަކަށް އަރާފައި ވަނީ އިންޑިއާ ކޯސްޓްގާޑު ޝީޕް 246 އަދި އިންޑިއާގެ ކޯސްޓްގާޑު ޝިޕް 253 އަސް ނިސްބަތްވާ ބޯޑިންގ ޓީމަކުންކަން ކަށަވަރު ކުރެވުނެވެ،".

ދިފާއީ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނި ތަކަށް ކަމާ ގުޅޭ އެއްވެސް އިދާރާއަކާއި ކޯޑިނޭޓް ކުރުމެއް ނެތި ބައިނަލްއަޤްވާމީ ކަނޑުގެ ޤާނޫނުތަކާއި އުސޫލުތަކާއި ޚިލާފަށް އިންޑިއާގެ އަސްކަރިއްޔާގެ ބޯޑުކޮށް ހިންގި އޮޕަރޭޝަންގެ ތަފްސީލު ދިނުމަށް ރާއްޖޭގެ ޚާރިޖީ ވުޒާރާ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް ދަންނަވާފައިވާނެ ކަމަށެވެ.

"ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އަދި ޚާއްސަ އިޤްތިޞާދީ ސަރަހައްދު ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ މަސައްކަތްތައް މާތްﷲ ގެ ވާގިފުޅާއެކު ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ކެނޑިނޭޅި ކުރަމުންގެންދާނެކަމުގެ ޔަގީންކަން އެންމެހާ ދިވެހި ރައްޔިތުންނަށް އަރުވަމެވެ،". ދިފާއީ ވުޒާރާގެ ބަޔާނުގައި ވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ