މަނަދޫ އަޒީގެ ވާހަކަ ޅެން: އެމަހާނަ (ބާވީސްވަނަ ބައި)

** ** ** ** ** ** ** ** ** **
ސޯޅައަހަރުވެ ދިޔަކަމަކު އޭނާ މިދުނިޔޭން ވަކިވިތާ
ލޯބިނުވެޔޭ އަދިމަރެއް ދެވިފައިމިވާ އަހަރެން ހިތުން
ލޯބި ވަޅުލެވިފައިއެވާ އެ މަހާނަޔަށް ޢުމުރަށް މަގޭ
ލޯބިދޭނަމެ އަބަދުވެސް ލޯތްބަށްޓަކައި ޤުރްބާންވަމުން
ކޮންމެރެޔަކު ފަތިސްނަމާދުންނިމި ގެޔަށް އައުމުގެކުރީން
ކޮންމެދުވަހަކު އާދަޔޭ އެ މަހާނަ ކައިރީގައި އިނުން
ހިތުގެ ޖަޒުބާތާއެކީގައި އޮހޮރިދާ ލޭކަރުނަތައް
ހިތުގެ ލުއިކަމަކަށްވެޔޭ އެތަނަށްއެކީ އޮއްސައިލުމުން
އަބަދުވެސް އެ މަހާނަޔާ އަހަރެންހިތާ ގުޅިފައި ވެޔޭ
އަބަދުވެސް އެ ހަނދާންތަކެއް އަހަރެންހިތުން ނުފިލާކަމުން
ލޯމަރާލައިގެން އެތާއިދެގެން ޚުޝޫޢަތްތެރިވުމުން
ލޯބިވެތިވީ ޝާޒްލީއާ ގުޅިދެޔޭ ރޫޙީގޮތުން
ވާއިރެއްވެސް ނޭނގިފައި އެގޮތަށް އެތާ އިންދާ އެހެން
އާދެޔޭ ހޯދަން ކުދީން އެގޮތަށް އެތާ ގިނައިރުވުމުން
މިއަދު ހިތުގައި ޤަދަރުކުރެވޭ އެއްޗަކީ އެ މަހާނަޔޭ
މިއަދު އެހަނދާން އާކުރަން ހަމައެކަނިހުރި ފެންނަން ލޮލުން
ވަންތަކީރިތި ޙަޟްރަތަށް އަބަދާއަބަދު ކުރަމޭ ދުޢާ
ޖަންނަތުގެ އެޔޮ ދަރުމަ މާތް އެފުރާނަޔަށް އެދި ދެއްވެވުން
ދުނިޔެއަށް ހެއްލުންނުވާން އަޚް އުޚްތުނަށް ހިތްވަރުދެމޭ
ބުނެވިދިޔަ އަހަރެން ޙަޔާތުގެ ދަތުރުނާމާ ނިންމަމުން

* ނިމުނީ
ޅެންވިދާޅުވި ބޭފުޅުންނަށް ހެޔޮދުޢާ ކުރަމޭ އަރިސް
އެންމެ މަތިވެރި ރަޙްމަތާއެކުގައި ގަލަން ބާއްވައިލަމުން
19 މޭ 2024
* عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *