26 އޮކްޓޫބަރު 2025
ފޭދޫ ސްކޫލްގައި ގާއިމް ކޮށްފައިވާ ވޯޓުލާ މަރުކަޒުގައި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން މިއަދު ހަރަކާތްރިވަނީ.---ފޮޓޯ: މިހާރު

ހުޅުދޫ އާއި މީދޫ ރައްޔިތުންގެ ނިންމުން ފާހަގަކުރުމަށް މިރޭ ހަވާއަރުވަނީ

އައްޑޫ ސިޓީ، ހުޅުދޫ އާއި މީދޫގައި ވަކި ކައުންސިލްތައް އުފައްދަން ދެ ރަށުގެ ރައްޔިތުން ނިންމި ނިންމުމާ ގުޅިގެން އެކަމުގެ އުފާ ފާޅުކުރުމަށް ޚާއްސަ ހަރަކާތެއް މިރޭ ބާއްވަން ތައްޔާރުވެއްޖެއެވެ. މިއީ ދެ ރަށުގެ ރައްޔިތުންގެ ނިންމުން ފާހަގަކުރުމަށް ދެ ރަށް ގުޅިގެން ބާއްވާ ހަރަކާތެކެވެ.

މިރޭ 8:30 ގައި ހުޅުދޫމީދޫ މެދު ބަނދަރުގައި ކުރިއަށްގެންދާ މި ހަރަކާތުގައި ޢާއްމު ރައްޔިތުންނަށް ޚާއްސަ ވަރަށް ގިނަ ކަންތައްތަކެއް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި ހަވާއެރުވުމުގެ ހަރަކާތްވެސް ކުރިއަށްދާނެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި މި ދެ ރަށް ތަމްސީލް ކުރައްވާ މެންބަރުން ކަމަށްވާ މުޙައްމަދު ޝާހިދު އާއި އަބްދުއްރަޙުމާން ރައްޔިތުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތް ދައުލަތުގެ މީޑިޔާ، ޕީއެސްއެމް ނިއުސްއިން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތް ބާއްވަނީ އިދާރީގޮތުން ވަކިވެ، ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތައް އުފެއްދުމާ ގުޅޭގޮތުން އިއްޔެ ނެގި ވޯޓުގެ ވަގުތީ ނަތީޖާ އިއުލާނު ކުރުމާ ގުޅިގެންނެވެ. ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ދެ ރަށުގެ ރައްޔިތުންގެ އަޣުލަބިއްޔަތު ބޭނުންވަނީ ވަކި ކައުންސިލްތައް އުފެއްދުމަށެވެ. މީގެ ކުރިން މި ދެ ރަށް ހިމެނެނީ ހުޅުދޫ ދާއިރާގެ ދަށުން އެއް ކައުންސިލެއްގެ ބެލުމުގެ ދަށުގައި އޮންނަ ސަރަހައްދެއްގެ ގޮތުގައެވެ.

އައްޑޫ ސިޓީގެ 3 ރަށެއް އިދާރީގޮތުން ވަކިކޮށް، ވަކި ކައުންސިލްތައް އުފެއްދުމާ ގުޅޭގޮތުން ރައްޔިތުންގެ ވޯޓު ނެގި އިރު، ހުޅުދޫ އަދި މީދޫގެ އިތުރުން ފޭދޫގެ ރައްޔިތުންވެސް މި ވޯޓުގައި ބައިވެރިވިއެވެ. ނަމަވެސް ފޭދޫގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި އެ ރަށުގެ ރައްޔިތުން ނިންމާފައިވަނީ އިދާރީ ގޮތުން ވަކި ނުވުމަށެވެ. މިއީ އައްޑޫ ސިޓީގެ ތަރައްޤީއަށް ދެ ރަށުގެ ރައްޔިތުން ދެކޭ މުހިންމު ބަދަލެކެވެ. ވަކި ކައުންސިލްތަކެއް އުފެދުމުން ރަށްރަށުގެ އިދާރީ ކަންކަން ހަރުދަނާވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ހަލުވިވެގެންދާނެ ކަމަށް ބެލެވެއެވެ.

މި ނިންމުމަކީ ދެ ރަށުގެ ދިގު މުއްދަތުގެ ކުރިއެރުމަށް މުހިންމު ނިންމުމެއް ކަމަށް ދެ ރަށުގެ ރައްޔިތުން ދެކެމުންދާއިރު، މިރޭގެ ހަރަކާތްތަކަކީ މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު