މަނަދޫ އަޒީގެ ޅެންހާރު: ފިތުނައިގެ އަލިފާންދަނޑު ނުރޯކޮށްބަލަ!

ސިޔާސީ ވާދައޮތްނަމަވެސް ހުތުރުކަންކަން ނުކޮށް ތިބެބަލަ!
ކިޔާއެއްޗެއް ބިނާކުރަނިވިގޮތެއްގައި ހާމަކޮށްދީބަލަ!
މަލާމާތާ ފުރައްސާރައިން ލިބޭނެމޮޅެއް ނުވާއިރުގައި
ހަލާކަށް މުޖްތަމަޢުގެންދަން މަސައްކަތްތައް ނުކޮށްތިބެބަލަ!
މިއަދުވެެރިކަންކުރާބަޔަކާ ކުރިން ވެރިކަން އެ ކުރިބަޔަކާ
މިއަދު ދޭތެރެޖެހޭފަދަކަންކަމާ ދުރުވާން ނިކަންއުޅެބަލަ!
އެބައި މިބަޔަށް އަބަދު ކޯޅުންތަކުން އުފެދޭ ލޮޅުންތަކުގައި
ވެ ބައިބައި މުޖްތަމަޢުދާކަން ނިކަންވިސްނައި ފިކުރުކޮށްބަލަ!
ސަގާފަތަކަށް ހަދާލައިގެން އިނގިލިދިއްކޮށް އެކަކު އަނެކަކު
ނަގައިމަތިހަށި އުޅޭ އެ އުޅުން އެކީގައި ނިމުމަކަށްގެނެބަލަ!
އަނގައިންބަސްތައް ބުނާއިރުގައި ބަލައިލަން އެބަޖެހޭ މީހާ
އަނގައިންބަސް ނުކުތުމުން އަނބުރައި އެބަސް ނުލިބޭނެކަން ދަނެބަލަ
ޚަބަރުފަތުރާ ވަސީލަތްތައް އެ ޒިންމާރުކަން ދޫކޮށް
އަބުރު މީހުންގެ ކަތިލާ ބާރުގަދަ ހަތިޔާރަކަށް ނުވެބަލަ!
ޢިލްމުވެެރިއެއް އެހެންމީހެއް މިކަމުގައި ވަކި ތަފާތެއްނެތި
ޙިލްމުވެރިކަމުގެ ފޭރާމުން ނިވައި ހަށިގަނޑު ކުރަންއުޅެބަލަ!
ތަޢައްޞުބުގައި އެކަކު އަނެކަކު ގަޔަށް އަތްލާފަށަށް ނުމެގޮސް
ތަޢައްޞުބު އެއްފަރާތްށްކޮށްފައި އަރުތަހޯދަން ނިކަންއުޅެބަލަ!
ސިޔާސީކަންކަމަށް އެއްވެސްކަހަލަ މިންގަނޑުތަކެއް ނެތަކަސް
ދިޔާ "ބައްޕެންގަނޑެއްހެން" ހާވަމުން އުނދުޅީން ނުގެންގޮސްބަލަ!
އަރައިހުރިހައި ލޮޅުންތަކުގައި އަސަރު ޅަދަރީންނަށޭ ކުރަނީ
ޤަރާރުކަމެއް އެ ޅަދަރީންނަށް ލިބޭހެން ކަންކުރަން އުޅެބަލަ!
އަދަބު އަޚްލާޤަކީ އިންސާނުނަށްއޮތްޝަރަފަކަށް ވާއިރު
އަދަބުވެރިކަމުގެ ގަހަނާއެއް އެޅޭތޯވެސް ބަލަން އުޚެބަލަ!
ބިމޭމީ އަހަރެމެންނާ އަދި ދަރީންގެ ދަރީން އުޅެންވެސްއޮތް
ހިމޭންކަމުގައި އެހެންވީމާ މިބިން ބާއްވަން ހިތުން ރުހިިބަލަ!
މޮޅާ ރަނގަޅާ އެދޭނަމައީ މި ޤައުމަށް އެންމެހައި ގޮނގަކުން
ކޮޅަށް ބަޑިބޭސްއަޅައި ފިތުނައިގެ އަލިފާންދަނޑު ނުރޯކޮށްބަލަ!

27 މޭ 2024
* عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *