ސިނގިރޭޓު ކޮންޓެއިނަރުތަކެއް ވަގަށް ނެގި މައްސަލައާ ގުޅިގެން ހުކުރު ދުވަހު ހައްޔަރުކުރި ތިން މީހެއްގެ ފޮޓޯ މިހާރު ފުލުހުން ވަނީ އާންމުކޮށްފައެވެ. ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން ތަހުގީގު ކުރަމުން އަންނަ މި މައްސަލައަކީ، ބޮޑު ވައްކަމެއްގެ ގޮތުގައި ފާހަގަ ކުރެވޭ މައްސަލައެކެވެ. ފުލުހުން މިހާރު ވަނީ މި ތިން މީހުންގެ ވަނަވަރާއެކު ފޮޓޯތައްވެސް ހާމަކޮށްފައެވެ.
ހުކުރު ދުވަހު ހައްޔަރުކުރި ތިން މީހުންނަކީ ނޫރަލީގެ / ހދ.ވައިކަރަދޫ، އަޙްމަދު ޝަހީމް (42އ) އާއި ޗާނދަނީގެ / ސ.ހިތަދޫ، ޙުސައިން ސާމިޙު (35އ) އާއި ހ. ރުމޭނިޔާ / މާލެ، އަޙްމަދު ފިރުސާން (35އ) އެވެ. އެމީހުން ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަޙްމަދު ޝަހީމާއި ޙުސައިން ސާމިޙު ވަނީ 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. އަދި އަޙްމަދު ފިރުސާން 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރު ނެރެފައެވެ.
މީގެ އިތުރުން މައްސަލައިގައި ކުރިން ހައްޔަރުކޮށްފައިވާ މުޙައްމަދު ވަޙީދު (48އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ މައްޗަށް ދައުވާކޮށް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. މުޙައްމަދު ވަޙީދަކީ އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާކަން ފާހަގަކޮށްލެވެއެވެ.
މި މައްސަލަ އަކީ މި އަހަރުގެ އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލައެކެވެ. މި މައްސަލައިގެ ތުހުމަތުގައި ފުރަތަމަ 4 މީހަކު ފުލުހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
ފުލުހުން ވިދާޅުވީ މި ބޮޑު ވައްކަމުގެ މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށާއި، މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ތަހުގީގު ކުރިއަށްދާ މިންވަރަކުން އާންމުކުރަމުން ގެންދާނެ ކަމަށެވެ. މި މައްސަލައިގައި އިތުރު ފަރާތްތަކުގެ ބައިވެރިވުން ހުރިތޯ ބެލުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.



