26 އޮކްޓޫބަރު 2025

ބުއްދިވެރިޔަކު، ހިތް މަރުވާން ދޫކޮށެއް ނުލާނެއެވެ.

މި ބިމުގައި އެންމެ މަތީ މަޤާމެއް ދެވިފައިވަނީ އިންސާނުންނަށެވެ. އެތަކެއް ހާސް ނިޢުމަތްތަކާއެކުގައެެވެ. އެ ނިޢުމަތްތައް ގުނާ ޢަދަދުވެސް ނުކުރެވޭނެއެވެ. ނަމަވެސް، އިންސާނާއަށް ކާމިޔާބާއި ބާއްޖަވެރިކަން ލިބެންއޮތީ އޭނާގެ ނަފްސު ކިޔަމަންކޮށްގެންނެވެ. އަދި ބަސްތަކާއި ޢަމަލުތަކުގެ ކުދި ބޮޑު އެންމެހާ ކަންކަން ޙިސާބުކޮށް އެކަންކަން ބެލެހެއްޓިގެންނެވެ. އޭނާގެ ނަފްސު ޙިސާބުކޮށް، އޭނާގެ ބަސްތަކާއި ޢަމަލުތަކާ އަދި ޚިޔާލުތަކާ މެދު ރައްކާތެރިވެ، ﷲ ލޯބިވެވޮޑިގެންވާ އަދި ރުހިވޮޑިގެންވާފަދައިން ކަންތައްކޮށްފި މީހާއަށް އޮތީ، ނަސީބާއި ބާއްޖަވެރިކަމެވެ. ފަލާޙާއި ކާމިޔާބެވެ.

ﷲ ތަޢާލާގެ ވަޙީބަސްފުޅެއްގެ މާނައިގައިވެއެވެ. "އަދި އެމީހާގެ ވެރިރައްބުގެ ޙަޟްރަތުގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ ނަފްސު އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން އެމީހާ އުޅޭނެ ތަނަކީ ސުވަރުގެއެވެ."

ވިޔަފާރީގައި ކުރިއަރައި ދާން ވިސްނާ މީހާ އޭނާގެ ވިޔަފާރީގެ ހިސާބުކިތާބު ދުވަހުން ދުވަހަށް ބަލަހައްޓައި، އަޅާންޖެހޭ ފިޔަވަޅުތައް އަޅައެވެ. ދަނޑުވެރިކަމުގެ ނަފާ އެންމެ ރަނގަޅަށް ހޯދުމަށްޓަކައި، ދަނޑުވެރިން އެބައިމީހުންގެ ދަނޑުގައި ހައްދާފައިވާ ގަސްތަކުގެ ޙާލަތު އަބަދާ އަބަދުމެ ބަލައި ދެނެގަނެ، ގަސްތަކަށް ބޭސްޖަހައި ފަރުވާދީ ހަދައެވެ. މި ބީދައިން ބުއްދިވެރިން، އެމީހުންގެ ނަފްސު ޙިސާބުކުރެއެވެ. އެމީހުންގެ ޢަމަލުތަކުގެ މައްޗަށް ނަފްސު ޙިސާބުކުރެއެވެ. ފުރިހަމަ އިޚްލާޞްތެރިކަން ހޯދުމަށްޓަކައި އަޅުކަންތަކާއި ކިޔަމަންތެރިކަން އަދާކުރުމުގައި ގަދައަޅާ މަސައްކަތްކުރެއެވެ. ދެއްކުންތެރިކަމުން އޭނާގެ ނަފްސު ސަލާމަތްކުރެއެވެ. އޭނާގެ ޢަމަލުތަކުން އޭނާ އެދޭނީ ﷲ ގެ ވަޖުހުފުޅާއި އާޚިރަތުގެ ގޯއްޗެވެ. އޭނާގެ ނަފްސު ޙިސާބުކުރަނީ ޞާލިޙު ޢަމަލުތައް ކުޅައުމަށެވެ. އަދި ކީރިތި ރަސޫލާގެ ސުންނަތުގައި އައިސްފައިވާގޮތަށް ޢަމަލުތައް ބަހައްޓައެވެ. ދާއިމީ ގޮތެއްގައި އެޢަމަލެއް ކުރުމަށް ފަރުވާތެރިވެއެވެ. އެޢަމަލެއް މުޅިން ދޫކޮށްލުމެއް ނެތި އަދި މެދުކަނޑާލުމެއް ނެތި، ދާއިމީ ގޮތެއްގައި އެޢަމަލުކުރުން މަތީ ދެމިހުރެއެވެ.

އިންސާނާގެ ހެޔޮކަމުގެ ނާރެހަކީ ހިތެވެ. އިންސާނާއަށް ގިޔާމަތްދުވަހުން ސަލާމަތްކަމާއި، އަމާންކަން ލިބޭނީ ހިތް ރަނގަޅު ކުރެވުނު މިންވަރަކުން ކަމަށެވެ. އީމާންކަމުން ބަބުޅާ ހިތްތަކަކީ މި ބިންމަތީގައި ނަސީބުވެރީންނެވެ. އެއީ އާޚިރަތުގެ ބާއްޖަވެރީންނެވެ. އެމީހުންނަކީ އިސްލާމްދީން ތަމްސީލުކުރާ ހެޔޮ ނަމޫނާތަކެވެ.

ހިތުގައި ހިނގާ ޚިޔާލުތަކާއި ފިކުރުތަކާ އަދި ވަސްވާސްތަކަށް ސަމާލުވުންވެސް މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވެއެވެ. ހެވާއި ނުބައިގެ ފެށުންވަނީ ހިތުގެ ޚިޔާލުތަކާއި ފިކުރުތަކުންނެވެ. އަދި ވަސްވާސްތަކާމެދު ޣާފިލުވެ އެކަންކަން ބަލައިގަނެފިނަމަ އޭގެ ސަބަބުން ނުބައި މަގަށް މީހާގެ ނަފްސު މިސްރާބުޖަހައެވެ. ބަޔާންވެފައިވާ ގޮތުގައި ޝައިޠާނާ، އާދަމުގެ ދަރީންގެ ހިތުގެ ކައިރީގައި ވެއެވެ. އޭނާ ﷲ ގެ ޛިކުރު ކުރުމުން އެ ޝައިޠާނާ ފަހަތަށް ޖެހި ފިލައެވެ. އަދި އޭނާ ޣާފިލުވުމުން އެ ޝައިޠާނާ ވަސްވާސް ދެއެވެ. ފާފަތަކުން ރައްކާތެރިވެވޭނީ، ފުރަތަމަވެސް ޝައިޠާނާގެ ވަސްވާސްތަކަށް ފަރުވާތެރިވެ އަދި ޝައިޠާނާގެ ފަރާތުން ވަސްވާސްތެރިކަމެއް އައިސްދާނެކަމަށް ސަލާމުވެގެންނެވެ.

ދިރިއުޅުމުގެ ކޮންމެ ހިނދެއްގައިމެ، ނަފްސު ޙިސާބުކޮށް އެކަމުގައި ގަދައަޅާ މަސައްކަތްކުރާމީހާގެ ހެޔޮ ކަންތައްތައް ގިނަވެ ނުބައި ކަންތައްތައް މަދުވާނެއެވެ. އޭނާ ދުނިޔެއިން ނުކުންނާނީ ޙަމްދުކުރަމުންނެވެ. އަދި އޭނާ އަލުން ދިރުއްވޭނީ ބާއްޖަވެރި ކަމުގައެވެ. ހަވާނަފްސަށް ތަބާވެ، ޤުރުއާނުން މޫނު އަނބުރާލާ، އޭނާގެ ނަފްސު އެދޭ ކަންކަމަށް އަރައިގަނެ، ޝަހުވަތްތަކުގެ ލައްޒަތު ލިބިގަނެ، ބޮޑެތި ފާފަތަކަށް އަރައިގަނެފި މީހާ ވާނީ އަބާއްޖަވެރިއަކަށެވެ.

އާދޭހެވެ. ދިރިހުރި ހިތަކީ ހެޔޮ ކަންކަމުގެ އަސަރު އެހިތަށްކުރުވާ އަދި ނުބައި ކަންކަމަކީ ނުބައިކަމެއްކަމުގައި ދެނެގަންނަ ހިތެވެ. އަދި މަރުވެފައިވާ ހިތަކީ ފާފަކުރުމުން އެހިތަށް ތަދުނުވާ އަދި އެކަމުގެ އިހުސާސްވެސް ނުކުރެވޭ ހިތެވެ. ހެޔޮކަމެއް ކުރުމުން އަދި ކިޔަމަންތެރިކަން އަދާކުރުމުން އުފާވެސް ނުވާނެއެވެ. އަދި ފާފަތަކަށް ޢުޤޫބާތްވާކަމުގެ އަސަރުވެސް ނުކުރާނެއެވެ. އަދި ޞިއްޙަތާއި ދުނިޔަވީ ކަންތައްތައް ލިބިފައިވާނަމަ އެފަދަ މީހަކު ކެހިވެރިވާނެއެވެ. އަދި އޭނައަށް ލިބިފައިވާ ނިޢުމަތްތަކަކީ އޭނާގެ މާތްކަމުން ލިބުނު އެއްޗެއްކަމަށް ހީކުރެއެވެ. ބޮޑާވެ ކިބުރުވެރިވެ، ގުންފައިޖަހައި ހިންގާން ފަށައެވެ.

ތިމާގެ ޙަޔާތަކީ އިމްތިޙާނެކެވެ. އިންސާނާގެ ޙަޔާން ބިނާވެފައިވަނީ ބަގީޗާތަކުން ލިބޭ އުފާވެރިކަމާއި، ކަށި ކުނބުރު ޖަންގަލިން ލިބޭ ނާމާން ބިރުވެރިކަމުގެ އަޑުތަކާއެކުގައެވެ. އެ ޙަޔާތުގައި ތަފާތު އެތަކެއް ޢިބުރަތްތެރި ޙާދިސާތަކާ ކުރިމަތިލާންޖެހޭނެއެވެ. އެ ޙާދިސާތަކުން ޢިބުރަތް ޙާސިލުކުރުމަށް އިންސާނާއަށް ފުުރުޞަތު ލިބެއެވެ. އެ ފުރުޞަތުގެ ތެރޭގައި އޭނާގެ ނަފްސު ޙިސާބު ނުކުރާނަމަ، ހިތުގެ ބަލިތައް އެހިތް އެކުގައި ބަލިކޮށްލައެވެ. ނުވަތަ މަރާލައެވެ.

އެހެންކަމުން، އިންސާނާއަށް އޮތް އެންމެ ބޮޑު ހެވަކީ ކޮންމެ ހިނދެއްގައިމެ އަމިއްލަ ނަފްސު ޙިސާބުކުރުމެވެ. އޭނާއަށް ފަރުވާކުޑަކުރެވޭ ކަންތައްތައް އެނގޭނީ އޭރުންނެވެ. އަދި އެކަންކަމަށް ތައުބާވެވޭނީވެސް އޭރުންނެވެ. އޭރުން އޭނާގެ މަސައްކަތް ޤަބޫލުވެވި ރަނގަޅު ނިމުމަކަށް ތައުފީޤު ލިބުމަށް އުންމީދުކުރެވެއެވެ. އަބާއްޖަވެރިކަމުން މިންޖުވެރިވެ ބާއްޖަވެރި ކަމުގެ މަގަށް ދަތުރުކުރުމުގެ ފުރުޞަތު ލިބޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު