Wednesday, 19 June 2024

މަނަދޫ އަޒީގެ ވާހަކަ ޅެން: އެމަހާނަ (ސަތާރަވަނަބައި)

އާދެވުނުގޮތްވެސް ނުއެނގިހުރެ ގޭއެތެރެއަށް ވަދެވުނީ
ބާރުކޮށްއޮތް މީސްތަކުންގެތެރޭން ދެއަރިއަށް ފިއްތަމުން
ޝާޒްލީފެނުމާއެކީ ހުރިބާރަކަށް ރޮއިގަނެވުނޭ
ވާނުވާއެއް ނޭނގިހުރެގޮސް ޝާޒްލީގައި އޮޅުލަމުން
ހަރުދަނާކަން އޭރުވީ ކޮންތާކުކަންވެސް ނޭނގެޔޭ
ބަރުވެބޯ އަރުބެދިއެކީ ސިކުނޑީގެބާރެއް ނެތްކަމުން
އަޑުގެނެތްތަނަކަށް ދުޢާތައް ނޭނގިއޮވެވެސް ކުރެވުނޭ
ގަނޑުވެފައިވާ ހިތުގެކުޑަވެސް އިޚްތިޔާރެއްނެތި ރޮމުން
ޔާއިލާހީ އަޅުގެ ލޮބުވެތި އަންހެނުންނަށް ރަޙްމަތާ
ޢާފިޔާދެއްވާށިއޭ ތިޔަމާތް އިލާހުގެ ޙަޟްރަތުން
އޭރު ދެބަވާކަހަލަގޮތަކަށް އޮވުނުއިރުވީ ކަންތަކެއް
ދޭހައެއްނުވެޔޭ ރަނގަޅަކަށް ސިކުނޑިޔަށް ނުނެގޭކަމުން
ސިކުނޑިޔަށް އިޙްސާސްވާ އެވަގުތުނެތޭ ހަމަ އެއްކަމެއް
ސިކުނޑި ފުރިހަޔަށް މަސައްކަތް އޭރުގައި ނުކުރާކަމުން
ހީކުރާށޭ ތިޔަގޮތައް ހަމަ ކޮންމެމީހަކު ދާނެޔޭ
ހީވިޔޭ މީހަކު އަހަންނަށް ބުނެލިހެން އިލްހާމަކުން
ތިޔަގޮތަށްއޮވެ ކަރުނައެޅިޔަސް ދެންކުރާނެކަމެއްނެތޭ
ވިޔަނުވާހައި ޢިބްރަތޭމީ ދުނިޔެދައްކާ އެކިގޮތުން
ކާކުހޭ؟ ތާއަބަދު ދުނިޔޭގައި ނުގޮސް ހުރެވާހުށީ
މާކުރިއްސުރެ ދުނިޔެވީ ޤާނޫނު ނޫންހޭ؟ މީސަފުން
މިއަޑު ނޭނގޭ ބާރަކާއެކު ސިކުނޑިޔަށް ވަނުމާއެކީ
ވިއަނުވާ މި ޙަޤީޤަތަށް ލޯހުޅުވުނޭ އޮތް ހުވަފެނުން

* ނުނިމޭ.،..
14 މެއި 2024
* عبدالغزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *