ސީރިއާގެ ވަގުތީ ރައީސް އަހްމަދް އަލް-ޝަރާ، އެ ގައުމުގެ އަލަށް އެކުލަވާލެވުނު ވަގުތީ ޤާނޫނުއަސާސީގައި ބުރާސްފަތި ދުވަހު ސޮއިކުރައްވައިފިއެވެ. މިކަމަކީ އަސަދް ވެރިކަން ނިމުމަށްފަހު ގައުމަށް "އާ ތާރީޚެއް" ފެށިގެންދާނެ ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.
އަލަށް އެކުލަވާލެވުނު ޤާނޫނުއަސާސީގައި މަދަނީ މިނިވަންކަމާއި، ވެރިކަމުގެ ތިން ބާރު ވަކިކުރުމާއި، ޝަރުޢީ ދާއިރާގެ މިނިވަންކަމަށް ޚާއްސަ އިސްކަމެއް ދީފައިވާ ކަމަށް ޤާނޫނުއަސާސީ އެކުލަވާލި ކޮމިޓީއާ ގާތް މަސްދަރެއް މަޢުލޫމާތު ދީފައިވެއެވެ. މި ޤާނޫނުއަސާސީ އެކުލަވާލުމުގައި 1950 ވަނަ އަހަރުގެ ޤާނޫނުއަސާސީގެ ރޫހަށް ބުރަވެފައިވާ ކަމަށްވެސް އެ މަސްދަރު ހާމަކުރިއެވެ.
މި ޤާނޫނުއަސާސީގެ ދަށުން ބޭރުގެ ބާރުތަކަށް ގޮވާލުމާއި، ގައުމުގެ ސަލާމަތާއި ސުލްހައަށް ނުރައްކާވާފަދަ ގޮތަކަށް ބޭރުގެ ފަރާތްތަކާ މުޢާމަލާތް ކުރުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. އަދި ކުރީގެ ވެރިކަމުގައި ކުށްތައް ކުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އިންތިޤާލީ އިންސާފުގެ ނިޒާމެއް ޤާއިމްކުރުމަށްވެސް ވަނީ ކަނޑައަޅާފައެވެ.
ސިޔާސީ ނިޒާމުގެ ގޮތުން، ރިޔާސީ ނިޒާމެއް ގެންގުޅުމަށް ނިންމާފައިވާއިރު، ބޮޑުވަޒީރުގެ މަޤާމު ނުހިމެނޭ ގޮތަށް ސަރުކާރު އެކުލަވާލުމަށް ވަނީ ނިންމާފައެވެ. އަދި އިންތިޤާލީ މަރުހަލާގެ މުއްދަތަކީ 3 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތެއް ކަމަށް ކަނޑައަޅާފައިވެއެވެ.
މީގެއިތުރުން، ހަތިޔާރު ގެންގުޅުމުގެ ހައްޤު ހަމައެކަނި ދައުލަތަށް ލިބިގެންވާ ކަމަށާއި، ސިފައިންގެ މައިގަނޑު މަސްއޫލިއްޔަތަކީ ގައުމާއި ރައްޔިތުން ރައްކާތެރިކޮށް، މަދަނީ އަމާންކަން ދެމެހެއްޓުން ކަމުގައި މި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވެއެވެ.



