ފުޓްބޯޅަ މެޗަށް ދަނޑަަށް ކުޅެން އަރަނީ މެޗުން މޮޅުވާނެ ކަމުގެ އުއްމީދުގައެވެ. އިދިކޮޅު ޓީމުގެ މައްޗަށް ކުރި ހޯދައި މެޗުން މޮޅުވުމަށް ޔަޤީންކޮށްގެންނެވެ. ޙާސިލުކުރަން ބޭނުންވި ނަތީޖާ ލިބުމުން، އެ ކަމާ އުފާކުރެއެވެ. މެޗުން ނާކާމިޔާބުވުމުން ބައެއް ފަހަރު މާޔޫސްވެއެވެ. އަދި އަބެއް ބައި ފަހަރު އުންމީދު އާލާކުރެއެވެ. ކުރިއަށް ފިޔަވަޅު އަޅާން މަަސައްކަތްކުރެއެވެ. މިއިން ކޮންމެ ޙާލަތަކީވެސް އިންސާނާގެ ފިކުރާ ވިސްނުމާއި ގުޅިފައިވާ ޙާލަތެކެވެ. އެހެންނަމަވެސް، މިއިން ކޮންމެ ޙާލަތަކުންވެސް އެންމެ މޮޅު އިތުރުވެގެންވާ މަގަށް ކަންކަން ބައްޓަންކުރެވޭނީ، ނާއުންމީދު ނުވެ ހިތުގެ ޔަޤީންކަމާ އެކު މުސްތަޤްބަަލަށް ފިޔަވަޅު އަޅައިގެންނެވެ.
އެހެންކަމުން، ކޮންމެ މީހެއްގެ ހިތުގައިވެސް ﷲ ތަޢާލާ އާއިމެދު ހިތުގައި ޔަޤީންކަން ބާއްވަން ޖެހެއެވެ.
ދިރިއުޅުމުގެ މައިދާނުގައި މުޞީބާތްތަކާ ކުރިމަތިލާންޖެހެއެވެ. މޫސުމަށް ބަދަލުއައިސް ކަނޑުން ހުޅި ނަގާފައި އަންނަ ރާޅުތަކެއްގެ މިސާލު ދައްކާ ޙާލަތްތައް މެދުވެރިވެއެވެ. އެ ޙާލަތްތަކާއި މުޞީބާތްތައް ކުރިމަތި ކުރައްވަވަނީ ވަރަށް މާތް މަޤްޞަދެއްގައެވެ. ވަރަށް މަތިވެރި ޙިކުމަތަކަށްޓަކައެވެ. އިންސާނުން ދެކެ މާތް ﷲ ލޯބިފުޅުވެވޮޑިގަންނަވައެވެ. އެހެނީ، މިފަދަ މުޞީބާތްތައް މެދުވެރިވަނީ ﷲ ތަޢާލާ އާ ދުރަށް ދެވޭތީ ކުއްތަންވުމަށް ބާރުއެޅުއްވެވުމަށެވެ. މަގުން ކައްސާލައިގެން ދާތީ ތައުބާވެ ސީދާ މަގަށް އެޅުމަށް އެނގެވުމަށްޓަކައެވެ.
އަޅުގަނޑުމެންނާ އެންމެ ގާތުގައި މާތް ﷲ ވޮޑިގެންވާ ކަމާއި އެހެން އެންމެން އަޅުގަނޑުމެން ދޫކޮށް ދިއަ ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން އަހަރެމެން އެކަމަށް އެދޭހައި ހިނދަކު، އެކަލާނގެ އަޅުގަނޑުމެން ދޫކޮށް ނުލައްވަވާނެ ކަން އަހަރެމެންގެ ހިތަށް ތަޞައްވުރު ކުރެވޭނެއެވެ. އެހެންކަމުން، ޔަޤީންކުރަންވީ އަޅުގަނޑުމެންނާ އެންމެ ގާތުގައި ވަނީ މާތް ﷲ ކަމެވެ.
އަޅުގަނޑުމެންގެ ބޭނުންތައް ފުއްދަވައި ދެއްވެވޭނީ ހަމައެކަނި މާތް ﷲ އަށެވެ. މީހަކަށް އެހީތެރިވާން ބޭނުންވި ނަމަވެސް މާތްﷲ އިރާދަ ނުކުރައްވަވައިފިނަމަ ހަމަ އެކަކަށް ވެސް ކޮށްދެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. ހަމައެހެންމެ، އެހީވާނެ އެއްވެސް މީހަކު ނެތް ނަމަވެސް ﷲ ތަޢާލާ އިރާދަ ކުރައްވަވައިފިނަމަ ޙާޞިލު ނުކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. އެހެންކަމުން، ތިމާއަށް ކުރިމަތިވާ ކަންކަމުގެ ވާހަކަ ގިނަގިނައިން ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާންޖެހެއެވެ. އެކަމެއް ﷲ ޙަޟްރަތުން ވާނޭ ކަމުގެ ޔަޤީންކަމާއެކުގައެވެ.
މާތް ﷲ ގެ ހަޟްރަތުން އުންމީދު ކަނޑާލައިގެން ނުވާނެއެވެ. ޔަޤީންކަން އެއް ފަރާތްކޮށްގެން ނުވާނެއެވެ. ޤަބޫލުކުރާންވީ، ހަމައެކަނި ﷲ ތައާލާގެ ޙަޟްރަތުން އަހަރެމެންގެ ހުރިހާ ބޭނުންތަކެއް ފުދޭނެ ކަމެވެ. ކަމަކަށް އެދި ދެންނެވުމުން ނުވަތަ ދުޢާ ކުރުމުން އިޖާބަކޮށްދެއްވެވުން ލަސްވުމަކީ ވެސް ހަމަ އަޅުގަނޑުމެންގެ ފައިދާއަށް ކޮށް ދެއްވަވާ ކަމެކެވެ. މާޔޫސްވުމެއްނެތެވެ. އޮތީ އުންމީދާއެކު މަސައްކަތްކުރުމެވެ. ޔަޤީން ކަމާއެކު ﷲ ތަޢާލާއަށް ދެންނެވުމެވެ. ﷲ އަށް އިތުބާރުކުރުމުގައި ދެމިހުރުމެވެ.
އަބަދުވެސް ހިތުގައި ޔަޤީންކަން ބާއްވާށެވެ. ހިތުގެ ޔަޤީންކަމުގައި ދެމިހުންނާށެވެ. އަމާޒަށް ވާސިލުވާނީ އޭރުންނެވެ.