ސަލާހުއްދީން ޕާކިންގައި މާލޭ ސިޓީ ކައުންސިލުން ހިންގި އައުޓްޑޯ ޖިމް ހަލާކުވުމާ ގުޅިގެން އެތަނުގައި ޖިމް އިކުއިޕްމަންޓްތައް އާކޮށް، މަރާމާތުކޮށް އަލުން އެ ޖިމް ހުޅުވައިފިއެވެ.
ޖިމް ހުޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމްއެވެ.
ޖިމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޢަބްދުﷲ ރާފިއު ވިދާޅުވީ ޞިއްޙީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ ކުރެވޭ ވަރަށް މުހިންމު ހޭދައެއްކަމަށެވެ. އަދި ހަކުރު ބައްޔާ ލޭމައްޗަށް ދިއުމާ ކޮލެސްޓްރޯލްފަދަ ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި އިތުރުކަމަށެވެ. ކަސްރަތަކީ މިފަދަ ބަލިތަކުން ރައްކާތެރިވެ ދުޅަހެޔޮ، ހަށިހެޔޮ މީހަކަށް ވުމަށް ކުރެވޭނެ އެންމެ މުހިންމު މަސައްކަތް ކަމަށް ޢަބްދުﷲ ރާފިޢު ވިދާޅުވިއެވެ.
އަދި މިފަދަ ހަރަކާތްތަކުގައި ގިނަ މީހުން ޝާމިލުވުން އިތުރުކުރުމަކީ މުޖުތަމަޢުގެ ގުޅުން ބަދަހިވެ، ނަފްސާނީ ގޮތުންވެސް ދުޅަހެޔޮ މީހަކަށް ވުމަށް އެހީވެދޭ ކަމެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ ޖިމްގެ މަރާމާތުގެ ވާހަކަ ހިއްސާކުރުމުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެކަމަށް ވަރަށް ފުރިހަމައަށް އިޖާބަދެއްވިކަމަށެވެ. އަދި މާލޭގެ އިތުރު ސަރަޙައްދުތަކުގައި އިތުރު ޖިމްތައް ޤާއިމުކުރުމުގެ މަސައްކަތް އެވުޒާރާއާ ގުޅިގެން ކުރިއަށްގެންދަވާނެކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އަމާޒަކީ އައުޓްޑޯ ޖިމްތަކަކީ ހުރިހާ ވަގުތެއްގައިވެސް ބޭނުންކުރެވޭގޮތަށް، މަތީގައި ޝޭޑް ދަމާފައި ހުންނަ ތަންތަނަށް ހެދުންކަމަށެވެ.
މާލެ ސިޓީގެ ރައްޔިތުންނަށް ކުޅިވަރު ކުޅެ، ހެލިފެލިވެ އުޅެވޭނެ ވަސީލަތްތައް ޤާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.



