މަނަދޫ އަޒީގެ ޅެންހާރު: ދުނިޔޭގެ ހަމަޔާ އިންސާފު

ކަނޑުގެ ހުކުމާ ޖަންގަލީ ހުކުމޭމިއަދު ފެނިގެންދަނީ
ބަނޑުތެރޭވާ ދަރިފުޅަށްވެސް ރައްކަލެއް ނެތިއޭދަނީ
ބޮޑެތި އެއްޗެހި ފާވެގަނެ ކުޑައެތި އެ ކާލާ ބީދައިން
ބޮޑަތި ބާރުތަކުން އަރައި ކުދިތަންތަނޭ ދުއްވައިލަނީ
އެއްގަލުން ފެހިކާ ލަނޑާހެން އެއްވެގެން ބައިގަނޑުހަދައި
ގެއްލުމެއް ނުރުހޭ ބަޔަކުނަށް ދޭންވެގެންނޭ މަރުދެނީ
ޢަދުލުއިންސާފަށް ހަޅޭއްލަވަމުން އަބަދުދާ އެމެރިކާ
ލަދުހަޔާތްނެތް ވަލުގެ ޖަނަވާރެއްގެ އަގަލޭ ދައްކަނީ
ރަތްރޮނގެއްނުވެޔޭ ހުރަސް އަދިއެއް ބުނާއިރު އެ ދުލަކުން
އަތްމަތީގައި ގަބުރުތައް އުފުލާތަނޭ ފެނިގެންދަނީ
ރަފަޙްގައި އެއްރޭމަތީން ސާޅީސްފަހެއް އަންދާލިއިރު\
ރަފަޙްގައި މާބޮޑުކަމެއް އަދި ނުނހިގަޔޭ ބުނަމުންދަނީ
ލަންޑަނާ ޖަރުމަނު ފަރަންސޭސީންއެކީ ގުޅި އެމެރިކާ
ހަންދަމައިލާން މުސްލިމުން އެ އުޅޭގޮތޭ ފެނިގެންދަނީ
ޙައްޤުތައް ހަމަހަމަކުރަން ލަދުނެތި ގޮވާއިރު ތިމައުރެން
ޙައްޤުތައްކައި ހަޖަމުކޮށްގެން ތިބިތަނޭ ދައްކައިދެނީ
އަދު ފަލަސްޠީނުގެ ބިމަށް ވިސްނައި ފިކުރުހިންގައިލުމުން
ތަދުތަކުން ހިތް ވިރި އޮހޭފަދަ މަންޒަރޭ ފެނިގެންދަނީ
ބާރުނެތް މަޢުޞޫމު ނިކަމެތިވީ އެތައްހާސް ހަށިތަކެއް
ބާރުގަދަ ހަމަލާތަކުން އަބަދަށް އެހެރަ ނެތިކޮށްލަނީ
ބޮންތަކާއި މިސައިލުތައް ކެނޑިނޭޅި އޮއްސާއިރު އެހެހެން
ކޮންމެމީހަކު އެބިމުގައި ހުރުމޭ ކުށެއްކަމުގައިވަނީ
މުސްލިމުން ނަމުގައިއެތިބަ އެކިތަންތަނުގެ ފާސިދު ވެރީން
ދުޝްމިނުންގެ ޙިމާޔަތޭ ހޯދަންއެތިބަ ލައިހޫރެނީ
ދީނަށާ އަދި އުންމަތައް އެއްވެސް ބަލައިލުމަކައިނުލައި
ޙީލަތާ މަކަރުގެ ގުޅުން ހުޅަނގާއެކީ ތިބެ ހިންގަނީ
ގޮށްމުށުގެ ބާރާ ނުފޫޒާ ޙައްޤުކަމުގައި އަދު ހަދައި
ކޮށްލުމަށް އެއްވެސްކަމެއް ޖެހިލުންނުވާތަން ދައްކަނީ
"ކޯޓްއޮފްޖަސްޓިސް" އަމުރުނެރެ އަތުކޮޅަށް ހޫރައިލަމުން
ބޯލަނބަން ޖެހިދާފަރާތެއް ނެތްކަމޭ ބުނެ އަންގަނީ

30 މޭ 2024
* عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *